ބާރަށު ސްކޫލްގެ ހުނަރު ޕްރޮގްރާމުން ދިރިއުޅުމުގެ އެތައް ހުނަރެއް

ހއ. ބާރަށު ސްކޫލުން ފެށި ހުނަރު ޕްރޮގްރާމުން އެ ސްކޫލްގެ ދަރިވަރުންނަށް، ދިރިއުޅުމުގެ އެތައް ހުނަރެއް ދަސްކޮށްދެވޭ ކަމަށް އެ ސްކޫލުން ބުނެފިއެވެ.

ލީޑިންގ ޓީޗަރު އާއިޝަތު ވާފިރާ ދަރިވަރު ނޫހަށް ވިދާޅުވީ، ހުނަރު ޕްރޮގްރާމު ކުރިއަށް ގެންދަނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހަށް ތާވަލުކޮށް ގެންގެންނެވެ. މިހާރު އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ފައުންޑޭޝަންގެ ދަރިވަރުން ފެށިގެން ގުރޭޑް 6 ގެ ދަރިވަރުންނަށެވެ.

ހުނަރު ޕްރޮގްރާމުން ދަސްކޮށް ދެނީ، ކުއްޖަކު ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ ހުނަރުން ފެށިގެން އެ ކުއްޖެއްގެ ޢުމުރާ އެއްވަރުގެ ހުނަރުތަކެވެ.

" ދަތް އުނގުޅާނެ ގޮތުން ފެށިގެން މަންމަ މެންނަށް އެހީވުމުގެ ގޮތުން ބަދިގެއާއި ގޭތެރޭގައި ކުރާނެ ކަންތައްތައް ދަސްކޮށް އެބަ ދެން" ވާފިރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ސްކޫލުން އަލަށް ފެށި ހުނަރު ޕްރޮގްރާމަށް ބެލެނިވެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށާއި، ތާވަލު ކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމަށް ބޭނުންވާ ތަކެތި ހޯދައިދިނުމުގައި ވެސް ބެލެނިވެރިންގެ ދައުރު ބޮޑުކަމަށެވެ.

" ބެލެނިވެރިން ތިބީ މިފަދަ ޕްރޮގްރާމެއްގެ ތެރެއިން ވެސް ހުނަރު ދަރިވަރުނަށް ދަސްކޮށް ދެވޭތީ، ހިތްހަމަޖެހިފައި. ކުދިން ވެސް ވަރަށް ގަޔާވެގެން ބައިވެރިވަނީ" އޭނާ ވިދާޅުވިއެވެ.
ހުނަރު ޕްރޮގްރާމް ކުރިއަށް ގެންދަނީ ކޮންމެ ހަފުތަކާ އަކަށް ވަކި ތީމެއް ކަނޑައަޅައިގެންނެވެ.

ގުރޭޑް ދިހައަކާ ހަމައަށް، ބާރަށު ސްކޫލްގައި 250 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *