މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ނުވަ ބޭފުޅަކަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ނުވަ ބޭފުޅަކަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ފަރާތްތަކަށެވެ.

ޑޮކްޓަރ ޢާއިޝަތު ޝަފިނާ

މި އިނާމު މި އެރުވެނީ ސްރީލަންކާގެ ޕެރަދެނިޔާ ޔުނިވަރސިޓީއިން 2019 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯސިއޮލޮޖީ  ހާސިލުކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި އާޓިކަލްތައް، ބައިނަލްއަޤުވާމީ ޖަރނަލްތަކުގައި ޝާއިޢުކޮށްފައިވާތީއެވެ.

ޑޮކްޓަރ ޝަފިނާގެ ޕީ.އެޗް.ޑީ ތީސިސް ބިނާކުރައްވައިފައިވަނީ، ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނު ޕުރޮގްރާމުތަކުގައި ބައިވެރިވުމާއި، އެ ޕުރޮގްރާމުތަކުގައި ދެމިހުރުމާއި، އެ ޕުރޮގްރާމުތައް ނިންމުމުގައި މިންތީގެ ފަރަޤު އޮތް މިންވަރުގެ މައްޗަށެވެ. މި ދިރާސާއަށް މަޢުލޫމާތު އެއްކުރުމަށްޓަކައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން 350 ދަރިވަރުން ހިމެނޭގޮތަށް ސަރވޭއެއްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވައިލެވުނު ބައިވެރިންގެ ދިރިއުޅުމުގެ އެކި މަރުޙަލާތަކާ ގުޅޭ ކޭސް ސްޓަޑީތަކުން މަޢުލޫމާތު އެއްކުރުމުގެ އިތުރުން، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ތަމްސީލުކުރާ ފަރާތްތަކާއި، ގުޅުންހުރި ދާއިރާތަކުގެ ތަޖުރިބާކާރުންނާ ވަނީ އިންޓަރވިޔު ކޮށްފައެވެ.
މި ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި، ޒަމާނުއްސުރެ ރާއްޖޭގައި އޮތް ސަގާފަތާއި އާދަކާދައާއި، ގަބޫލުކުރުންތަކަކީ، މިންތީގެ ތަފާތުކުރުން ގިނަ، ވަކި ޖިންސަކަށް ނިސްބަތްވީތީ، މުޖުތަމަޢުގައި ވަކި ދައުރެއް އަދާކުރުމުގެ މައްޗަށް ބިނާވެފައިވާ ގަބޫލުކުރުންތަކެކެވެ. ތިމާ ނިސްބަތްވާ އާއިލާގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ފުދުންތެރިކަމާއި، ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ފަރުދީގޮތުން ދިމާވާ ކަންކަމާއި، ތިމާ ދިރިއުޅޭ މާޙައުލަށް އަންނަ ބަދަލުތަކާއި، އޭގެ ސަބަބުން ދިމާވާ ކަންކަމުގެ އަސަރު، އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުންގެ ތަޢުލީމީ ޙަޔާތުގެ އެކި މަރުޙަލާތަކަށް ކުރަނީ އެކި މިންވަރަށް އެކި ގޮތްގޮތަށްކަން، މި ދިރާސާއިން ހާމަކޮށްދެއެވެ. މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް، އިޖުތިމާޢީ އަދި އިޤްތިޞާދީ ކަންކަމުގައި، ދެ ޖިންސުގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން ދިރާސާގެ އަލީގައިވަނީ ހުށަހެޅުންތަކެއް ހުށަހަޅުއްވައިފައެވެ.
ޑޮކްޓަރ ޢާއިޝަތު ޝަފިނާ ވަނީ ތަޢުލީމު ހާސިލުކުރެއްވި ދާއިރާއާ ގުޅޭ މާއްދާތަކުން ކިޔަވައިދެއްވާ، ތަފާތު 8 ޕުރޮގްރާމެއްގެ 152 މާއްދާގެ މުޤައްރަރު އެކުލަވައިލައްވައި، މި ދާއިރާއިން އެކި ދިރާސާތައް ކުރި 60 ދަރިވަރެއްގެ ރިސަރޗް ސުޕަވައިޒް ކޮށްދެއްވައިފައެވެ. މީގެ އިތުރުން، ޢަމަލީގޮތުން އިޖުތިމާޢީ ޚިދުމަތުގައި ދެމިހުރެ، ޢިލްމީ ދިރާސާތައްވެސް ކުރައްވަމުން ގެންދަވައެވެ. ޢަމަލީ ތަޖުރިބާއާއި ދިރާސާތަކުގެ އަލީގައި ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުގެ ސީނިއަރ ސޯޝަލް ޕޮލިސީ އެނަލިސްޓްގެ މަގާމުގައި ހުންނަވައިގެންނެވެ.

ޑޮކްޓަރ ފާޠިމަތު މުނާ

މި އިނާމު މި އެރުވެނީ، ބްރޫނާއީ ދާރުއްސަލާމުގެ ޔުނިވަރސިޓީ ބްރޫނާއީ ދާރުއްސަލާމުން 2020 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޑިޔުކޭޝަން ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި ގިނަ އާޓިކަލްތަކެއް، ބައިނަލްއަޤުވާމީ ޖަރނަލްތަކުގައި ޝާއިޢުކޮށްފައިވާތީއެވެ.

ޑޮކްޓަރ ފާޠިމަތު މުނާގެ ޕީ.އެޗް.ޑީ. ތީސިސް ބިނާކުރައްވައިފައިވަނީ، ބްރޫނާއީ ދާރުއްސަލާމުގެ ސަރުކާރުގެ ޘާނަވީ ސްކޫލްތަކުގެ ދަރިވަރުންގެ ފަރާތުން، ކްލާސްރޫމްގެ ތެރޭގައި މުދައްރިސުންނަށް ކުރިމަތިކުރުވާ އަޚްލާޤީ މައްސަލަތަކާއި، އެ މައްސަލަތައް ޙައްލުކުރުމަށް މުދައްރިސުން ގެންގުޅޭ އުކުޅުތަކާއި، ކުރާ އަސަރުތައް ދެނެގަތުމުގެ މައްޗަށެވެ. މީގެ އިތުރުން، ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް ޙައްލުކުރުމަށް މުދައްރިސުންނަށް ބޭނުންވާ އެހީތެރިކަމަކީ ކޮބައިކަން މި ދިރާސާގައި ބަލައިފައިވެއެވެ.

މި ދިރާސާއަށް މަޢުލޫމާތު އެއްކުރުމަށްޓަކައި ބްރޫނާއީ ސަރުކާރުގެ ޘާނަވީ ތިން ސްކޫލަކުން، ހަ މުދައްރިސެއްގެ މެދުގައި ދެ ފަހަރެއްގެ މަތިން އިންޓަރވިޔުކޮށް، 72 އޮބްޒަރވޭޝަން ކުރިޔަށް ގެންދިޔައެވެ. މިގޮތުން އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި، ކްލާސްރޫމްގެ ތެރޭގައި ދަރިވަރުންގެ އަޚްލާޤީ ތަފާތު އެކި މައްސަލަތައް ހިނގާކަމާއި، މިކަންކަން ޙައްލުކުރުމަށް މުދައްރިސުން އެކި ވައްތަރުގެ އުކުޅުތައް ބޭނުންކުރާކަން އެނގިގެން ދިޔައެވެ. ހަމައެއާއެކު، މިކަމުގެ ސަބަބުން އަޚްލާޤީ މައްސަލަ ހުރި ދަރިވަރުންނަށާއި، ގުޅުންހުރި އެހެންފަރާތްތަކަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާކަން މި ދިރާސާގެ މުހިންމު ހޯދުމެއްގެ ގޮތުގައި އެނގިގެން ދިޔައެވެ. އަދި، މުދައްރިސުންގެ ޤާބިލްކަން އިތުރުކުރުމަށްޓަކައި މުދައްރިސުންގެ ތަމްރީނު ޕުރޮގްރާމުތަކުގެ ތެރޭގައި، މި މައްސަލަތައް ޙައްލުކުރާނެގޮތްތައް ހިމަނައިގެން ކުރިޔަށް ގެންދިޔުމާއެކު، ސްކޫލް ލީޑަރާއި، ސީނިއަރ މެނޭޖްމަންޓުގެ އެހީތެރިކަން މުހިންމުކަން ފާހަގަވެގެންދިޔައެވެ. އަދި ޒަމާނަށް އައި ބަދަލާއެކު ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް ތަފާތުވެފައިވާތީ، މައްސަލަތައް ޙައްލުކުރުމަށް އައު އުކުޅުތަކެއް ބޭނުންވާކަން މި ދިރާސާއިން ހާމަވެގެން ދިޔައެވެ.

ޑޮކްޓަރ ފާޠިމަތު މުނާ، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ލިޔުއްވި އާޓިކަލްތައް، ސްކޯޕަސް އިންޑެކްސް ކުރެވިފައިވާ ޖަރނަލްތަކުގައްޔާއި، އިންޓަރނޭޝަނަލް ރެފްރީޑް ޖަރނަލްތަކުގައިވަނީ، ޝާއިޢުކޮށްފައެވެ. ޑޮކްޓަރ ފާޠިމަތު މުނާއަކީ، ޢަމަލީގޮތުން ދިރާސާތައް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޑޮކްޓަރ މުނާއަކީ، ޔުނައިޓެޑް ނޭޝަންސްއިން ފަންޑުކޮށްގެން ކުރިޔަށް ގެންދިޔަ ދިރާސާއަކާއި، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ރިސަރޗް ސެންޓަރ (އައި.ޑީ.އާރު.ސީ.) އިން ކުރިއަށްގެންދާ ދިރާސާއެއްގެ ޓީމުގެ މެންބަރެއްވެސް މެއެވެ. ޑޮކްޓަރ ފާޠިމަތު މުނާ މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ، ކުއްލިއްޔާ އޮފް އެޑިޔުކޭޝަންގެ ސީނިއަރ ލެކްޗަރަރއެއްގެ މަގާމުގައެވެ.

