"އެކުވެރި މައިދާން"ގެ ނަމުގައި ބޭއްވި އާއިލީ ހަވީރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ދިހަ ވަނަ އަހަރީ ދުވަހުގެ ޙަރަކާތްތައް ފަށައިފިއެވެ.
އެމްއެންޔޫގައި އިއްޔެ ބޭއްވި "އެކުވެރި މައިދާން" އާއިލީ ހަވީރު ހުޅުވައި ދެއްވީ ވައިސް ޗާންސްލަރ ޑރ. މުޙައްމަދު ޝަރީފެވެ.

އާއިލީ ހަވީރުގައި، އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުންގެ އާއިލާތަކުން ބައިވެރިވި އިރު، އެ ޔުނިވަރސިޓީގެ ފެކަލްޓީތަކުގެ ސްޓޯލް ތަކުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ.
ދަރިވަރުންގެ ޔޫނިއަންގެ އަހަރީ ދުވަހުގެ ހަރަކާތްތައް މި މަހުގެ 12 އާ ހަމައަށް ކުރިއަށް ގެންދާއިރު، އިޖްތިމާއީ ޒިންމާގެ ދަށުން "ވެށި ސާފު" ކުރުމުގެ ޙަރަކާތެއް މާދަމާ ކުރިއަށް ގެންދާނެއެވެ. މިއީ އަހަރީ ދުވަހާ ގުޅުވައިގެން، މުޖުތަމަޢުގެ ފައިދާއަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއަށް ދިހަ އަހަރު ފުރޭނީ އަންނަ އާދީއްތަ ދުވަހުއެވެ. އެ ދުވަހު ހަވީރު، އަހަރީ ކޭކު ފެޅުމާއި، އަހަރީ ދުވަހަށް ޚާއްޞަ ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށަން ވަނީ ނިންމާފައެވެ.

އަހަރީ ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން " ނެކްސްޓް ލެވެލް" ގެ ނަމުގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ހުނަރު ދައްކާލުމަށް ޚާއްޞަ ޝޯވއެއްވެސް މި މަހުގެ 12 ވަނަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ. މިއީ 2019 ވަނަ އަހަރުން ފެށިގެން އަހަރަކު އެއް ފަހަރު، މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދާ ޝޯވއެކެވެ. ފެކަލްޓީ ތަކުގެ މެދުގައި ބާއްވާ މި މުބާރާތުން އެންމެ މޮޅު ހުށަހެޅުން ހޮވާނެއެވެ.
advertisment
ހިޔާލު