ކެންސަރަށް ފަރުވާ ހޯދަމުންދާ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ގުރޭޑް 9 ބީގެ ދަރިވަރު މުހައްމަދު ޢާލިފް އަހުމަދަށް އެހީވާން އޭނާގެ ކުލާސް ކުދިން ނުކުމެއްޖެއެވެ. އެކުދިންގެ އިސްނެގުމާއެކު އެ ސްކޫލްގައި މިއަދު ވަނީ "ދީލަތި ހިތަކުން..އާލިފް އާއިއެކު.." ގެ ނަމުގައި ފަންޑްރެއިޒިން ހަރަކާތެއް ފަށާފައެވެ. މިއަދު ބޭއްވި އެސަމްބްލީ ޚާއްޞަ ކުރީ އެކަމަށެވެ.
އާލިފް ދަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިޔާގައި ގްރޭޑް ލީފޯމާ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

އާލިފަށް އެހީ ހޯދުމުގެ ޚަރަކާތުގައި އިސްކޮށް އުޅޭ ދަރިވަރަކު ބުނީ، އިންޑީޔާގައި ފަރުވާ ހޯދަމުން ދިޔަ ނަމަވެސް، އެ ހުރިހާ ކުދިން ތިބީ އޭނާއާ އެކުގައި ކަމަށާއި، އެހީތެރިވުމުގެ ޙަރަކާތެއް ފެށީވެސް ޢަމަލީ ގޮތުން އެކަން ދެއްކުމުގެ ގޮތުންނެވެ. އެ ކުލާހުގައި 23 ކުދިން ކިޔަވަމުން ގެންދެއެވެ.
" މިހާރުވެސް އަޅުގަނޑުމެންނާ އޮންނަ ގުޅުމަކަށް ބަދަލެއް ނާދޭ. އަޅުގަނޑުމެންގެ ބޭނުމަކީ އެހީތެރިކަމުގެ ކޮންމެވެސް މިންވަރެއް ފޯރުކޮށްދިނުން. މިކަމުގައި މި ސްކޫލްގެ އެހާރާއި މިހާރުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އެހީތެރިކަން ބޭނުންވޭ"
ޕްރިންސިޕަލް މުޙައްމަދު ޝައުކަތު ވިދާޅުވީ، އެކުދިންގެ އިސްނެގުމަށް އެފަދަ ހަރަކާތެއް ފެށުމުން، ފަޚުރުވެރިވާ ކަމަށާއި، އެ ސްކޫލްގެ އެހީތެރިކަމާއެކު ކެމްޕޭނުގެ ހުރިހާ ކަމެއްގައި ވެސް ލީޑްކުރާނީ އެ ކުލާސްގެ ދަރިވަރުން ކަމަށެވެ.

" މިއީ ކުދިންގެ ފަރާތުން ފެނުނު ވަރަށް ރަނގަޅު އިސްނެގުމެއް. ލީޑިންގ ޓީޗަރެއްގެ ބެލުމުގެ ދަށުން ސްކޫލްގައި މި ޙަރަކާތް ކުރިއަށްދާއިރު، ލީޑްކުރާނީ ވެސް އެ ކުދިން" ޝައުކަތު ވިދާޅުވިއެވެ.
ލިޑިންގ ޓީޗަރު އާމިނަތު ޒީނާ ވިދާޅުވީ، އާލިފަކީ ކިޔެވުމާއި އެއްވަރަށް އިތުރު ޙަރަކާތްތަކުގައި ވެސް ނަގާ ކިޔާ، ކުދިންނާ ގުޅިގެން އުޅޭ ރަނގަޅު ދަރިވަރެއް ކަމަށެވެ.
" އަޚުލާގު ރަނގަޅު، ސްކޫލްގެ ގިނަ ޙަރަކާތްތަކުގައި ބައިވެރިވާ މޮޅު ދަރިވަރެއް އެއީ" ޒީނާ ވިދާޅުވިއެވެ.

އެހީ ވުމަށް ހިންގާ ޙަރަކާތް އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެއެވެ. ފައިސާގެ އެހީއެއް ވެދޭނަމަ ލިޑިންގ ޓީޗަރު އާމިނަތު ޒީނާގެ އެކައުންޓް ނަމްބަރު 7703363563102 އަށް ޖަމާކޮށް ދިނުމަކީ އެއީ އެކުދިންގެ ވަރަށް ބޮޑު އެދުމެކެވެ.
advertisment
ހިޔާލު