ޑޮކްޓަރ ޢާއިޝަތު ނަޝީދާ

މި އިނާމު މި އެރުވެނީ، މެލޭޝިޔާގެ ޔުނިވަރސިޓީ ޕުތުރާ މެލޭޝިޔާއިން 2020 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ (ސޯޝަލް ސައިކޮލޮޖީ) ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާގެ ވަކިވަކި ބައިތައް ބައިނަލްއަޤުވާމީ ދެ ރެފްރީޑް ޖަރނަލެއްގައި ޝާއިޢު ކޮށްފައިވާތީއެވެ.

ޑޮކްޓަރ ނަޝީދާގެ ޕީ.އެޗް.ޑީ. ދިރާސާ ބިނާކުރައްވައިފައިވަނީ، ދިވެހިރާއްޖޭގައި ހިންގަމުން ގެންދާ "ލައިފް ސްކިލްސް އެޑިޔުކޭޝަން ޕުރޮގުރާމު" ގައި ބައިވެރިވެފައިވާ ފުރާވަރު އުމުރުފުރައިގެ ކުދިންގެ ތަޖުރިބާތަކުގެ މައްޗަށެވެ. މި ދިރާސާގައި، ލައިފް ސްކިލްސް އެޑިޔުކޭޝަން ޕުރޮގުރާމުތަކުގެ ބޭނުންތެރިކަމާއި ފައިދާތައް ދެނެގަތުމާއި، އިތުރަށް ދިރާސާކުރަންޖެހޭ ކަންތައްތަކާއި، އިސްކަން ދޭންޖެހޭ ދާއިރާތައް ދެނެގަނެވިފައިވެއެވެ.

މީގެ އިތުރުން، މި ދިރާސާގެ ބައިވެރިންގެ އިންޓަރވިއު ޓްރާންސްކްރިޕްޓްތައް، ވާހަކައަކަށް ބަދަލުކުރެވިދާނެ "މަލްޓި މެތަޑް ރީސްޓޯރިންގ ފްރޭމްވަރކް ޓު ނެރެޓިވް އެނެލިސިސް" އެއް މުޅިން އަލަށް އެކުލަވައިލައްވައި، ދިރާސާގެ ހޯދުންތައް ހުށަހަޅުއްވައިފައިވަނީ، ވާހަކައެއްގެ ސިފައިގައެވެ.

މި ދިރާސާގައި ބޭނުންކުރައްވައިފައިވަނީ، "ކޮގްނިޓިވް"، "އިމޯޝަނަލް"، "ބިހޭވިއަރަލް" އަދި ސޯޝަލް ސައިކޮލޮޖީގެ ނަޒަރިއްޔާތުތަކެވެ. މިގޮތުން، ދިރާސާގެ ބައިވެރިންގެ ވާހަކައިގައި، ލައިފް ސްކިލްސް ނުވަތަ ދިރިއުޅުމުގެ ހުނަރުތަކަކީ، ދިވެހިރާއްޖޭގައި ފުރާވަރު އުމުރުފުރައިގެ ކުދިންނަށް މުހިންމު ހުނަރުތަކެއް ކަމުގައި ފާހަގަވިނަމަވެސް، މި ހުނަރުތައް އުނގަންނައިދިނުމަށް ސްކޫލްތަކުގައި ތަފާތު ގޮތްތައް ބޭނުންކުރާތީ، އެ ކުދިންނަށް މި ހުނަރުތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރަން ދަސްވެފައި ނުވާކަން ހާމަވިއެވެ. ދެމެހެއްޓެނިވި އަދި ކާމިޔާބު ގޮތެއްގައި ލައިފް ސްކިލްސް ޕްރޮގުރާމްތައް ރާވައި ހިންގުމަށް ބޭނުންވާ މުހިންމު ކަންތައްތަކަށް ޑޮކްޓަރ ނަޝީދާގެ ދިރާސާގައި އަލިއަޅުއްވައިލައްވައިފައި ވެއެވެ.

ޑޮކްޓަރ ނަޝީދާގެ ޕީ.އެޗް.ޑީ. ދިރާސާގައި އެކުލަވައިލެއްވި ރިސްޓޯރިންގ ފްރޭމްވަރކް، ނެރެޓިވް ރިސަރޗް ކުރިއަށްގެންދާ ރިސަރޗަރުންގެ ބައިނަލްއަޤުވާމީ ދިރާސާތަކުގައި ފުޅާ ދާއިރާއެއްގައި މިހާރު ބޭނުންކުރަމުން ގެންދެއެވެ. ޑޮކްޓަރ ނަޝީދާވަނީ، ސޭޖް ޕަބްލިކޭޝަނުން ޝާއިޢުކޮށްފައިވާ "އެނަލައިޒިންގ އެންޑް އިންޓަރޕްރިޓިންގ ކޮލިޓޭޓިވް ރިސަރޗް" ޓެކްސްޓް ފޮތުގެ ބާބެއްވެސް ލިޔުއްވައިފައެވެ.

ޑޮކްޓަރ ޢާއިޝަތު ނަޝީދާ މިހާރު ހުންނެވީ، ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރ އަދި ބެޗްލަރ އޮފް ސައިކޮލޮޖީ ޕުރޮގުރާމުގެ ކޯޑިނޭޓަރުގެ މަގާމުގައެވެ.

ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް

މި އިނާމު މި އެރުވެނީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ ކޮލެޖް ލަންޑަނުން 2020 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސިވިލް އިންޖިނިއަރިންގ ހާސިލުކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވި "އިފެކްޓް އޮފް ހެވީ މެޓަލް ކޮންޓެމިނޭޝަން އޮން ދަ ޕްލާސްޓިސިޓީ އޮފް ކައޮލިން-ބެންޓޮނައިޓް ކްލޭ މިކްސްޗަރސް އެންޑް އިލައިޓް-ސްމެކްޓައިޓް ރިޗް ނެޗުރަލް ކްލޭ" އާޓިކަލް، ބައިނަލްއަޤުވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައިވާތީއެވެ.

ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބުގެ ޕީ.އެޗް.ޑީ. ތީސިސް ބިނާކުރައްވައިފައިވަނީ، ތަފާތު މިނަރޮލޮޖީގެ މަށި (ކްލޭ) އާއި، ބަރު މަޢުދަނުން (ހެވީ މެޓަލް) ތަޣައްޔަރު (ކޮންޓެމިނޭޓް) ވުމުގެ ސަބަބުން، މަށީގެ ސިފަތަކަށް (ފިޒިކަލް އަދި ކެމިކަލް ޕްރޮޕަރޓީސް) އަންނަ ބަދަލުތައް ދެނެގަތުމުގެ މައްޗަށެވެ.

މި ދިރާސާއަކީ، ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ އެޑްވާންސްޑް ސޮއިލް ލެބޯރެޓަރީގައި ތިން އަހަރުގެ މުއްދަތަށް ކުރިއަށް ގެންދެވުނު ދިރާސާއެކެވެ. އެގޮތުން ބަރު މައުދަނުން ތަަޣައްޔަރު ކޮށްފައިވާ މަށީގެ ސިފަތައް ދެނެގަތުމަށް ތަފާތު އެތައް ޓެސްޓުތަކެއް ކުރެވި، އޭގެ ޑޭޓާތައް އެނަލައިޒްކޮށް، ކުރިން ދެނެގަނެވިފައި ނުވާ ކަންކަން ދެނެގަނެވިފައިވެއެވެ.

ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބުގެ ޕީ.އެޗް.ޑީ. ތީސިސް، ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ ވެބްސައިޓާއި ބްރިޓިޝް ލައިބްރަރީގެ އިތޯސްގައި ވަނީ ހިމަނައިފައެވެ. މި ދިރާސާގެ ހޯދުންތައް، ފަހުގެ ދިރާސާތަކުގައި ބޭނުންކުރަމުން ގެންދެއެވެ.

ޕީ.އެޗް.ޑީ ހާސިލުކުރެއްވުމަށްފަހު، ދިވެހިރާއްޖެއަށް ވަޑައިގެން، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ގެންދަވަނީ، ޖިއޮޓެކްނިކަލް އިންވެސްޓިގޭޝަންގެ މަސައްކަތް ކުރައްވަމުންނެވެ. އަދި އެކަމަށް ޚާއްޞަ ލެބޯރެޓަރީއެއްވެސް މިހާރު ވަނީ ޤާއިމުކުރައްވައިފައެވެ.

ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް މިހާރު ހުންނެވީ، ސިޑްކޯ ޕްރައިވެޓް ލިމިޓެޑުގެ ސީނިއަރ ކޮންސަލްޓެންޓުގެ މަގާމުގައެވެ. އޭގެ އިތުރުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި އެކްސްޓަރނަލް ކޮންސަލްޓެންޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

ޑޮކްޓަރ އާމިނަތު ޝިޔާމާ

މި އިނާމު މި އެރުވެނީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބްރިސްޓަލްއިން 2020ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޑިޔުކޭޝަން ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި އާޓިކަލް، ބައިނަލްއަޤުވާމީ ޖަރނަލެއްގައި ޝާއިޢު ކޮށްފައިވާތީއެވެ.

ޑޮކްޓަރ އާމިނަތު ޝިޔާމާގެ ޕީ.އެޗް.ޑީ. ތީސިސް ބިނާކުރައްވައިފައިވަނީ، ދިވެހިރާއްޖޭގެ ޕްރައިމަރީ ސްކޫލް ޓީޗަރުންނަށް ފޯރުކޮށްދޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގައި ޓީޗަރުންނަށް މަންފާކުރުވަނިވި ގޮތްތަކެއް ހޯދުމުގެ މައްޗަށެވެ. މި ދިރާސާގެ ފަލްސަފާއަކީ، ޓީޗަރުންނަކީ ދިރާސާގެ ނާރެސް ކަމަށް ބަލައި، ދިރާސާގެ ހުރިހާ މަރުހަލާއެއްގައި ޓީޗަރުން ޝާމިލުކުރުމެވެ. މިގޮތުން، ޖެނެރަލިސްޓް ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ ޓީޗަރުންނަށް، ސައިންްްސް އުނގަންނައިދިނުމުގައި ބޭނުންހިފޭނޭ ގޮތްތައް ދަސްކޮށް، އެކަންކަން ޢަމަލީގޮތުން ކުރުމަށް ބޭނުންވާ ހުނަރުތަކާއި މަޢުލޫމާތު ފޯރުކޮށްދިނުމުން، ޓީޗަރުންގެ ޕެޑަގޮޖިކަލް ޕްރެކްސިސްެއަށް ލިބިދޭ ތަރައްޤީއާއި، އަމިއްލަ ނަފްސަށް ލިބޭ ޔަޤީންކަމުން، ޓީޗަރ ޕްރޮފެޝަނަލިޒަމް ސިފަކުރެވޭ ގޮތްތައް ދެނެގަނެ، ރާއްޖޭގެ ސްކޫލް މާޙައުލުގައި "ކޮމިއުނިޓީސް އޮފް ޕްރެކްޓިސް" ޤާއިމުވާ ގޮތްގޮތް ހޯދައި އޮޅުންފިލުވުނެވެ.

