މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ކުރިއަށް ގެންދާ ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ މިއަދު ފަށައިފިއެވެ. ފިއެސްޓާގެ ހަރަކާތްތައް ފައްޓަވައި ދެއްވީ، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

ފުޓްބޯޅައިގެ ހުނަރު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ކުރިއަށް ގެންދާ މި ހަރަކާތުގައި މި ފަހަރު އަމާޒުކޮށްފައި ވަނީ ގުރޭޑް 3 އާއި 4ގެ ދަރިވަރުންނަށެވެ. މ ފަހަރު ކުރިއަށް ގެންދާ ފިއެސްޓާަގައި 20 ސްކޫލަކުން 720 ދަރިވަރުން ބައިވެރިވެއެވެ. މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް މި ޙަރަކާތް ކުރިއަށް ދާއިރު 296 މެޗް ކުޅޭނެއެވެ.
ފިޔެސްޓާގައި ބައިވެރިވާ ހުރިހާ ދަރިވަރުންނާއި އޮފިޝަލުންނަށް ރަން މެޑަލް ދޭނެއެވެ.

ނެސްލޭ ކިޑްސް ފިއެސްޓާ އިންތިޒާމް ކުރަނީ ސޮކާ ވެޓަރަންސް އެސޯސިއޭޝަނުންނެވެ. ހުސްވި ޖޫން މަހުގެ ތެރޭގައިވެސް މިފަދަ ހަރަކާތެއް އެ އެސޯސިއޭޝަނުން ވަނީ މާލޭގެ ސްކޫލްތަކަށް ކުރިއަށް ގެންގޮސްފައެވެ. އެފަހަރު ކުރިއަށް ގެންދިޔައީ ގުރޭޑް 1އާއި 2ގެ ކުދިންަނަށެވެ.
" ކިޑްސް ފުޓްބޯޅަ ފިއެސްޓާ" ސޮކާ ވެޓަރަންސް އެސޯސިއޭޝަނުން ފެށީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން އަހަރަކު ތިން ފަހަރު ފިއެސްޓާ ކުރިއަށް ގެންދެއެވެ. ފުޓްބޯޅައިގެން މި ޙަރަކާތް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތް އެސޯސިއޭޝަނުން ދަނީ ކުރަމުންނެވެ. މިހާތަނަށް އައްޑޫއާއި ފުވައްމުލަކު ސިޓީގެ އިތުރުން ނ. އތޮޅުގައި ވަނީ ބާއްވާފައެވެ.
advertisment
ހިޔާލު