ހަންގޭރީން ދޭ ސްކޮލަރޝިޕްގެ އަދަދު 15ން 25އަށް އިތުރުކޮށްފިއެވެ.
އަހަރަކު 15 ސްކޮލަރޝިޕް ދިނުމަށް މީގެ ކުރިން އެއްބަސްވެފައި ވަނީ 8 ނޮވެންބަރު 2021 ގައެވެ. ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށްދޭ ސްކޮލަރޝިޕް ފުރުސަތުތަކުގެ އަދަދު އިތުރުކޮށް އެ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގައި މިއަދު އަލުން ވަނީ ސޮއިކޮށްފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެމް.އޯ.ޔޫގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަނެވެ. ހަންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓާ ސިއާޓޯއެވެ.
ހަންގޭރީންދޭ ސްކޮލަރޝިޕްތަކުގެ ތެރޭގައި ހިމެނެނީ، ފުރަތަމަ ޑިގްރީގެ 8 ފުރުސަތާއި މާސްޓަރސް ޑިގްރީގެ 14 ފުރުސަތާއި ޕީ.އެޗް.ޑީގެ 3 ފުރުސަތެވެ. މި ސްކޮލަރޝިޕްތަކުގެ ތެރޭގައި އެގްރިކަލްޗަރ ސައިންސް، އާރޓްސް އެންޑް ހިޔުމެނިޓީޒް، ސޯޝަލް ސައިންސް، ކޮމްޕިޔުޓަރ ސައިންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ،އިކޮނޮމިކް ސައިންސް، އެންޖިނިއަރިން ސައިންސް، ހެލްތު ސައިންސް، ޓީޗަރ ޓްރެއިނިންގ، ސްޕޯޓް ސައިންސް، ނެޗުރަލް ސައިންސް އަދި އާޓްސް ފަދަ ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ. މި ސްކޮލަރޝިޕް ފުރުސަތުތަކަށް ހޮވޭ ދަރިވަރުންގެ ދެކޮޅު ޓިކެޓުގެ ޚަރަދު ފިޔަވައި ހުރިހާ ޚަރަދެއް ހަމަޖައްސަވާނީ ހަންގޭރީ ސަރުކާރުންނެވެ. ދެކޮޅު ޓިކެޓުގެ ޚަރަދު ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.
މި އެމްއޯޔޫގެ އެއް ބޭނުމަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް މަތީ ތަޢުލީމާ ބެހޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމާއި ތަޢުލީމީ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރުމެވެ.
advertisment
ހިޔާލު