ފުވައްމުލައް ސިޓީކައުންސިލުން ބޭއްވި ޤުރުއާން މުބާރާތުން ބޮޑު ކާމިޔާބީއެއް އެއްވަނަ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން ހޯދައިފިއެވެ. އެ މަރުކަޒުން ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ވެސް އެއްވަނަ ހޯދާފައެވެ.
މި މުބާރާތުން ދެ ވަނަ ފުވައްމުލައް ސްކޫލުން ހޯދިއިރު، ތިން ވަނަ ހޯދީ، ހާފިޒު އަހުމަދު ސްކޫލުންނެވެ.
މުބާރާތުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، ޏ. އޭއީސީގެ އަރީކު ޙާދީ މުޙައްމަދެވެ. އަރީކު ވަނީ 16 އަހަރުންދަށުގެ ނުބަލައި ކިޔުމުގެ ގޮފިން އެއްވަނަ އާއި މުޅި މުބާރާތުން ނުބަލައި ކިޔުމުގެ ގޮފިން އެއްވަނަ ވެސް ހޯދާފައެވެ. މުޅި މުބާރާތުން ދެވަނަ ހޯދީ، ޏ. އޭއީސީގެ ފާތިމަތު އިމްތިސާލް ޝަރަފުއްދީނެވެ. އިމްތިސާމް ވަނީ 19 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދާފައެވެ. މުޅި މުބާރާތުން ތިން ވަނަ ޏ. އޭއީސީގެ ދެ ދަރިވަރަކަށް ލިބުނެވެ. އެއީ އަޒުހާ ބިންތު އާމިރުއާއި ފާތިމަތު ނިހާއެވެ. އަޒުހާ ވަނީ، 16 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ އާއި މުޅިމުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ ހޯދާފައެވެ. ނިހާ ވަނީ،19 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ އާއި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ ވެސް ހޯދާފައެވެ.
ފުވައްމުލައް ކައުންސިލް ޤުރުއާން މުބާރާތުގައި 412 ދަރިވަރުން، ހަ ސްކޫލަކުން ބައިވެރިވިއެވެ. މި މުބާރާތް މި އަހަރު ކުރިއަށް ގެންދިޔައީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.
advertisment
ހިޔާލު