ކަރަންޓްގެ މައްސަލަ ހައްލުކޮށް ރެހެންދި ސްކޫލްގައި ކިޔަވައިދޭން ފަށާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރެހެންދި ސްކޫލްގެ ކަރަންޓް ވިއުގައަށް ލިބުނު ގެއްލުން ސްޓެލްކޯއިން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެ މަސައްކަތް ނިންމާލެވި ކިޔަވާދޭން ފެށޭނެ ކަމަށް ލަފާކުރެވޭނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށެވެ. ކިޔެވުން މެދުކަނޑާލަން ޖެހުމުން، މާދަމާއިން ފެށިގެން އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައި ދިނުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިރޭ ވަނީ ބުނެފައެވެ.
އޮންލައިންކޮށް ކިޔަވައިދޭ ކުލާސްތަކުގެ ޓައިމްޓޭބަލް ބެލެނިވެރިންނާ ހިއްސާ ކުރެވިފައިވާ ކަމަށާއި، ފިލާވަޅުތަކާ ގުޅޭ އިތުރު މައުލޫމާތު ކުލާސްތަކުގެ ވައިބަރ ގުރޫޕްތަކުގައި ޙިއްސާ ކުރަމުން ގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން މި ރޭ ވަނީ ބުނެފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ކުލާސްތައް ގޫގުލް މީޓް މެދުވެރިކޮށް ކުރިއަށް ގެންދިއުމާއި ވައިބަރ މެދުވެރިކޮށް މަސައްކަތް ދަރިވަރުންނާ ހަވާލު ކުރުމާއި މަސައްކަތު ކަރުދާހުގެ ގޮތުގައި ހަވާލުކުރެވޭ މަސައްކަތާއި މައިދާނީ ދަތުރުތައް ވެސް ރޭވިގެން ދާނެ ކަމަށެވެ.
އޮންލައިންކޮށް ކިޔަވައިދޭން އާންމު ކުރި ތާވަލުގައި ބުނެފައިވާ ގޮތުން، ގުރޭޑް އެކަކަށް ކިޔަވައިދޭނީ ހެނދުނު 9އާއި 11އާ ދެމެދުއެވެ. 2ން 6އަށް މެންދުރު 1ން ހަވީރު5 އަށެވެ. 7ން 10އަށް ހަވީރު 4ން 6އަށް އަދި ރޭގަނޑު 8ން 9އާ ދެމެދުއެވެ. ޔޫކޭޖީ ކުދިންނަށް ކިޔަވައިދޭނީ، ހަވީރު 4ން 6އާ ދެމެދުއެވެ.
ރެހެންދި ސްކޫލްގައި ކަރަންޓް ވިއުގައަށް ގެއްލުން ލިބުނީ އެ ޕެނަލްބޯޑެއްގައި ރޯވުމުގެ ސަބަބުންނެވެ.
advertisment
ހިޔާލު