މިކަމަށް އެއްކުރެވުނު މަޢުލޫމާތު ދިރާސާކޮށް، ތީސިސްގައި ގެނެސްދީފައި ވަނީ، ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދަތުރުތައް ސިފަވާ ވާހަކަތަކެއްގެ ގޮތުގައެވެ. މި ވާހަކަތަކުން ހާމަވެގެންދިޔަ ކަމަކީ، ޓީޗަރުންގެ ޕްރޮފެޝަނަލް ލަރނިންގއަކީ ފަރުދީކަމެއް ކަމާއި، މިފަދަ ހަރަކާތްތައް ރާވައި އިންތިޒާމު ކުރުމުގައި "ވަން-ސައިޒް-ފިޓް-އޯލް"ގެ އުސޫލުތައް ގެންގުޅުމަކީ، ޓީޗަރުންނަށް ދެވޭ ދެރައެއްކަމެެވެ. އަދި ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތައް ރާވައި ހިންގުމުގައި އެހެން ކޮންޓެކްސްޓްތަކުގައި ކަންކުރާ ގޮތްތައް ކޮޕީ ކުރުމުގެ ބަދަލުގައި، ރާއްޖޭގެ ސަގާފަތާއި، ވަކިވަކި ޓީޗަރުންގެ އަޑުއަހައި، ސްކޫލަށާއި، މަންހަޖަށް އަދި ޓީޗަރުންގެ ކްލާސްރޫމް ވެށީގެ ޙަޤީޤަތްތަކަށް ރިޢާޔަތް ކުރުމަކީ ޓީޗަރުންނަށާއި، ދަރިވަރުންނަށް އަދި ސްކޫލަށް ފައިދާ ގޮތެއް ކަމާއި، މިއީ ޓީޗަރުންގެ ޕްރޮފެޝަނަަލިޒަމް ޤާއިމުކުރުމަށް ޢަމަލުކުރުމުގެ ހަރުދަނާ އުސޫލު ތަކެއް ކަމުގައެވެ.

ޑޮކްޓަރ އާމިނަތު ޝިޔާމާ ވަނީ މި ދިރާސާއަށް ބިނާކޮށް ލިޔުއްވި އާޓިކަލް، ބައިނަލްއަޤުވާމީ ޖަރނަލެއް ކަމުގައިވާ "ޕްރެކްޓިސް: ކޮންޓެމްޕޮރަރީ އިޝޫސްއިން ޕްރެކްޓީޝަނަރ އެޑިޔުކޭޝަން" ގަައި 2021 ވަނަ އަހަރު ޝާއިޢުކޮށްފައެވެ. އަދި މި ދިރާސާގެ ހޯދުންތަކުގެ އަލީގައި ސްކޫލްތަކަށާއި ޓީޗަރުންނަށް، ތަފާތު އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވައެވެ. ޑޮކްޓަރ އާމިނަތު ޝިޔާމާ މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޮލިޓީ އެޝުއަރަންސް ކޮންޓްރޯލަރގެ މަގާމުގައެވެ.

ޑޮކްޓަރ ވަސީމާ ފިކުރީ

މި އިނާމު މި އެރުވެނީ، ނިއުޒިލޭންޑްގެ ޔުނިވަރސިޓީ އޮފް އޯކްލަންޑުން 2021 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޑިޔުކޭޝަން ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ.އަށްފަހު ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި އާޓިކަލް، ބައިނަލްއަޤުވާމީ ޖަރނަލެއްގައި ޝާއިޢު ކޮށްފައިވާތީއެވެ. ޑޮކްޓަރ ވަސީމާގެ ޕީ.އެޗް.ޑީ. ތީސިސް ބިނާކުރައްވައިފައިވަނީ، ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ޓާސްކް އިފެކްޓިވްނަސްއާއި، ދަރިވަރުންގެ ނަތީޖާއާ ހުރި ގުޅުން ދެނެގަތުމުގެ މައްޗަށެވެ.

މި ދިރާސާގެ މަޢުލޫމާތު އެއްކުރުމަށްޓަކައި، ރާއްޖޭގެ 177 ސްކޫލެއްގެ ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުން ހިމެނޭގޮތަށް ސަރވޭއެއް ކުރެވުނެވެ. މިގޮތުން ކުރި ސަރވޭގައި އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި، ޓާސްކް އިފެކްޓިވްނަސް ޑައިމެންޝަންތަކެއް ދެނެގަނެވުނެވެ. މި ދިރާސާއިން، ލީޑަރޝިޕް ޓާސްކްގެ ފަސް ޑައިމެންޝަނެއް ހާމަވެގެންދިޔައެވެ. އެއީ، ސްކޫލް މެނޭޖްމަންޓް، އިންސްޓްރަކްޝަނަލް މެނޭޖްމަންޓް، ޓީޗަރ ކޮލިޓީ، އެކްސްޓަރނަލް ރިލޭޝަންސް އަދި ޕުރޮގްރާމް ޑިވެލޮޕްމަންޓް އެންޑް އިވެލުއޭޝަނެވެ.

މި ދިރާސާއިން، ޓީޗަރ ކޮލިޓީ ޑައިމެންޝަނާއި ދަރިވަރުންގެ ނަތީޖާއާ ސީދާ ގުޅުންހުރި ކަމާއި، ޕްރިންސިޕަލުންގެ ޓާސްކް އިފެކްޓިވްނަސްގެ މުހިންމުކަމާއި، ދަރިވަރުންގެ ކާމިޔާބީއާ ގުޅުން ހުރިކަން ދެނެގަނެވުނެވެ. މީގެ އިތުރުން، ލީޑަރޝިޕް ޓާސްކް އިފެކްޓިވްނަސްގެ ފުރިހަމަ އޮނިގަނޑެއް އެކުލަވައިލެވުނެވެ. ހަމައެއާއެކު، ޕްރިންސިޕަލް ޓާސްކް އިފެކްޓިވްނަސްއަށް ފޯކަސް ކުރުމުގެ މުހިންމުކަމާއި، ދަރިވަރުންގެ ނަތީޖާތަކާއި، އޭގެ ގުޅުމަށްވެސް އަލިއަޅުވައިލައިފައިވެއެވެ.

މި ދިރާސާއަށް އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި ލިޔުއްވި ދިރާސާ ކަރުދާސް "ލިންކިންގ ޕްރިންސިޕަލް ޓާސްކް އިފެކްޓިވްނަސް ޓު ސްޓޫޑެންޓް އެޗީވްމަންޓް އިން ސެކަންޑަރީ ސްކޫލްސް އިން ދަ މޯލްޑިވްސް" އިނގިރޭސިވިލާތުގެ ޖަރނަލެއް ކަމުގައިވާ އިންޓަރނޭޝަނަލް ޖަރނަލް އޮފް ލީޑަރޝިޕް އިން އެޑިޔުކޭޝަންގައި ވަނީ ޝާއިޢުކޮށްފައެވެ.

ޑޮކްޓަރ ވަސީމާ ކުރެއްވި ދިރާސާއިން ފާހަގަކުރެވުނު ކަންތައްތަކުގެ އަލީގައި، ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ހުނަރު ތަރައްޤީ ކުރުމުގެގޮތުން މި ދާއިރާއިން ދިރާސާތައް ކުރިއަށް ގެންދެވުމުގެ އިތުރުން، އެކި އިދާރާތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވައެވެ. ޑޮކްޓަރ ވަސީމާ މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީންގެ މަގާމުގައެވެ.

ޑޮކްޓަރ ފާޠިމަތު ނަޖާދާ ޢަބްދުﷲ

މި އިނާމު މި އެރުވެނީ، ޑޮކްޓަރ ފާޠިމަތު ނަޖާދާ، ތުރުކީވިލާތުގެ މަރްމަރާ ޔުނިވަރސިޓީ، އިސްތަންބުލްއިން 2021 ވަނަ އަހަރު "ޑޮކްޓަރ އޮފް ފިލޯސޮފީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން އޯގަނައިޒޭޝަނަލް ބިހޭވިއަރ" އޮނަރޒް ހާސިލުކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި "ސައިލެންސް އިން ދަ އައިލެންޑްސް – އެން އެކްސްޕްލޮރޭޓަރީ ސްޓަޑީ އޮފް އެމްޕްލޯއީ ސައިލެންސް އިން ދަ މޯލްޑިވްސް" ބައިނަލްއަޤުވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައި ވާތީއެވެ.

ޑޮކްޓަރ ނަޖާދާގެ ޕީ.އެޗް.ޑީ ތީސިސް "އެމްޕްލޯއީ ސައިލެންސް އެންޑް ވޮއިސް: އެން އެމްޕިރިކަލް ސްޓަޑީ އޮފް ޕޮޓެންޝަލް އެންޓެސިޑެންޓްސް އެންޑް ދި މޮޑެރޭޓިންގ ރޯލް އޮފް އެމްޕްލޯއީ ކޮންސިއެންޝަސްނަސް" ބިނާ ކުރައްވައިފައިވަނީ، ދިވެހިރާއްޖޭގެ ވަޒީފާގެ މާޙައުލުގައި ބަސް ބުނުމުގެ މިނިވަންކަން އޮތް މިންވަރު ދެނެގަނެ، ބަސް ބުނުމަށް ހުރަސްއަޅާ ސަބަބުތައް ދެނެގަތުމުގެ މައްޗަށެވެ. މި ދިރާސާއިން، ދިވެހިރާއްޖޭގެ ވަޒީފާގެ މާޙައުލުގައި "އެމްޕްލޯއީ ސައިލެންސް" އޮތްކަން ފާހަގަވިއެވެ.

"އެމްޕްލޯއީ ސައިލެންސް" އަކީ ތަރައްޤީއާއި ކުރިއެރުމަށް ނުރަނގަޅު އަސަރުކުރާ ކަމަކަށްވާތީ، ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމުތަކުގަައި މިކަން އިތުރަށް ދިރާސާކޮށް ދެނެގަނެ، ވަޒީފާގެ މާޙައުލުގައި ހުރަހަކާނުލައި ބަސް ބުނެ، މުޢާމަލާތު ކުރެވި، މަޢުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަން މި ދިރާސާގައި ޑޮކްޓަރ ނަޖާދާ ވަނީ ފާހަގަކުރައްވައިފައެވެ.

2020 ވަނަ އަހަރުން ފެށިގެން ޑޮކްޓަރ ނަޖާދާ ގެންދަވަނީ، ވިލާ ކޮލެޖުގައި ވިޒިޓިންގ ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. މީގެ އިތުރުން، އިންޑިޕެންޑެންޓް ރިސަރޗަރއެއްގެ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ކުންފުނިތަކަށް ކޮންސަލްޓަންސީގެ ޚިދުމަތްވެސް ޑޮކްޓަރ ނަޖާދާ ދެއްވަމުން ގެންދަވައެވެ.

ޑޮކްޓަރ ޙައްވާ ޝިއުނާ މުޞްޠަފާ

މި އިނާމު ޑޮކްޓަރ ޙައްވާ ޝިއުނާ މުޞްޠަފާއަށް މި އެރުވެނީ، ސައިޕަރްސްގެ ޔުނިވަރސިޓީ އޮފް ސައިޕަރްސް އިން 2021ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން ކަރިކިއުލަމް ސްޓަޑީޒް، ޓީޗިންގ އެންޑް ކޮންޕެރަޓިވް އެޑިޔުކޭޝަން ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ. އަށްފަހު ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި އާޓިކަލް، ބައިނަލްއަޤުވާމީ ޖަރނަލެއްގައި ޝާއިޢު ކޮށްފައިވާތީއެވެ.

ޑޮކްޓަރ ޙައްވާ ޝިއުނާ މުޞްޠަފާގެ ޕީ.އެޗް.ޑީ. ތީސިސްގެ ދިރާސާއަކީ، ދިވެހިރާއްޖޭގެ ޕްރައިމަރީ ސްކޫލް ޓީޗަރުންނަށް ފޯރުކޮށްދޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުގައި، ޓީޗަރުންނަށް މަންފާކުރުވަނިވި ގޮތްތަކެއް ހޯދުމަށް މޮޑެލް ބޭސްޑް، ތިއަރީ އޮރިއެންޓެޑް އެޕްރޯޗެއް ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާއަކީ ދަރިވަރުން އުނގެނި ދަސްކުރުމުގެ ނަތީޖާ މޮޑެލްއަކަށް ބިނާކުރެވިގެން، ދަސްކުރުމުގެ ނަތީޖާއަށް އަސަރުކުރާ، އުނގަންނައިދިނުމުގެ ގޮތްތައް ބެލުމަށް ކުރެވުނު މިފަދަ ފުރަތަމަ ދިރާސާއެވެ. މީގެ އިތުރުން، މި ދިރާސާގައި އުނގަންނައިދިނުމުގެ ބޭނުންތެރި، ތަފާތު މަރުޙަލާތައްވެސް ފާހަގަކުރެވުނެވެ. "އިފެކްޓިވް ބެސްޓް ޕްރެކްޓިސަސް"ގެ މައްޗަށް ބިނާކޮށް ލިޔާ ލިޔުންތަކަށް މި ދިރާސާއިން އައު ވިސްނުމެއް އިތުރުކޮށްދެއެވެ. މި ދިރާސާއަށް މަޢުލޫމާތު އެއްކުރީ، ތަފާތު ތިން އޮބްޒަރވޭޝަން އިންސްޓްރޫމެންޓެއް ބޭނުންކޮށްގެންނާއި، މުދައްރިސުންނާއި ދަރިވަރުން ސަރވޭކޮށް، ދަރިވަރުންނަށް ދެވުނު ދެ ޓެސްޓެއްގެ ނަތީޖާ ބޭނުންކޮށްގެންނެވެ. މިގޮތުން ލިބުނު މަޢުލޫމާތު ބޭނުންކުރެވުނީ، މުދައްރިސުން ބޭނުންކުރާ އިފެކްޓިވް ބެސްޓް ޕްރެކްޓިސަސްގައި، އުނގަންނައިދިނުމުގެ އުންސުރުތައް ބޭނުންކުރާ މިންވަރު ގިންތިކުރުމަށެވެ.

މި ދިރާސާއިން، މުދައްރިސުންގެ ކޮލިޓީ މިންކުރުމަށް އައު ވެލިޑޭޓެޑް ޓޫލްތަކެއްވެސް ތަޢާރުފުވެގެން ދިޔައެވެ. މިދިރާސާއަށް އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި، ޑޮކްޓަރ ޙައްވާ ޝިއުނާ މުޞްޠަފާ ލިޔުއްވި ދިރާސާ ކަރުދާސް ސްކޯޕަސް އިންޑެކްސް ކުރެވިފައިވާ ޖަރނަލްގައި ވަނީ ޝާއިޢުކޮށްފައެވެ. ޑޮކްޓަރ ޙައްވާ ޝިއުނާ މުޞްޠަފާގެ ޕީ.އެޗް.ޑީ. ހޯދުންތަކުގެ އަލީގައި ސްކޫލްތަކަށާއި ޓީޗަރުންނަށް، އެހީތެރިކަން ފޯރުކޮށްދެއްވައެވެ.

ޑޮކްޓަރ ޙައްވާ ޝިއުނާ މުޞްޠަފާ މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގެ އެސިސްޓެންޓް ޕްރޮފެސަރގެ މަގާމުގައެވެ.

ޑޮކްޓަރ އަޙްމަދު މުޙައްމަދު

މި އިނާމު މި އެރުވެނީ، މެލޭޝިޔާގެ ޔުނިވަރސިޓީ މަލާޔާއިން 2021 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޑިޔުކޭޝަނަލް މެނޭޖްމަންޓް ހާސިލުކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވި "ވެލިޑޭޝަން އޮފް އެން އިންސްޓްރުމެންޓް ފޮރ މެޝަރިންގ އިންޓަރގްރޭޓެޑް ޕްރިންސިޕަލް ލީޑަރޝިޕް ޕްރެކްޓިސަސް" އާޓިކަލް ބައިނަލްއަޤުވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައިވާތީއެވެ.

ޑޮކްޓަރ އަޙްމަދު މުޙައްމަދުގެ ޕީ.އެޗް.ޑީ. ތީސިސް ބިނާކުރައްވައިފައިވަނީ، އިންޓަރގްރޭޓެޑް ލީޑަރޝިޕް ބޭނުންކޮށްގެން ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުންގެ ފަންނީ އުނގެނުމާއި އުނގަންނައިދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭނުންކުރެވިދާނެ، ދިވެހިރާއްޖޭގެ މާޙައުލަށް އެކަށީގެންވާ މޮޑެލްއެއް ގެނެސްދިނުމަށެވެ. މި ތީސީސްގެ މައިގަނޑު ސުރުޚީއަކީ، "މީޑިއޭޓިންގ އިފެކްޓް އޮފް ޓީޗަރ ލީޑަރޝިޕް، ޓްރަސްޓް، ސެލްފް-އެފިކަސީ އެންޑް ލަރނިންގ ގޯލް އޮރިއެންޓޭޝަން އޮން ދަ ރިލޭޝަންޝިޕް ބިޓްވީން ޕްރިންސިޕަލް ލީޑަރޝިޕް އެންޑް ޓީޗަރ ޕްރޮފެޝަނަލް ލަރނިންގ އިން މޯލްޑިވްސް ޕަބްލިކް ސްކޫލްސް" އެވެ.

މި ދިރާސާއަށް އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި، ރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުން، ޓްރާންސްފޮމޭޝަނަލް ލީޑަރޝިޕް ބޭނުންކުރާ މިންވަރަށްވުރެ، އިންސްޓްރަކްޝަނަލް ލީޑަރޝިޕް ބޭނުންކުރާ މިންވަރު ދަށްކަން ފާހަގަކުރެވުނެވެ. މިއާއެކު، ޕްރިންސިޕަލުންގެ ލީޑަރޝިޕް ހަރަކާތްތަކުން މުދައްރިސުންގެ ފަންނީ އުނގެނުމަށް ސީދާކޮށް ކުރާ އަސަރަށްވުރެ، ނުސީދާކޮށް ކުރާ އަސަރުތައް މުހިންމުވާކަން އެނގިގެންދިޔައެވެ. މިގޮތުން، ޕްރިންސިޕަލުންގެ ލީޑަރޝިޕް ހަރަކާތްތަކުގެ ތެރެއިން، ސްކޫލްތަކުގައި ޓީޗަރ ލީޑަރޝިޕް ސަގާފަތެއް އުފެއްދުމާއި، މުދައްރިސުންގެ ސެލްފް އެފިކަސީ އަދި ލަރނިންގ ގޯލް އޮރިއެންޓޭޝަން މަތިކުރުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން މި ދިރާސާއިން ފާހަގަކުރެވިގެން ދިޔައެވެ.

ޑޮކްޓަރ އަޙްމަދު މުޙައްމަދުގެ ޕީ.އެޗް.ޑީ. ދިރާސާގެ ހޯދުންތައްވަނީ ބައިނަލްއަޤުވާމީ 9 ކޮންފަރެންސެއްގައި ހުށަހަޅައިފައެވެ. މީގެ ތެރެއިން ބައެއް ޕޭޕަރުތައް ވަނީ، ޕިއަރ ރިވިއުޑް ޖަރނަލްތަކުގައި ޝާއިޢުކޮށްފައެވެ. ޕީ.އެޗް.ޑީ.ގެ ދިރާސާގެ އަލީގައި، ޓީޗަރ ލީޑަރޝިޕްގެ ސަގާފަތެއް ދިވެހިރާއްޖޭގެ ސްކޫލްތަކުގައި އުފެއްދެވުމަށްޓަކައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕުރޮގުރާމުތައް ޑޮކްޓަރ އަޙްމަދު މުޙައްމަދު ހިންގަވަމުން ގެންދަވައެވެ. ޑޮކްޓަރ އަޙްމަދު މުޙައްމަދު މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރގެ މަގާމުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *