ހިރާ ސްކޫލްގެ ސާރާ ކޮޕް ސަމިޓަށް

ތިމާވެށީގެ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދައި ދިނުމަށް ބާއްވާ އެންމެ ބޮޑު ސަމިޓްގައި ބައިވެރިވުމަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ހިރާ ސްކޫލްގެ ގުރޭޑް ދިހައެއްގައި ކިޔަވަމުން އަންނަ އައިޝާ ސާރާ އަހުމަދު ފުރައިފިއެވެ. އޭނާއާކު އެ ސްކޫލްގެ ޓީޗަރަކުވެސް ބައިވެރިވެއެވެ.

މި ސަމިޓްގައި ބައިވެރިވުމަށް އެ ސްކޫލްގެ ގުރޭޑް ދިހައެއްގައި ކިޔަވަމުން އަންނަ އިޒާން މަޝްހޫދަށް ވެސް ފުރުޞަތު ލިބުނެވެ. ވިސާގެ މައްސަލައެއް ދިމާވެގެން އެންމެ ފަހު ވަގުތު އޭނާއަށް ފުރޭގޮތް ނުވިއެވެ.

ހިރާ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް ސިތާރާ ވިދާޅުވީ، އެ ސްކޫލްގެ ދަރިވަރަށް ކޮޕް ސަމިޓުގައި ބައިވެރިވާން ފުރުޞަތު ދިނީ ޒައިދު ސަސްޓެއިނިބިލިޓީގެ ފަރާތުންނެވެ. ޔޫއޭއީގެ ބާނީ ޝައިހް ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ނަމުގައި ދޭ އެވޯޑް، މިދިޔައަހަރުގެ ޖެނުއަރީ މަހު އެ ސްކޫލުން ވަނީ ލިބިފައެވެ. އެ ސްކޫލަށް އެ އެވޯޑު ލިބުނީ ދެކުނު އޭޝިއާގެ ގްލޯބަލް ހައި ސްކޫލް ކެޓަގަރީންނެވެ.

ސިތާރާ ވިދާޅުވީ، އެ އެވޯޑަށްފަހު، ޒައިދު ސަސްޓެއިނިބިލިޓީން ގެންދާ ސެމިނަރ ތަކުގައި އޮންލައިންކޮށް އެ ސްކޫލްގެ ދަރިވަރުން ބައިވެރިވަމުން އަންނަ ކަމަށެވެ.

" ކޮޕް ސަމިޓަށް ފޮނުވާ ދަރިވަރުން ހޮވީ ވެސް ޒައިދު ސަސްޓެއިނިބިލިޓީން" ސިތާރާ ވިދާޅުވިއެވެ.

ކޮޕް ސަމިޓްގައި ދުނިޔޭގެ ޤައުމުތަކުން މަތީ ފެންވަރުގެ ވަފުދުތައް ބައިވެރިވާއިރު، ރާއްޖެއިން ބައިވެރިވާ ވަފުދުގެ އިސްވެރިއަކީ ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. ކޮޕް ސަމިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމާއި، އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ކަނޑައަޅަން ބާއްވާ ބައްދަލުވުމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *