ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް، ކާމިލު ދީދީ ޕްރައިމަރީ ސްކޫލްގެ ދަރިވަރުން ކިޔާނެ ފޮތް ސެޓެއް ތަޢާރަފުކޮށް، ރީޑިންގ ކޭމްޕް އިއްޔެ ފަށައިފިއެވެ.
މި ކޭމްޕް ފައްޓަވައި ދެއްވީ އެ ސްކޫލްގައި އިއްޔެ ބޭއްވި ޚާއްޞަ އެސަމްބްލީގައި، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދެވެ.
ކާމިލު ދީދީ ސްކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން މިއަދު ނެރުނު ފޮތް ބަޔަކީ އެކުދިން ކިޔުމާއި ލިޔުމަށް އަހުލުވެރި ކުރުވަން އެ ސްކޫލްގެ ޕްރިންސިޕަލް ފާތިމަތު ލީނާ ލިއުއްވި، ހަ ފޮތުގެ މައްޗަށް އެއްކުލެވޭ ފޮތް ބައެކެވެ.

ލީނާ ދަރިވަރު ނޫހަށް ވިދާޅުވީ، އެލްކޭޖީން ފެށިގެން ގުރޭޑް 6 އާ ހަމައަށް އަމާޒުކޮށްގެން، އޭނާ ލިއުއްވި ފޮތްތަކަކީ އެ ސްކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ތައްޔާރު ކުރެއްވި ފޮތްތަކެއް ކަމަށެވެ.
ލީނާ ވިދާޅުވީ، އެ ފޮތްތަކަކީ ކިޔުމާއެކު ލިޔުމަށް ވެސް ބާރުއަޅާ ގޮތަށް ތަފާތު ވައްތަރުގެ މަސައްކަތްތައް ވެސް ހިމަނައިގެން ތައްޔާރުކޮށްފައިވާ ފޮތްތަކެއް ކަމަށެވެ. ފޮތުގައި ހުންނަ މަސައްކަތްތައް ފުރިހަމަ ކުރާ ވަރަކުން ދަރިވަރުންނަށް ބެޖް ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ އަދި ނެތް ލައިބްރަރީއެއް. ދަރިވަރުންނަށް ރީޑިންގ ކޭމްޕް ކުރިއަށް ގެންދަން ބޭނުން ވެގެން، އެހެން ސްކޫލްތަކުގައި އަޅުގަނޑުމެން އެދުނީ ފޮތް ހަދިޔާކުރަން" ލީނާ ވިދާޅުވިއެވެ.
ލީނާ ވިދާޅުވީ، އެ ސްކޫލުން އެދުނު އެދުމަށް އިޖާބަދީ ބައެއް ސްކޫލުތަކުން އެ ސްކޫލަށް ފޮތް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

ފޮތް ހަދިޔާކުރީ، ހުޅުމާލެއިން ރެހެންދި ސްކޫލުންނެވެ. އޭގެ އިތުރުން، އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި، ހިރިޔާ ސްކޫލާއި ކަލާފާނު ސްކޫލްގެ އިތުރުން ވިލިނގިލީގައި ހުންނަ މުޙްޔިއްދީން ސްކޫލުން ވެސް ފޮތް ހަދިޔާ ކުރިއެވެ.
ފޮތް ހަދިޔާ ކުރި ސްކޫލްތަކަށް ކާމިލު ދީދީ ސްކޫލުން ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
ލީނާ ވިދާޅުވީ، އެ ސްކޫލުގައި އައުޓްޑޯ ލައިބްރަރީއެއް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
advertisment
ހިޔާލު