ތިން މަސް ތެރޭގައި، 81 އިންސައްތަ ދަރިވަރުންނަށް ފަތަން ދަސްކޮށްދީގެން ނައިފަރުގައި ހުންނަ މަދަރަސަތުލް އިފްތިތާޙުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
ސްވިމިން އެސޯސިއޭޝަނާއި ނައިފަރު ކައުންސިލުގެ ބޮޑު އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ "މަށަށް މިހާރު ފަތަން އެނގޭ" ޕްރޮގްރާމުގެ ދަށުން އެ ސްކޫލްގެ ގުރޭޑް 1ން ފެށިގެން 11ގައި ކިޔަވަމުންދާ 842 ދަރިވަރުންގެ ތެރެއިން 81 އިންސައްތަ ދަރިވަރުންނަށް ވަނީ ފަތަން ދަސްކޮށްދީފައެވެ. ފަތަން ދަސްކޮށްދިނުމުގައި އިންސްޓްރަކްޓަރެއްގެ ގޮތުން މަސައްކަތް ކުރީ، ނައުފަލް މޫސާއެވެ. އޭނާ ވަނީ އެތަކެއް ސްކޫލެއްގެ ދަރިވަރުންނަށް މީގެ ކުރިން ފަތަން ދަސްކޮށްދީފައެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، އާބާދީ ބޮޑު ސަރަޙައްދަކަށް ބަލާއިރު، އެއީ އެއްވެސް ސަރަޙައްދަކުން މިހާތަނަށް ޙާޞިލްކުރެވުނު ނަތިޖާއެއް ނޫން ކަމަށެވެ.

މަދަރަސަތުލް އިފްތިތާޙުގެ ޕްރިންސިޕަލް އައިޝަތު ފަރުހަތު ވިދާޅުވީ، 81 އިންސައްތަ ދަރިވަރުންނަށް ފަތަން ދަސްކޮށް ދީގެން އެ ސްކޫލުން ހޯދި ބޮޑު ކާމިޔާބީގައި ބޮޑު ހިއްސާއެއް ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ސްވިމިން އެސޯސިއޭޝަނުން އަދާކޮށްފައިވާ ކަމަށެވެ. އަދި ޚާއްޞަ ގޮތެއްއްގައި ނައިފަރު ޕޮލިސް ސްޓޭޝަނާއި، އެޓޯލް ކޮމާންޑަރުގެ ނަން ޕްރިންސިޕަލް ވަނީ ފާހަގަ ކުރއްވާފއެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ހޯދި އެ ކާމިޔާބީ ދެމެހެއްޓުމަށް ބާކީ ތިބި ދަރިވަރުންނަށް ފަތަން ދަސްކޮށް ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ސްކޫލުން އިސްކަމެއް ދިނީ ކީސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް އަމާޒުކޮށް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށެވެ. އެއީ އެކުދިންގެ މުޤައްރަރުގެ ތެރެއިން ހާސިލު ކުރަންޖެހޭ މިންވަރު އެކުދިންނަށް ހާސިލު ކޮށް ދިނުމަށެވެ. ބެލެނިވެރިންގެ ފަރާތުން ލިބިގެންދިޔަ ތަރުހީބުން، ޕްރޮގްރާމް ހިންގަން ކުރިން ކަނޑައެޅި އެއް މަސްދުވަހުގެ މުއްދަތު، 3 މަސްދުވަހަށް އިތުރުކުރަން ޖެހުނު ކަމަށް ފަރުހަތު ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެންގެ އަމާޒަކީ މަދަރަސަތުލް އިފްތިތާޙުގެ ހުރިހާ ދަރިވަރުންނަކީ ފަތަން ދަންނަ ދަރިވަރުންނަށް ހެދުން" ފަތަން ދަސްކޮށްދޭން ހިންގި ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތުގައި ފަރުހަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ބާކީ ތިބީ، އެލްކޭޖީއާއި ޔޫކޭޖީގެ 171 ދަރިވަރުންނާއި ގުރޭޑް 12ގައި ކިޔަވަމުންދާ ހަ ކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ " އަލިމަސް" ކުލާހުގައި ކިޔަވަމުންދާ 18 ދަރިވަރުންނެވެ.

" މި ދަރިވަރުންނަށް ވެސް ފަތަން ދަސްކޮށްދީ، އަޅުގަނޑުމެން ޓާގެޓަކީ ހުރިހާ ދަރިވަރުންނަކީ ފަތަން ދަންނަ ދަރިވަރުންނަށް ހެދުން "
ފަރުހަތު ވިދާޅުވީ، ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި "އަލިމަސް" ކުލާހުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމާއި މޫދު ކުޅިވަރުތައް ކުރިއަށް ގެންދަން އެ ސްކޫލްގެ ދެ މުވައްޒަފަކު ތަމްރީނު ކޮށްފައިވާ ކަމަށެވެ.
advertisment
ހިޔާލު