ހަ އަހަރުގައި ޤުރުއާން ހިތުދަސްކުރި އަމަން އަޙްމަދު އާތިފު، އެއް ވަނަ ދަރަޖައިގައި ފާސްވެ ރައީސުލްޖުމުހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް ހޯދައިފިއެވެ. ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ މިރޭ، ދަރުބާރުގޭގައި ބޭއްވި ޚާއްޞަ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި، އަމަންއަށް އެއް ވަނަ ދަރަޖައިގައި ފާސްވުމުންދޭ ޚާއްޞަ މެޑަލް ދެއްވާފައެވެ.
ޙާފިޡް ކަމުގެ ސަނަދު އަމަން ހާސިލުކުރީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އަމަންއަކީ ވަރަށް ކުޑައިރުއްސުރެން ފެށިގެން، ކީރިތި ޤުރްއާން އަޑުއެހުމަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ދެމުން އައި ކުއްޖެކެވެ. ޤުރްއާން ހިތުދަސްކުރުމުގެ ހުނަރު އަމަންގެ ކިބައިގައި ހުރިކަން މައިންބަފައިންނަށް ފާހަގަކުރެވިގެން، އުމުރުން 5 އަހަރުގައި ޤުރްއާން ދަސްކޮށްދިނުމުގެ މަސައްކަތް ގޭގައި ފެށިއެވެ. 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އުމުރުން 6 އަހަރުގައި ގޭގައި ޤުރްއާން ހިތުދަސްކޮށް ނިންމުމަށްފަހު، އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގައި، ކީރިތި ޤުރްއާން މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.
އަމަންއަކީ އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން 2021 ވަނަ އަހަރު ދަސްވެނިވި ދަރިވަރެކެވެ. އެ އަހަރު އަމަންގެ ޤުރްއާން މުދައްރިސަށް ކީރިތި ޤުރްއާންގެ 30 ފޮތް އެއްކޮށް ހިތުދަސްކޮށްފައި ކިޔައިދިނެވެ. އެކަންފާހަގަކޮށް އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ފަރާތުން އަމަން ދަސްކުރި ކޮންމެ ފޮތަކަށް ޓްރޮފީއެއް (30 ޓްރޮފީ) އަމަންއަށް ދިނެވެ. އަދި ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކުރުމުން އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ފަރާތުން ހުށަހަޅާފައިވާ ޚާއްސަ ޓްރޮފީ އަމަންއާއި ޙަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞޯލިޙް އަދި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން، ހާރ އެކްސެލަންސީ ފަޒްނާ އަޙްމަދެވެ.

މުރާޖަޢާ ކުރުމުގެ މަސައްކަތް، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ކުރިއަށް ގެންގޮސްފައި ވަނީ އޮގަސްޓު 2021 އިން ފެށިގެން މޭ 2022ގެ ނިޔަލަށެވެ.
advertisment
ހިޔާލު