ކިހާދޫ ސްކޫލްގެ "ދިވެހި ސުފުރާ" ރަށަށް އަންނަ ޢީދެއް

ޕީޓީއޭގެ ޙަރަކާތްތަކަށް ފައިސާ ހޯދަން، "ދިވެހި ސުފުރާ" ގެ ނަމުގައި ޑިނަރ ނައިޓެއް ކޮންމެ އަހަރަކު ވެސް ކިހާދޫ ސްކޫލުން ބާއްވައެވެ. މިއީ އެ ރަށަށް އަންނަ ބޮޑު އީދެކެވެ. މި އީދުގައި ރަށުގެ ކުޑައެއް ބޮޑެއް ކިޔާނެ ކަމެއް ނެތެވެ. އެންމެން ބައިވެރިވެއެވެ. އަދި ރަށުން ބޭރު ހަ ސަތޭކައެއްހާ މީހުން އަންނާނެއެވެ. އެ އެންމެންނަށް ރަށުން ކިޔަނީ ހޫނު މަރުޙަބާއެކެވެ. މި އަަހަރު މި ޑިނަރނައިޓް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ، ކިހާދޫ ސްކޫލްގައެވެ.

2010 ވަނަ އަހަރު ބާއްވަން ފެށި "ދިވެހި ސުފުރާ"، ކޮވިޑާ ގުޅިގެން ހުއްޓުނެވެ. ފާއިތުވި ދެ އަހަރު ވެސް އެ އީދު ކިހާދޫއަކަށް ނާދެއެވެ. އެހެންވެ މީގެ ހަފްތާއެއް ކުރިއްސުރެ ރަށުގެ ރައްޔިތުން "ބިޒީ"ވެފައި ތިބީ ސުފުރާ މައްޗަށް ނަގާނެ ތަކެތި ތައްޔާރު ކުރުމާއި، އެރެއަށް ބޭނުންވާ ދިވެހި ކާނާއަށް ބޭނުންވާ ތަކެތި އެއްކުރުމުގައެވެ. ބެލެނިވެރިން ހޯބޯ ނާރާ، އަތްމަތި އަވަސް ކަމާއެކު ހަރަކާތްތެރި ވަނީ ވައްތަރު ވައްތަރުގެ ދިވެހި ކާނާ ތައްތާރު ކުރުމުގައެވެ. ކުޅިއެއްޗިއްސާއި ފޮނިއެއްޗިއްސެވެ.

ކިހާދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޒުބައިރު ވިދާޅުވީ، ޕީޓީއޭގެ ޙަރަކާތްތަކަށް ފައިސާ ހޯދަން ބާއްވާ " ދިވެހި ސުފުރާ"އަށް މީގެ ދެ ހަފްތާ ކުރިން ބެލެނިވެރިން ތައްޔާރުވާން ފަށައިފި ކަމަށެވެ. ކޮންމެ އަހަރަކު ވެސް އެ ސުފުރާއަށް ބެލެނިވެރިން ދުރާލާ ތައްޔާރުވެއެވެ.

" މިކަމުގައި ބައވެރިނުވާ މީހަކު ނުހުންނާނެ. މި ޙަރަކާތުން އެކަނި ވެސް ދައްކައިދެނީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙް"  ޒުބައިރު ވިދާޅުވިއެވެ.

" މީގެ ދެތިން ދުވަސް ކުރިން ފަރުމަހާއި ބޯވަ އެއްކުރަން ފަށައިފި. ރާކަންޏާއި ގޮޅާ ފަދަ ދިވެހި ސީފުޑްގެ ބާވައްތައް ވެސް ބުފޭއިން ލިބެން ހުންނާނެ" ޒުބައިރު ވިދާޅުވިއެވެ.

"ދިވެހި ސުފުރާ" ކުރިއަށް ގެންދަނީ ދިވެހިންގެ ދިވެހިވަންތަ ބާބަކިއުއަކާއި ކާބޯތަކެތި ވިއްކާ ސްޓޯލްތައް އެކުލެވޭ ގޮތަށެވެ. 150 ރުފިޔާގެ ޓިކެޓެއް ގަނެގެން ބުފޭގައި ބައިވެރިވެވޭނެއެވެ. އޭގެ އިތުރުން ސްޓޯލްތަކުން އެ ސްކޫލްގެ ބެލެނިވެރިންގެ އުފެއްދުންތެރި އެތައް ވައްތަރެއްގެ ކާބޯތަކެތި ގަތުމުގެ ފުރުޞަތު ލިބޭނެއެވެ.

ޒުބައިރު ވިދާޅުވީ، ޑިނަރނައިޓް އަމާޒުކުރަނީ ބ. އަތޮޅުގެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

" ޓޫރިސްޓުން ވެސް އާދޭ. ދިވެހި މުވައްޒަފުންނަށް އަމާޒު ކުރަނީ"

ކިހާދޫ ސްކޫލްގައި 120އާ ކައިރިކުރާ އަދަދެއްގެ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *