އެޗްޑީސީއާއި އެމްއެންޔޫއާ ގުޅިގެން ކުރިއަށް ގެންދާ އާރބަން ފަރުނީޗަރު ފަރުމާ ކުރުމުގެ މުބާރާތުގައި 60 ދަރިވަރުން

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދިވެހި ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށް ގެންދާ އާރބަން ފަރުނީޗަރު ޑިޒައިން ކުރުމުގެ މުބާރާތުގައި އެ ޔުނިވަރސިޓީގެ 60 ދަރިވަރުން ބައިވެރިވެއްޖެއެވެ.

" އަރބަން އެސްކޭޕް" ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތް ޚާއްޞަ ކޮށްފައި ވަނީ އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކޮނޮލޮޖީން އާކިޓެކްޗަރއާއި އިންޓީރިއާ ޑިޒައިން ކިޔަވާ ދަރިވަރުންނަށެވެ. މި މުބާރާތުގައި އެ ދަރިވަރުން ބައިވެރިވެފައި ވަނީ 12 ގުރޫޕަކަށް، ކޮންމެ ގުރޫޕެއްގައި ފަސް ކުދިން ހިމެނޭހެންނެވެ.

މިއީ، ހުޅުމާލޭގައި ތަރައްގީ ކުރުމަށް އެޗްޑީސީން ނިންމާފައިވާ ފަސް ސަރަހައްދެއްގައި ބޭނުންކުރާނެ ފަރުނީޗަރުތަކުގެ ޑިޒައިންތައް ހޮވުމަށް އެޗްޑީސީން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގެ އެންމެ މޮޅު ތިން ފަރުމާއާއި ޚިޔާލުތައް، އެޗްޑީސީން ކަނޑައަޅާފައިވާ ސަރަޙައްދުތައް ތަރައްޤީކުރާއިރު ބޭނުން ކުރަން ވަނީ ނިންމާފައެވެ.

ފަރުމާ ކުރަންޖެހޭ ތަންތަނާއި އެތަންތަން ފަރުމާކުރުމުގައި ގެންގުޅޭނެ މުހިންމު މައުލޫމާތު، މި މުބާރާތުގައި ބައިވެރިވި ދަރިވަރުންނަށް އެޗްޑީސީން ވަނީ ހިއްސާކޮށްފައެވެ.

" އާންމުކޮށް މީހުން ގޮސް އުޅޭ ތަންތަން، މިސާލަކަށް ޕާކްފަދަ ތަންތަން ތަރައްޤީ ކުރާއިރު އެތަނުގައި ބޭނުންކުރާނެ ފަރުނީޗަރު ފަދަ ތަކެތި މި މުބާރާތުގެ ތެރެއިން ދަރިވަރުން ފަރުމާކުރާނީ" އާކިޓެކްޗަރ ޑިޕާޓްމަންޓްގެ އެޗްއޯޑީ އަބްދުﷲ އަފީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުބާރާތުގައި، ގުރޫޕްތަކުން ހުށަހަޅާ މޮޑެލްތަކާއި އެ މޮޑެލްތަކާ ގުޅޭ ޕްރެޒެންޓޭޝަންތައް ހުށައެޅުން ކުރިއަށް ދާނީ މާދަމާއާއި ހޮނިހިރު ދުވަހު، ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޕީއީ ހޯލުގައެވެ.

" ދަރިވަރުން ކުރަމުންދާ މަސައްކަތްތައް ފެކަލްޓީން ދަނީ ގާތުން ބަލައި މޮނިޓަރ ކުރަމުން. ޑިޒައިންތަކަށް ގެންނަން ފެންނަ ބަދަލުތައް ވެސް ގުރޫޕުތައް ވަކިން އެބަ ކިޔާދެން. އެ ބަދަލުތަކާއެކު ދަރިވަރުން ފައިނަލް ކުރެހުންތަކާއި މޮޑެލްތައް ހުށަހަޅާނީ." އަފީފު ވިދާޅުވިއެވެ.

" މުބާރާތުގެ ވަނަ ހޮވާނީ އެޗްޑީސީން، އެކުންފުނިން ކަނޑައަޅާ ފަނޑިޔާރުންގެ ޕެނަލަކުން"

މި މުބާރާތުގެ އެއްވަނައަށް ދިހާ ހާސް ރުފިޔާ، ދެވަނައަށް ހަ ހާސް ރުފިޔާ އަދި ތިން ވަނައަށް ހަތަރު ހާސް ރުފިޔާގެ ފައިސާގެ އިނާމެއް އެޗްޑީސީއިން ވަނީ ކަނޑައަޅާފައެވެ.

މި މުބާރާތުގައި، އެ ޔުނިވަރސިޓީގެ އާކިޓެކްޗަރ އާއި އިންޓީރިއަރ ޑިޒައިނިންގ ކިޔަވާ ކުދިންގެ  80 އިންސައްތަ ދަރިވަރުން ބައިވެރިވުމަކީ އެއީ ވަރަށް ބޮޑު ކާމިބެއް ކަމަށް އަފީފު ވިދާޅުވިއެވެ. މި މުބާރާތުގެ ސަބަބުން ދަރިވަރުންނަށް މުޙިންމު ފުރުޞަތު ތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" މިއީ ކިޔަވަމުންދާ ދަރިވަރުންނަށް ވަރަށް ނުލިބޭ ފުރުޞަތު ތަކެއް. ރިއަލް ލައިފް ޕްރޮބްލަމް ތަކަށް ފޯކަސް ކޮށްގެން، ކިޔެވުމުގެ ތެރެއިން އޭގެ އަމަލީ ތަޖުރިބާ ހޯދުމަކީ ކުދިންނަށް އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަމެއް" އަފީފު ވިދާޅުވިއެވެ.

މުބާރާތުގައި ބައިވެރިކުރާ މޮޑެލްތައްތަކާއި ފަރުމާތައް ތައްޔާރު ކުރުން، ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޕީއީ ހޯލުގައި ކުރިއަށް ގެންދާނެއެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ގައެވެ.

މި މުބާރާތް ކުރިއަށް ދާއިރު، ޔުނިވަރސިޓީގެ ދަރިވަރުން ކުރަމުންދާ މަސައްކަތް ގާތުން ބެލުމުގެ ފުރުޞަތު މިހާރު އޭލެވެލްއަށް ކިޔަވަމުންދާ ދަރިވަރުންނަށް ވަނީ ހުޅުވާލާފައެވެ. އެ މަސައްކަތް ކުރިއަށް ދާނީ، ހުކުރު ދުވަހު ހަވީރު 4 ން 6 އަށް  ހޮނިހިރު ދުވަހު ހެނދުނު 10 ން 12އަށް އަދި މެންދުރުފަހު 2 ން 4 އަށެވެ. އަދި މުބާރާތުގެ ހަރަކާތްތައް ކުރިއަށް ދާއިރު، މަތީ ތަޢުލީމު ޙާޞިލްކުރުމަށް، އެ ފެކަލްޓީގައި ހުރި ފުރުޞަތު ތަކުގެ މައުލޫމާތު ދިނުމުގެ އިތުރަށް އެކުދިންނަށް ބައިވެރިވެވޭ ގޮތަށް ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.

މިއީ އެމްއެންޔޫއާއި ގުޅިގެން މި މުބާރާތް ކުރިއަށް ގެންދާ ދެވަނަ ފަހަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *