ކިހާދޫ ސްކޫލުގެ ޕީޓީއޭގެ "ދިވެހި ސުފުރާ"އަށް 200،000 ރުފިޔާ

ބ. ކިހާދޫ ސްކޫލުގެ ޕީޓީއޭއިން ބޭއްވި "ދިވެހި ސުފުރާ" އަށް 200،225 ރުފިޔާ ލިބިއްޖެއެވެ. ހުސްވި ހުކުރު ދުވަހުގެ ރޭ އެ ސްކޫލުގައި ބޭއްވި ދިވެހި ސުފުރާއަށް 1055 މީހުން ވަދެފައިވެއެވެ. އެ ސްކޫލުން ބުނީ މިއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު، ދިވެހި ސުުފުރާ މިފަހަރު ބޭއްވިއިރު، ބ. އަތޮޅުގެ ގިނަ ރިސޯޓްތަކުގެ މުވައްޒަފުންނާއި ގެސްޓުން ވެސް ވަދެފައިވެއެވެ.

ކިހާދޫ ސްކޫލްގް ޕްރިންސިޕަލް މުޙައްމަދު ޒުބައިރު ވިދާޅުވީ، އެންމެ ރެއަކުން އެވަރުގެ ބޮޑު އަދަދެއް ފަންޑްރައިޒިންގެ ގޮތުގައި ހޯދުމަކީ އެއީ ބެލެނިވެރިންނާއި ސްކޫލްގެ ސްޓާފުން އަދި ރަށުގެ ރައްޔިތުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

" ވަރަށް ބޮޑު ކާމިޔާބެއް މިއީ. ރަށުގެ ކުދިބޮޑު އެންމެން މިކަމުގައި ޝާމިލްވޭ" ޒުބައިރު ވިދާޅުވިއެވެ.

ކިހާދޫ ސްކޫލުގެ ދިވެހި ސުފުރާއަކީ ކޮންމެ އަހަރަކު ވެސް އެރަށަށް އަންނަ ޢީދެކެވެ. އެ ޢީދަށް އެރަށުގެ ކުދިބޮޑު އެންމެން ދުރާލާ ތައްޔާރުވެއެވެ. ދިވެހި އުފެއްދުންތައް ވެސް އެކަމަށް ތައްޔާރު ކޮށްފައިވާ ސްޓޯލް ތަކުން ލިބެން ހުއްޓެވެ.

ފަންޑްރައިޒިންގެ މި ޙަރަކާތުން ލިބުނު ފައިސާ ޚަރަދު ކުރާނީ ދަރިވަރުންނަށް ފައިދާ ހުރި ގޮތުގައި ސްކޫލުގެ ވަޞީލަތްތައް ތަރައްޤީކުރަން ކަަމަށް އެ ސްކޫލުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *