އެހެން މަދަރުސާތަކާ ވާދަކޮށް ނަކަލު ކޮށްގެން، މަޖީދިއްޔާއަކަށް އުޖާލާ އާ މަގެއް ނުކޮށޭނެ:

އެހެން މަދަރުސާތަކާއި ވާދަކޮށްގެން، އެހެން ސްކޫލްތަކުގެ ޙަރަކާތްތައް ނަކަލު ކޮށްގެން މަޖީދިއްޔާއަކަށް އުޖާލާ އާ މަގެއް ނުކޮށޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަކީ ވިދާޅުވެއްޖެއެވެ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ބައެއް މީހުންގެ ނަޒަރުގައި މަޖީދިއްޔާގެ ރަން ދުވަސްތަކަކީ އެ މަދަރުސާގެ ފުރަތަމަ 50 އަހަރު ކަމަށެވެ. އެއް ގޮތަށްވުރެ ގިނަ ގޮތް ގޮތުން މަޖީދިއްޔާގެ ފުރަތަމަ ފަންސާސް އަހަރަށްވުރެ ދެ ވަނަ ފަންސާހުގެ އަހަރުތައް މަޖީދިއްޔާއަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރުމަތި ކުރުވާފައިވާ ކަމަށާއި، މިހާލަތުގައި މާޒީގެ ޝަރަފުވެރި ދުވަސްތައް އަނބުރާ ގެނެވިދާނެތޯ، މަޖީދިއްޔާގެ މުސްތަޤުބަލަކީ ކޮބާތޯ، އެކަމަނާ ސުވާލުކު ކުރެއްވިއެވެ.

" އަޅުގަނޑަށް ވިސްނޭގޮތުގައި އެހެން މަދަރުސާތަކާ ވާދަކޮށްގެން އެހެން ސްކޫލްތަކުގެ ޙަރަކާތްތައް ނަކަލު ކޮށްގެން މަޖީދިއްޔާއަކަށް އުޖާލާ އާ މަގެއް ނުކޮށޭނެ. މަޖީދިއްޔާގެ ރަން ދުވަސްތައް އިއާދަކުރަން ބޭނުން ނަމަ ޖެހޭނީ މަޖީދިއްޔާ މަޖީދިއްޔާއަކަށް ހެދި ކަންތައްތައް ރުޖޫޢަ ކުރަން" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ، މަޖީދިއްޔާގެ އޭރުގެ ހާލަތު ވަރަށް ކުރުކޮށް، ވިދާޅުވެދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، އޭރު މަޖީދިއްޔާއަކީ އެލީޓް މަދަރުސާއެއް ކަމަށާއި، މަޖީދިއްޔާއަށް ވަދެވޭނީ ވަކި ފެންވަރެއްގެ ކުދިންނަށް ކަމަށެވެ. ވަކި ފެންވަރަކުން ފާސްނުވާ ކުދިންނަށް ޖެހެނީ ހުރި ކުލާހުގައި އެއް އަހަރު މަޑުކުރަން ކަމަށާއި ދެ އަހަރު ރަނގަޅު ފެންވަރުގައި ފާސްނުވެއްޖެނަމަ މަދަރުސާއިން ވަކިކުރެވޭ ކަމަށެވެ. އަދި ދެ އިރު މަދަރުސާއަށް ކިޔަވަން އަންނަން ޖެހޭއިރު، ސާނަވީ ފެންވަރުގެ ނުވަ ވަރަކަށް މާއްދާ ހަދަންޖެހޭ ކމަށެވެ.

" ދަރިވަރުންގެ ތަރުބިއްޔަތަށް ދީފައިވާ އިސްކަމަކީ ކިޔެވުމަށް ދޭ އިސްކަމަށްވުރެ ބޮޑުކަމެއް. ނަމާދަށް އަރާތޯ މިސްކިތްތަކުގައި ހާޒިރީ ބެލޭ. ސިނަމާއަށާއި ސައިހޮޓާތަކަށް ވަނުމާއި ރޭގަނޑު ބޭރަށް ނުކުމެ އުޅުން ވަނީ މަނާކުރެވިފައި. މަޖީދިއްޔާ ކުއްޖެއްނަމަ އޭނާގެ މަގުމަތީގެ އުޅުމަށް ހެޑްމާސްޓަރުންނާއި މުދައްރިސުންގެ އިތުރަށް ރަށު ރައްޔިތުން ފާރަލާ. ލަވަކިޔާ ކުލާހަށް ނައުމުން ވެސް އެއްތެލުން ތަޅާފައިވޭ. ދަރިވަރުންގެ ހަށިގަނޑު ޔަރުބިއްޔަތާ ކުޅިވަރަށް ދީފައިވާ ސަމާލުކަމަކީ މިހާރު ޤައުމީ ފެންވަރުގެ މުބާރާތްތަކަށް ދޭ ފަދަ ސަމާލުކަމެއް" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

އެހާރާ މިހާރުގެ ކަންތައްތައް ހުރި ނެތް ގޮތާމެދު ފިކުރު ހިންގަވާލައްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި، އޭރު ބައެއް ކުދިން ކިޔަވަން ތިބެނީ ތަޅުންގަނޑުގައި ރިޔާ އަޅައިގެންނެވެ. ބައެއް ކުލާސްތައް ހަދާފައި ހުންނަނީ ގޯނި ދަމައިގެންނެވެ.

" މިގޮތް ގޮތުން ކިޔެވި ކުދިންގެ އުޅުމާއި ގުޅުމުން އަޅުގަނޑަށް ޔަގީން ވަނީ، މަދަރުސާއެއްގެ ފެންވަރަކީ އިމާރާތުގެ ފުރިހަމަކަމާއި އުސްކަމަށް ނިސްބަތްވާ ކަމެއް ނޫންކަން. މަދަރުސާއެއްގެ ފެންވަރަކީ އެތަނުން ނުކުންނަ ކުދިންގެ ފެންވަރު. އެކުދިންގެ އުޅުމުގެ އަބުރުވެރިކަމާއި އަބުރާރުކަން. އެކުދިންގެ ވިސްނުމުގެ ފާގަތިކަމާއި ފަހިކަން. އެކުދިންގެ ގުނަވަންތަކުގެ ހުސިޔާރުކަމާއި ހަލުވިކަން" މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *