ތަޢުލީމީ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމް ޒައީމާއާއި އޯޓިޒަމް އެސޯސިއޭޝަނަށް

ތަޢުލީމީ ދާއިރާއިން ހިތްވަރުގެ އިނާމް، އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދީންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އުފެއްދުމުގެ ރޮނގުން އާއިޝަތު ޒައީމާއާއި އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދީންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ރޮނގުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ދީފިއެވެ.

ޤައުމީ އިނާމް ދެއްވީ، ދަރުބާރުގޭގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ.  އޯޓިޒަމް އެސޯސިއޭޝަންގެ އިނާމާ ހަވާލުވެވަޑައިގެންނެވީ ޗެއަރޕާސަން އަދި ފައުންޑަރ އިލްހާމް އަހުމަދެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ޚިދުމަތް

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަކީ، 2010 ވަނަ އަހަރު، ދިވެހިރާއްޖޭގެ ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންގެ އަނބިކަނބަލުން، އިލްހާމް ޙުސައިންގެ އިސްނެންގެވުމުގެ މަތިން، ދިވެހިރާއްޖޭގައި އޯޓިޒަމް ކުދިންނަށް ތަޢުލީމާއި ތަމްރީނު ދިނުމާއި، އޯޓިޒަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގްރާމުތައް ހިންގުމާއި، އޯޓިޒަމާ ގުޅޭ އެހެނިހެން ކަންކަން ކުރުމުގެ މަޤްޞަދުގައި އުފެއްދެވި އަމިއްލަ ޖަމުޢިއްޔާއެކެވެ.

އޯޓިޒަމް ކުދިންނަށް އުނގެނުމުގައި ހަމަހަމަ ފުރުޞަތު ހޯއްދަވައިދެއްވުމުގެ މަޤްޞަދުގައި، "މޯލްޑިވްސް އޯޓިޒަމް ސެންޓަރ"ގެ ނަމުގައި 12 ސެޕްޓެންބަރު 2011 ގައި ވަނީ ވަކި ތަޢުލީމީ މަރުކަޒެއް އެސޯސިއޭޝަންގެ ދަށުން އުފައްދަވައިފައެވެ. އަދި 2017 ވަނަ އަހަރު އިމާރާތްކުރި 6 ފަންގިފިލާ އެކުލެވޭ އިމާރާތެއްގައި 18 ކްލާސްރޫމް ހިމެނޭގޮތަށް ޚިދުމަތްތައް ވަނީ ފުޅާކުރައްވައިފައެވެ. އޯޓިޒަމް ކުދިންނަށް ދެވޭ ޚިދުމަތްތައް ފެށިގެން އައީ 4 ކުދިންނާއި، މެއިންސްޓްރީމް ޓީޗަރަކާއެކު ނަމަވެސް، މިއަދު ވަނީ 150 ކުދިންނާއި، އެ ކުދިންގެ ބެލެނިވެރިންނަށް، އެކި ފަންނުގެ 30 މުވައްޒަފުންގެ ޢިލްމާއި ހުނަރުން ގިނަ ތެރަޕީތަކެއް ފޯރުކޮށްދެމުންދާ ޤައުމީ ފެންވަރުގެ ޚިދުމަތަކަށް ބަދަލުވެފައެވެ.

 

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ފައުންޑަރ އިލްހާމް އަހުމަދަށް ރައީސް ސޯލިހު އިނާމް ހަވާލުކޮށް ދެއްވަނީ: އޯޓިޒަމް ސެންޓަރުން ވަނީ ގިނަ ދަރިވަރުންނަށް ޚިދުމަތް ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކޮށްދީފައި

އޯޓިޒަމް އެސޯސިއޭޝަނުން ދޭ ޚިދުމަތްތަކުގެ ތެރޭގައި، ސައިކޮލޮޖިކަލް އެސެސްމަންޓާއި، ޑައިގްނޯސް ކުރުމާއި، އާރލީ އިންޓަރވެންޝަންގެ ދަށުން އެކެޑަމިކް (ލިޓްރަސީ ނިއުމެރަސީ، ސްކޫލް ރެޑިނަސް ޕުރޮގްރާމު، ސޯޝަލް ސްކިލް ޓްރޭނިންގ) އަދި ލައިފް ސްކިލްސްގެ ބައިތައް ހިމެނޭ ޚާއްޞަ މުޤައްރަރަކަށް (އިވެލުއޭޝަން ބައިތަކާއެކު) ކިޔަވައިދިނުމާއި، ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސެންސަރީ އިންޓެގްރޭޝަން، ބިހޭވިއަރ ތެރަޕީ އަދި ޕްލޭ ތެރަޕީ ފަދަ ޚިދުމަތްތަކުގެ އިތުރުން، ލޮލުގެ ފެނުމާއި، އަދި ކަންފަތުގެ އިވުން ސްކްރީން ކުރުމުގެ ޚިދުމަތްވެސް ހިމެނެއެވެ.

ހަމައެއާއެކު، އޯޓިޒަމް ކުދިންނަށް ޚާއްޞަކޮށްގެން، އެސޯސިއޭޝަންގެ ފަރާތުން ރާވައިގެން، ޤުރްއާން ކިޔެވުމުގެ މުބާރާތާއި، ކުޅިވަރު މުބާރާތާއި، އާޓް އެގްޒިބިޝަނާއި، ޓެލެންޓް ޝޯތައް ބޭއްވުމުގެ އިތުރުން، ޤައުމީ އެކި ދުވަސްތައް ފާހަގަކުރުމުގައި ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ދެމުން ގެންދެއެވެ.

މީގެއިތުރުން، އެހެން ސްކޫލްތަކުގެ ޓީޗަރުންނަށާއި، ތަނުގައި މަސައްކަތްކުރާ ތެރަޕިއުޓިކް އެޑިއުކޭޓަރުންނަށް އަމާޒުކޮށްގެން، އެކިއެކި ތަމްރީނުތައް ހިންގައެވެ. "އޮން ދަ ޖޮބް" ޓްރޭނިންގތަކުގެ އިތުރުން، ބޭރު ޤައުމުތަކަށް ފޮނުވައިގެންވެސް ތަމްރީނު ކުރެއެވެ. އަދި ބެލެނިވެރިންނާއި ޢާއިލާތަކަށް ޚާއްޞަކޮށްގެންވެސް އެކިއެކި ތަމްރީނުތައް ހިންގައެވެ. ހަމައެހެންމެ، މުޖުތަމަޢުގައި އޯޓިޒަމާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ.

ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން "އިނޮވޭޓިވް" ޚިދުމަތްތައް ތަޢާރުފް ކުރުމާއި، އެހެން ޤައުމުތަކުގައި ކާމިޔާބުކަމާއެކު ހިންގާ ޕުރޮގްރާމުތައް "އިމްޕޯޓް" ކުރަމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން، އޯޓިޒަމް އެސޯސިއޭޝަނުން ދޭ ޚިދުމަތްތަކަކީ، ބެލެނިވެރިން މިހާރު ބަލައިގަންނަ އަދި ކުދިންނަށް ކާމިޔާބީ ހޯދައިދެވޭ ޚިދުމަތްތަކެކެވެ.

ޢާއިޝަތު ޒަޢީމާގެ ޚިދުމަތް

ޢާއިޝަތު ޒަޢީމާއަކީ، 2004 ވަނަ އަހަރުން ފެށިގެން ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ، މިހާރު ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގައި، އިންކްލޫސިވް އެޑިޔުކޭޝަން ތަރައްޤީ ކުރުމުގައި ހީވާގިކަމާއި، އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ އިންކްލޫޝަން ކޯޗެކެވެ.

އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން މާސްޓަރ އޮފް ޓީޗިންގ ހާސިލު ކުރައްވައިފައިވާ ޢާއިޝަތު ޒަޢީމާއަކީ، މެއިންސްޓްރީމް އެޑިޔުކޭޝަން، ސްޕެޝަލް އެޑިޔުކޭޝަން އަދި އިންކްލޫސިވް އެޑިޔުކޭޝަންގެ ތަޖުރިބާކާރެކެވެ. އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާ އިތުރަށް ތަރައްޤީ ކުރެއްވުމަށް ބޭނުންވާ ޢިލްމާއި، ހުނަރާއި، ޤާބިލުކަން ހޯއްދެވުމުގެ ގޮތުން ޒަޢީމާ ވަނީ، ރާއްޖެއިން ބޭރުންވެސް ގިނަ ތަމްރީނުތަކެއް ފުރިހަމަ ކުރައްވައިފައެވެ.

އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުން ފުޅާކޮށް، ތަރައްޤީ ކުރުމުގެ ގޮތުން ޒަޢީމާ ވަނީ ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމަށް މަގުފަހިވާގޮތަށް ސިޔާސަތުތަކާއި، އުސޫލުތަކާއި، މިންގަނޑުތައް އެކުލަވައިލުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ޤާއިމުކުރެއްވި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓުތައް ޤާއިމުކުރުމުގައި ވަރަށް ބޮޑަށް އެހީތެރިވެދެއްވައިފައެވެ.

ޢާއިޝަތު ޒަޢީމާ ހިލޭސާބަހަށް ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، އިންކްލޫސިވް އެޑިޔުކޭޝަން ކުރިއެރުވުމަށާއި، މި ދާއިރާއަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ބޭނުންވާ މަޢުލޫމާތު ހިމެނޭ ތަފާތު ޕޯސްޓަރުތައް (އިންފޯގްރެފިކްސް) އަމިއްލަފުޅަށް ތައްޔާރުކުރައްވައި، ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވުން ހިމެނެއެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން، އިންކްލޫސިވް އެޑިޔުކޭޝަނަށް މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ގޮތުން ޚާއްޞަ ފޭސްބުކް ޕޭޖެއް، "ފޮޅޭމާ" (ޕްރޮމޯޓިންގ އިންކްލޫސިވިޓީ)ގެ ނަމުގައި ފަރުމާކުރައްވައި، އެ ޕޭޖް، ކާމިޔާބުކަމާއެކު ގެންދަވަނީ ހިންގަވަމުންނެވެ. އަދި ރޭޑިއޯ މެދުވެރިކޮށްގެންވެސް، އިންކްލޫސިވް އެޑިޔުކޭޝަނާ ގުޅޭ މަޢުލޫމާތު ތަފާތު ޕުރޮގްރާމުތަކުގައި ހިއްސާ ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ބެލެނިވެރިންނަށާއި، ޔުނިވަރސިޓީތަކުގެ ދަސްކުރާ މުދައްރިސުންނަށްވެސް، އިންކްލޫސިވް އެޑިޔުކޭޝަނަށް އަހުލުވެރި ކުރުވުމުގެ ތަފާތު ސެޝަންތައް ނުހަނު ޝައުޤުވެރިކަމާއެކު ހިލޭސާބަހަށް، ޒަޢީމާ ނަންގަވައިދެއްވައިފައި ވެއެވެ.

2021 ވަނަ އަހަރު، ޢާއިޝަތު ޒަޢީމާ ވަނީ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ވަޒީފާގެ ބާޒާރަށް ނެރުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން "ޝާމިލު ރާސްތާ- ބާރުވެރި ޒުވާނާ" މިނަމުގައި ކޮންސެޕްޓެއް ފަރުމާ ކުރައްވައި، އެފަދަ ދަރިވަރުން ޕްރޮފައިލް ކުރާނެ ގޮތާއި، އަޖުމަ ބެލުމުގެ މަރުޙަލާ ކުރިއަށް ގެންދާނެ ގޮތުގެ ކަރުދާހެއް އެކުލަވައިލައްވައި، މި ކަމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިފައެވެ. މީގެ އިތުރުން، ކޯވިޑު-19ގެ ޙާލަތުގައިވެސް ޒަޢީމާ ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދާނެ ގޮތްތަކަށް ބެލެނިވެރިން އަހުލުވެރިކުރުވުމުގެ ޕުރޮގްރާމެއް ފަރުމާ ކުރައްވައި، މާލޭގައި ހިންގާ ސްކޫލުތަކުގެ ސްޕެޝަލް އެޑިޔުކޭޝަން ލީޑިންގ ޓީޗަރުންނާ ގުޅިގެން އެ ޕުރޮގުރާމު ކުރިއަށް ގެންދަވައިފައެވެ. އެ ޕުރޮގުރާމުގައި 450 އަށްވުރެ ގިނަ ބެލެނިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެއްވައިފައި ވެއެވެ.

ޢާއިޝަތު ޒަޢީމާ މި ދާއިރާއިން ހޯއްދަވައިފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަންނީ ގޮތުން ޚިދުމަތް ކުރެއްވުމުގެ ރޮނގުން "ޑިސްއެބިލިޓީ އެވޯޑް 2014″ ހާސިލުކުރެއްވުން ހިމެނެއެވެ. އަދި އޮސްޓްރޭލިޔާގެ ކްއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީން ދޭ "ކިޔު.ޔޫ.ޓީ. އިމްޕެކްޓް އެމްބެސެޑަރ ޓު މޯލްޑިވްސް ފޮރ އަ ޓްރާންސްފޮމެޓިވް ކޮންޓްރިބިއުޝަން ޓު ދަ ރިއަލް ވާރލްޑް 2021″ގެ އެވޯޑް، އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ޒަޢީމާ ހާސިލު ކުރައްވައިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *