ހަތަރު ސްކޫލެއް ބައިވެރިވާ އަރުތަ ކޭމްޕް އިމާދުއްދީން ސްކޫލުގައި ފަށައިފިއެވެ.
މިއީ އެ ސްކޫލުން އިސްނަގައިގެން ގުރޭޑް 10 ގެ ދަރިވަރުން ސާނަވީ އިމްތިޙާނަށް ތައްޔާރު ކުރުމާއި، ދަރިވަރުން ބާރުވެރި ކުރުވުމަށް ކުރިއަށް ގެންދާ ކޭމްޕެކެވެ. މި ކޭޕްމް ފައްޓަވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރަޓަރީ އަހުމަދު އަލީއެވެ.

މި ކޭމްޕްގައި ބައިވެރިވަނީ ވަނީ ވ. ކެޔޮދޫ ސްކޫލާއި ތ. މަޑިފުށީ ސްކޫލާއި ވ. އަތޮޅު ތަޢުލީމީ މަރުކަޒާއި ށ. އަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. މި ކޭމްޕް ދިހަ ދުވަހަށް ކުރިއަށް ގެންދާނެއެވެ.
އިމާދުއްދީން ސްކޫލްގެ ލީޑިން ޓީޗަރު، މަރިޔަމް އަޒުމާ ދަރިވަރު ނޫހަށް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް އެ ސްކޫލުގެ ފަރާތުން އަތޮޅުތެރޭގެ ބައެއް ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި، އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު އެ ސްކޫލްގެ އެހީހޯދަން ގިނަ ސްކޫލްތަކުން ހުށަހެޅި ކަމަށެވެ.
" މީގެ ކުރިން އެހީތެރިކަން ފޯރުކޮށް ދެމުން އައީ ސްކޫލްތަކަށް ވަކިން. ވަގުތަށް ބަލައި، އެންމެ ރަނގަޅު ގޮތަކީ ގިނަ ސްކޫލްތަކަށް އެއްފަހަރާ އެހީތެރިކަން ފޯރުކޮށްދީގެން ކަމަށް ފެންނާތީ، ހަތަރު ސްކޫލް ބައިވެރިކޮށްގެން ކޭމްޕް ފެށީ"

އަޒުމާ ވިދާޅުވީ، އަރުތަ ކޭމްޕްގެ ތެރެއިން ހެނދުނު ދަންފަޅީގައި އެ ސްކޫލްގެ ދަރިވަރުންނެކޭ އެއް ގޮތަށް ކޭމްޕްގައި ބައިވެރިވާ ހަތަރު ސްކޫލްގެ ދަރިވަރުންނަށް ވެސް ކިޔެވުން ކުރިއަށް ގެންދާނެ ކަމަށެވެ.
" އަޅުގަނޑުމެންގެ ހުރިހާ ރިސޯސެއްގެ ބޭނުން ހިފައިގެން އަޅިގަނޑެމެންގެ ކުދިންނެކޭ އެއްވަރަކަށް ޚިދުމަތް ފޯރުކޮށްދޭނަން."
އަޒުމާ ވިދާޅުވީ، މެންދުރުފަހު ދަންފަޅީގައި ކޭމްޕުގައި ބައިވެރިވާ ސްކޫލްތަކުން ބޭނުންވާ ލެކްޗަރާއިންނާއި ޓީޗަރުން ގެނައުމުގެ އިޚްތިޔާރު އޮންނާނެ ކަމަށެވެ.
" ހެނދުނުގެ ދަންފަޅީގައި ކިޔަވާ ދޭ މާއްދާތައް ނަންގަވާނީ އިމާދުއްދީނުގެ ޓީޗަރުން. މެންދުރު ފަހުގެ ދަންފަޅީގައި ކޮންމެ ސްކޫލަކަށް ވެސް އެ ސްކޫލަކުން ބޭނުންވާ ލެކްޗަރާއިން ގެނެސްގެން ވަކިވަކި މާއްދާތައް ނެގުމުގެ ފުރުޞަތު އޮންނާނެ"

އަޒުމާ ވިދާޅުވީ، ކޮންމެ ރެއަކުން 07:30 ން 21:30އަށް މޯޓިވޭޝަނަލް ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ސެޝަންތައް ނަންގަވާނީ އިމާދުއްދީނުގެ ޓީޗަރުންނާއި ބޭރުން ގެންނަ ޚާއްޞަ މެހުމާނުން ނެވެ.
ފިޒިކަލް އެކްޓިވީޓި ތަކެއް ވެސް މި ކޭމްޕްގެ ތެރެއިން ކުރިއަށް ގެންދަން ވަނީ ރާވާފައެވެ. އޭގެ ތެރޭގައި އިމާދުއްދީން ސްކޫލްގެ ދަރިވަރުންނާއެކު އެ ހަތަރު ސްކޫލްގެ ދަރިވަރުން ބައިވެރިވާ ކުޅިވަރުގެ ޙަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެއެވެ.
"މިއީ އެއްކުއްޖަކު އަނެއްކުއްޖަކު ދަސްކުރަން ވެސް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއް" އަޒުމާ ވިދާޅުވިއެވެ.
advertisment
ހިޔާލު