މާލެ އަތޮޅު ކާށިދޫގައި ހުންނަ އެ އަތޮޅު މަދަރުސާއިން " ޑްރެގަން ފުރުޓް ގާޑްން" އިފްތިތާޙު ކޮށްފިއެވެ. ކާށިދޫގައި ކުރިއަށް ގެންދާ ދަނޑުވެރިކަމުގެ ދުވަހުގެ ޙަރަކާތް ތަކުގެ ތެރެއިން މި ގާޑްން އިފްތިތާޙުކޮށް ދެއްވީ ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.
އަތޮޅު މަދަރުސާގެ ގޯތިތެރޭގައި ކުރިއަށް ގެންދާ މި ގާޑްންގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ސްކޫކްގެ " ޔަންގް ފަރމާސް" ކުލަބުންނެވެ.
ކ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުޙައްމަދު ނަތީމް ދަރިވަރު ނޫހަށް ވިދާޅުވި ގޮތުގައި ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރު ދަސްކޮށް ދިނުމަށް ތިން ބާވަތެއްގެ މަސައްކަތެއް އެ ސްކޫލުން ކުރިއަށް ގެންދާ ކަށެވެ. ދަނޑުވެރިކަމަކީ އޭގެ ތެރެއިން އެންމެ މުޙިންމު އެން މަސަކަތެވެ. ދަނޑުވެރިކަމުގެ ތެރެއިން އެ ސްކޫލްގައި ހައްދަނީ ކުރުމުއްދަތުން ފައިދާ ލިބޭ ބާވަތްތަކާއި ދިގު މުއްދަތުން ފައިދާ ލިބޭ ބާވަތެކެވެ. ކުރުމުއްދަތުން ފައިދާ ލިބޭ ބާވަތްތަކުގެ ތެރޭގައި ކޮޕީފަތާއި ކައްޓަލަ ހިމެނެއެވެ. " ޑްރެގަން ފުރުޓް ގާޓް" ޕްރޮގްރާމަކީ ދިގު މުއްދަތަކުން ފައިދާ ހޯދޭ ގޮތަށް ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތެކެވެ.
ޑްރެގަން ފުރުޓް ގާޑްންގައި އިއްޔެ 15 ގަސް އިންދިއެވެ. އެ ގާޑްގެ މަސައްކަތް ކުރާނީ، ކިޔެވުމުގެ ތެރެއިން ހުނަރުތައް ދަސްކުރަން ޚާއްޞަ ކޮށްފައިވާ ގަނޑިތަކުގައި ދަރިވަރުންނެވެ.
ނަތީމް ވިދާޅުވީ، ކޮންމެ ޕްރޮގްރާމެއްގައި ވިހި ކުދިން ބައިވެރިކުރާ ކަމަށެވެ. އެހެން ނަމަވެސް ޔަންގ ފަރމާސްގައި، ގިނަ ދަރިވަރުންނަށް ފުރުޞަތު ދިނުމުގެ ގޮތުން 32 ދަރިވަރުން ބައިވެރިކޮށްފައިވާ ކަމަށެވެ.

" ގާޑްންގެ ހުރިހާ މަސައްކަތެއް ކުރާނީ، ދަރިވަރުން، ދަރިވަރުންނަށް ބޭނުންވާ ފަންނީ ހުނަރާއި މަސައްކަތުގެ ވައްޓަފާޅި އަޅުގަނޑުމެން ކިޔައި ދެނީ ފިލަވާޅުތަކެއްގެ ގޮތުގައި" ނަތީމް ވިދާޅުވިއެވެ.
ނަތީމް ވިދާޅުވީ، " ޑްރެގަން ފުރުޓް ގާޑްން" އަށް އެގްރޯ ނެޓާއި ދަނޑުވެރިކަމާބެހޭ ވުޒާރާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ދިޔަކަމަށެވެ.
" ގަސް އިންދުމުން ފެށިގެން ގާޑަން އެއްގެ ސިފަ ޖެއްސުމަށް ކުރަން ޖެހުނު ހުރިހާ މަސައްކަތެއްގައި އެހީތެރިކަން ލިބިގެން ދިޔަ" ނަތީމް ވިދާޅުވިއެވެ.
" ފަންނީ ގޮތުން ބޭނުންވާ މައުލޫމާތު ވެސް އަޅުގަނޑުމެންނަށް ދަނީ ފޯރުކޮށް ދެމުން"
ނަތީމް ވިދާޅުވީ، " ޑްރެގަން ގާޑްން" ގެ މަސައްކަތުގެ ފޮނި މީރުކަން ލިބެން އަހަރެންހާ ދުވަސް ހޭދަވާނެ ކަމަށެވެ. އެ ހިސާބަށް ގެންދިއުމަށް ދަރިވަރުންނާއެކު އެ ސްކޫލްގެ މުދައްރިސުން ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
" މިކަން ކާމިޔާބު ވީމާ އަޅުގަނޑުމެންނަށް ހިތްހަމަޖެހުމެއް ލިބޭނީ" ރާއްޖޭގެ ސްކޫލެއްގައި ފުރަތަމަ ފަހަރަށް ފެށި ގާޑްނިންގ ޕްރޮގްރާމާ ގުޅޭ ގޮތުން ނަތީމް ވިދާޅުވިއެވެ.
500 އެންހާ ދަރިވަރުން ކިޔަވަމުންދާ އެ ސްކޫލްގައި، ދަނޑުވެރިކަމުގެ އިތުރުން ވަޑާން ކުރުމާއި ކައްކަން ދަސްކުރުމަކީ ވެސް ދަރިވަރުންގެ ހުނަރު ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މުހިންމު ދެ ޕްރޮގްރާމެވެ.
advertisment
ހިޔާލު