އަފީފުއްދީނުގެ ޕީޓީއޭގެ މަސައްކަތު ދުވަސް: ހަތަރު ގަޑިއިރުން އެއްލައްކަ ރުފިޔާ

ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލުގެ ޕީޓީއޭއިން އިސްނަގައިގެން މިއަދު ކުރިއަށް ގެންދިޔަ މަސައްކަތް ދުވަހުގެ ޙަރަކާތް ތަކުން 106،480.50 ރުފިޔާ ހޯދައިފިއެވެ.

މިއީ މިހާތަނަށް އެ ސްކޫލުން ކުރިއަށް ގެންދިޔަ މަސައްކަތް ދުވަސްތަކާ އަޅާބަލާއިރު، ރެކޯޑް އަދަދެކެވެ.

" ހަތަރު ގަޑިއިރަށް ދިގު ދެމިގެން ދިޔަ މަސައްކަތް ދުވަހުގެ ޙަރަކާތްތަކުން ލައްކައެއްހާ ރުފިޔާ ހޯދުމަކީ އެއީ ރެކޯޑެއް" ޕްރިންސިޕަލް ނާސިޙާ އިދުރީސް ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

އަފީފުދީން ސްކޫލްގެ ބެލެނިވެރިންނާއި މުދައްރިސުންގެ ގުޅުމުން، މަސައްކަތު ދުވަހުގެ ޙަރަކާތް ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 6:30 ން ފެށިގެން މެންދުރު 12:00 އަށެވެ. މަސަތަށް ނުކުތީ 21 ގުރޫޕަށް ބަހާލައިގެންނެވެ. 21 ވަނައަށް ނުކުތީ، އެ ސްކޫލުގެ މުއައްޒަފުންގެ ހިމެނޭ ގުރޫޕެކެވެ.

ނާސިޙާ ވިދާޅުވީ، މަސައްކަތު ދުވަހުން ލިބުނު ފައިސާ ޚަރަދު ކުރާނީ ދަރިވަރުންގެ ކުރިއެރުމާ ގުޅުން ހުރި މުހިންމު ކަންތައްތަކަށެވެ.

އޭނާ ވިދާޅުވީ، އެ ސްކޫލްގެ މައިބަދައަކީ ބެލެނިވެރިން ކަމަށާއި ސްކޫލްގެ ޙަރަކާތްތަކުގައި ބެލެނިވެރިން ބައިވެރިވާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށެވެ. އެ ސްކޫލަށް ލިބެމުންދާ ކާމިޔާބީގެ އަޞްލަކީ ބެލެނިވެރިން ދެމުންދާ ސަޕޯޓެވެ.

" މިއީ ނަމޫނާ ބެލެނިވެރިން ތިބި ސްކޫލެއް. ކޮންމެ ކަމެއްގައި ވެސް ބެލެނިވެރިން ދައްކަނީ ނަމޫނާއެއް" ހާހެއްހާ ދަރިވަރުން ކިޔަވަމުންދާ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *