ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގައި ކިޔަވަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އުނގެނުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ދިރާގުން ހަދިޔާކޮށްފިއެވެ.
ދިރާގުން ހަދިޔާކުރި ސާމާނު ތަކުގެ ތެރޭގައި ސެން ކުލާހަށް ބޭނުންވާ ފަރުނީޗަރާއި ކޮމްޕިއުޓަރާއި އެކުދިންގެ ކިޔެވުމަށް ބޭނުންވާ ފޮތްތަކާއި ބައެއް އާލާތްތައް ހިމެނެއެވެ.
ދިރާގުން މި ހަދިޔާ، އެ ސްކޫލާ ހަވާލުކުރީ އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އާމިނަތު މުޙައްމަދު ދަރިވަރު ނޫހަށް ވިދާޅުވީ، ޙާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔެވޭނެ އިންތިޒާމް އެ ސްކޫލުގައި ހަމަޖެއްސީ ވަރަށް ފަހުން ކަމަށާއި، އެފަދަ ކުދިންގެ ކިޔެވުމަށާއި ކުލާހަށް ބޭނުންވާ ތަކެތި ހޯދުމަށް އެކި ފަރާތްތަކަށް ހުށަހެޅި ކަމަށެވެ.
" އަޅުގަނޑުމެން އެދުނު އެދުމަށް ދިރާގުން ފޯރުކޮށްދިނީ ވަރަށް ބޮޑު އެހީތެރިކަމެއް. މި އެހީގެ ސަބަބުން އެކުދިންގެ ކިޔެވުން ކުރިއަށް ގެންދިއުމަށާއި، ކުރިއެރުމަށް ބޮޑު ކުރިއެރުމެއް އަންނާނެ" ޕްރިންސިޕަލް ވިދާޅުވިއެވެ.
އޭނާ ވަނީ ދިރާގުން ވެދެއްވި އެހީތެރިކަމަށް އެ ކުންފުންޏަށް އެ ސްކޫލާއި ދަރިވަރުންނާއި ބެލެނިވެރިންގެ ނަމުގައި ޝުކުރުދަންނަވާފައެވެ.
750 އެންހާ ދަރިވަރުން ކިޔަވަމުންދާ ޖަލާލުއްދީން ސްކޫލްގައި ޚާއްޞަ އެހީއަށް ބޭނުންވާ 40 ދަރިވަރުން ކިޔަވަމުންދެ އެވެ. އޭގެ ތެރޭގައި އެހާ ސިވިއާ ކުދިން ނެތް ކަމަށް އެ ސްކޫލުން ބުނެއެވެ.
" ފިޒިކަލް އެހާ ސިވިއާ ކުދިންނެއް ނެތް. އަޅުގަނޑުމެންނަށް ޚިދުމަތް ދެވޭ މިންވަރަކުން ބެލެނިވެރިންނަށް ސްކޫލަށް އޮންނަ އިތުބާރު ދެމެހެއްޓޭނީ. އަޅުގަނޑުމެން މިދަނީ ވަޞީލަތްތައް ހޯދާ އެކުދިންނަށް ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރަމުން" އާމިނަތު ވިދާޅުވިއެވެ.
ދިރާގުން އަންނަނީ އިޖްތިމާއީ ޒިންމާގެ ދަށުން މިފަދަ އެހީތެރިކަން ސްކޫލްތަކަށް ފޯރުކޮށްދެމުންނެވެ.
advertisment
ހިޔާލު