ޒޯން އެކެއްގެ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން އަފީފުއްދީނުން ހޯދައިފިއެވެ. މިއަދު ހަވީރު ޖަލާލުއްދީނާ ބައްދަލުކޮށް އަފީފުއްދީނުން ތަށި ގެންދިޔައީ 2-20 ގެ ބޮޑު ތަފާތަކުންނެވެ. ފައިނަލް މެޗްގެ ވުމެން އޮފް ދަ މެޗަކަށް ހޮވުނީ އަފީފުއްދީން ސްކޫލްގެ މަރިޔަމް ނާޔާއެވެ. 13 އަހަރުން ދަށުގެ ބައިގައި ބައިވެރިވެފައި ވަނީ ފަސް ސްކޫލަކުންނެވެ. އެއީ ށ. ފުނަދޫ ސްކޫލާއި ހދ. ނެއްލައިދޫ ސްކޫލާއި ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީނާއި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރުން އަފީފުއްދީނެވެ.
13 އަހަރުން ދަށުގެ ބައިން އެންމެ ގިނަ ޕޮއިންޓް ހޯދީ ހުރިހާ މެޗަކުން މޮޅުވެ ޗެމްޕިއަންކަން ހޯދި އަފީފުއްދީނެވެ. ރަނަރަޕްއަށް ދިޔަ ޖަލާލުއްދީނަށް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ކުޅުނު ހުރިހާ މެޗަކުން ބަލިވެފައިވާއިރު، ފުނަދޫ އާއި ނެއްލައިދޫ ސްކޫލް ޕޮއިންޓްގެ ގޮތުން ވީ އެއްވަރެވެ. އެއީ އެއް މެޗުން މޮޅުވެ އެއް މެޗު އެއްވަރު ވުމުންނެވެ.
ނެޓް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން، ތިން ޢުމުރު ފުރައަކަށް ކުރިއަށް ގެންދާ މި މިބާރާތުގައި މިރޭ ކުޅޭނީ 15 އަހަރުން ދަށުގެ ފައިނަލް މެޗެވެ. މި މެޗްގައި ކުޅޭނީ ވެސް އަފީފުއްދީނާއި ކުމުންދޫ ސްކޫލެވެ. މާދަމާ ހަވީރު ކުޅޭނީ 17 އަހަރުން ދަށުގެ ފައިނަލެވެ. ބައްދަލުކުރާނީ އަފީފުއްދީނާއި ޖަލާލުއްދީނެވެ.
advertisment
ހިޔާލު