ޑޮކްޓަރޭޓުން އިސްކަމެއް ދެއްވަންވީ ދިރާސާ ކުރުމަށް: އަނީސާ

ރާއްޖޭގައި އެންމެ ބަލިކަށި އެއް ދާއިރާއަކީ ރިސާރޗްގެ ދާއިރާކަން ފާހަގަ ކުރައްވައި، ޑޮކްޓަރޭޓް ޙާޞިލްކުރައްވައިގެން ތިއްބެވި ބޭފުޅުން އެންމެ ބޮޑު އިސްކަމެއް ދެއްވަންވީ ދިރާސާކުރުމަށް ކަމަށް ކުރީގެ ޖެންޑަރ މިނިސްޓަރު އަނީސާ އަހުމަދު ވިދާޅުވެއްޖެއެވެ.

އެމްއެންޔޫގެ ދަސްވެރިނިވި ދަރިވަރުންނަށް ލިޔުން ހަވާލުކޮށް ދެއްވުމަށް ރޭ ބޭއްވި ދެވަނަ ދަންފަޅި ޝަރަފުވެރިކޮށް ދެއްވާ، އަނީސާ ވިދާޅުވީ، ރާއްޖޭގައި އެންމެ ބަލިކަށި އެއް ދާއިރާއަކީ ރިސާރޗް ކުރުމުގެ ދާއިރާ ކަމަށެވެ.

އަނީސާ ވިދާޅުވިގޮތުގައި، އަޅުގަނޑުމެންނަށް މައުލޫމާތު ލިބިގެން އޭގެ އަލީގައި ނޫނީ ޤައުމު ތަރައްގީކުރުމަށް ސިޔާސަތުތަކެއް ކަނޑައަޅާކަށް ވެސް ނޭނގޭނެއެވެ. އެހެންވެ ދިރާސާ ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

" ދިރާސާ ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް. ޑޮކްޓަރޭޓް ޙާޞިލްކުރައްވައިގެން ތިއްބެވި ބޭފުޅުން އެންމެ ބޮޑު އިސްކަމެއް ދެއްވަންވީ ދިރާސާކުރުމަށް" އަނީސާ ވިދާޅުވިއެވެ.

ދަސްވެނިވި ދަރިވަރުންނާ މުހާޠަބު ކުރައްވައި އަނީސާ ވިދާޅުވީ، ރާއްޖޭގޭ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުން އަހަރަކު އެތައް ސަތޭކަ ދަރިވަރުން ކިޔަވައިގެން ނުކުންނައިރު، ޕްރޮފެޝަނަލް ވަޒީފާތަކުގައި މަސައްކަތްކުރައްވާ ބިދޭސީންގެ އަދަދު މަދު ނުވާ ކަމަށެވެ. ސިއްޙީދާއިރާއާއި ތަޢުލީމީ ދާއިރާގައި ބިދޭސީން ޕްރޮފެޝަނަލް ވަޒީފާތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، އަޅުގަނޑުމެން މިކަމާ ހިތާމަ ކުރަންޖެހޭ ކަމަށެވެ.

ސިއްހީދާއިރާއަށް ބަލާއިރު ރާއްޖޭގައި ވަޒީފާއަދާ ކުރާ ނަރުހުންގެ ދެބައިކުޅަ އެއްބަޔަކީ ބިދޭސީ ނަރުހުން ކަމަށާއި، އެކަމަކު ޤައުމީ ޔުނިވަރސިޓީގެ ނާސިންގ ސްކޫލުން އަހަރަކު އެތައް ނަރުހުންނެއް ތަމްރީނު ކުރަމުން ގެންދާއިރު، އެ ވާގޮތެއް ނޭނގޭ ކަމަށް އަނީސާ ވިދާޅުވިއެވެ.

އަނީސާ ވިދާޅުވީ ނަރުސްކަން، ޑޮކްޓަރުކަން، ސިއްޙީ އެހެން ޚިދުމަތްތެރިން ނުކުންނަނީ ވަޒިފާއެއް އަދާކުރާކަށް އެކަނި ނޫން ކަމަށާއި، އެމީހުން އެ ނުކުންނަނީ އިންސާނުންނަށް ޚިދުމަތް ކުރަން ކަމަށެވެ. ނަމަވެސް ބައެއްފަހަރު މައިންބަފައިންގެ ނުފޫޒުން އެ ދާއިރާއަށް ނުކުތީމާ ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

" އެއީ މައިންބާފައިން ބުނީމާ ސެޓްފިކެޓެއް ޙާޞީލްކުރަން ކުރާކަމެއް ކަމަކަށް ބުނަން އަޅުގަނޑަށް ދަތި. ޚިޔާރުކުރާނެ ދާއިރާއެއް ކަނޑާނޭޅިގެން އުޅެނިކޮށް މައިންބަފައިންގެ ނުފޫޒުން ކުރިއަށް ދާން ބޭނުން ނުވާ ދާއިރާއިން ވެސް އެބަ ނުކުމޭ. އޭގެ ސަބަބުން އެތައް ގޮންޖެހުންތަކާ ދިމާވޭ. ބައެއް ފަހަރު މާޔޫސްވޭ"

އަނީސާ ވިދާޅުވީ، އަންހެން ދަރިވަރުން ކިޔަވައިގެން ނުކުންނަ މިންވަރު އިތުރުވިޔަސް އެ ދަރިވަރުންނަށް ދެން ވާގޮތެއް ނޭނގޭތީ ކަންބޮޑުވާ ކަމަށެވެ. ތަފާސް ހިސާބުގެ އަލީގައި އޭނާ ވިދާޅުވީ މަސައްކަތް ކުރުމުގައި ހަރަކާތްތެރިވަނީ އަންހެނުންގެ އާބާދީގެ 45.8 އިންސައްތަ ކަމަށެވެ.

" އާބާދީގެ ގާތްގަޑަކަށް 50 އިންސައްތައަކީ އަންހެނުން ކަމަށްވާއިރު، އެމީހުން ނުކުމެގެން އަޅުގަނޑުމެން ބޭނުންވާ ކުރިއެރުން ލިބޭނީ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *