ކެންސަރަށް ފަރުވާ ހޯދަމުންދާ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ގުރޭޑް 9 ބީގެ ދަރިވަރު މުހައްމަދު ޢާލިފް އަހުމަދަށް އެހީވާން އޭނާގެ ކުލާސް ކުދިން ފެށި މަސައްކަތުގައި އައްޑޫސިޓީ ހިތަދޫ ސްކޫލްގެ ދަރިވަރުން ބައިވެރިވެއްޖެއެވެ.
އާލިފަށް އެހީވާން އޭނާގެ ކުލާސް ކުދިން ފެށި "ދީލަތި ހިތްތަކުން… އާލިފް އާއިއެކު" ކެމްޕޭނުގައި ހިތަދޫ ސްކޫލްގެ ގުރޭޑް ނުވައެއްގެ ދަރިވަރުން އިސްވެ ފަންޑްރެއިޒިން ޙަރަކާތެއް ގެންދިޔައީ އެ ސްކޫލްގެ އިންޓަވަލް ގަޑީގައެވެ.

ވިހި މިނިޓަށް ދިގު ދެމިގެންދިޔަ އިންޓަވަލްގަޑީގައި ކަޕް ކޭކު ވިއްކައިގެން 6،775.50 ރުފިޔާ ވަނީ ހޯދާފައެވެ.
މި ފަންޑްރެއިޒިން ހަރަކާތުން ލިބުނު ފައިސާ އާލިފް ގެ ބޭސްފަރުވާއަށް ހަދިޔާކުރުމަށްޓަކައި، ޙަމަދު ސްކޫލާ ވަނީ ހަވާލުކޮށްފައެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމުގައި ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުން އަދި ބެލެނިވެރިން ގުރޭޑް 9 އެއްގެ ދަރިވަރުންނަށް ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އެ ސްކޫލުން ވަނީ ފާހަގަކޮށްފައެވެ.

ހިތަދޫ ސްކޫލްގެ ގުރޭޑް 9ގައި 87 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ ދަރިވަރު ނޫހަށް ވިދާޅުވީ، އާލިފަށް އެހީވާން ނިންމީ ގުރޭޑް ދަރިވަރުން އަމިއްލައަށް ކަމަށާއި، މިފަދަ ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވުމުގެ ސަބަބުން ކަންކަމަށް އިސްނެގުމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މުހިއްމުކަން އެނގި، ކަންކަމާ ކުރިމަތިލާން ދަސްވާ ކަމަށެވެ.
" ކުދިން އަމިއްލައަށް ނިންމައިގެން ކަޕް ކޭކު ވެސް ގެނައީ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެކުދިން ކުރި މަސައްކަތާ މެދު ސްކޫލުން ފަޚުރުވެރިވޭ" ޑރ. އާސިޔަތު ވިދާޅުވިއެވެ.
އާލިފަށް އެހީވާން ފަންޑްރެއިޒިން ޙަރަކާތެއް އޭނާގެ ކުލާސް ކުދިން ފެއްޓީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް އެ ޙަރަކާތް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
އާލިފު ކެންސަރަށް ފަރުވާ ހޯދަމުން ދަނީ އިންޑިޔާއިންނެވެ.
advertisment
ހިޔާލު