އައްޑޫ ސިޓީ ފޭދޫގެ ހިއްކި ސަރަހައްދުގައި ސްކޫލެއް އަޅަން 40،000 އަކަފޫޓްގެ ބިމެއް ހަމަޖައްސައިދީފިއެވެ.
ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާ ދަރިވަރު ނޫހަށް ވިދާޅުވީ، ފޭދޫން ހިއްކި ބިމުގެ ލޭސްޓްޔޫސް ޕޭލޭން އެކުލަވާލިއިރު، އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ، އާ ސްކޫލެއް އަޅާނެ ބިމެއް ހަމަޖެއްސުމަށެވެ.
" ފޭދޫ ސްކޫލްގައި ޖާގައެއް ނެތް. ރަށުގެ އެތައް ކުދިންނެއް އެހެން ސްކޫލަތަކަށް އެބަގެންދޭ ސްކޫލުން ޖާގައެއް ލިބެން ނެތިގެން" ސަލްމާ ވިދާޅުވިއެވެ.
ސަލްމާ ވިދާޅުވީ، އާ ސްކޫލެއް އަޅަން ބިން ހަމަޖައްސައިދޭން އެޑިޔުކޭޝަން މިނިސްޓްރީން އެދިފައިވާ ކަމަށެވެ.
ސަލްމާ ވިދާޅުވީ، ޕްރީ ސްކޫލެއްގެ ޚިދުމަތް އެރަށުން ނުލިބުމުގެ ޝަކުވާ ވެސް އިންތިހާއަށް އެބައޮތް ކަމަށެވެ. އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ޕްރީ ސްކޫލަކަށް 10،000 އަކަފޫޓްގެ ބިމެއް ކަނޑައަޅާފައިވާ ކަމަށެވެ.
" ޕްރީ ސްލެއްގެ ޚިދުމަތަކީ ވެސް، ހިތަދޫ ފިޔަވައި އެންމެ އާބަދީ ބޮޑު ފޭދޫއަށް މުހިންމު ޚިދުމަތެއް. އެކަން ކުރުމަށް ބޭނުންވާ ބިން ވެސް އަޅުގަނޑުމެން ވާނީ ކަނޑައަޅާފައި" ސަލްމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕްރީ ސްކޫލާ ގުޅޭ ވިސްނުންތަކެއް ގެންގުޅުނަސް އެކަން ކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށެވެ.
ހަ ސަތޭކައަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ފޭދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދައިތިކަމާހުރެ ކިޔަވާ ދެނީ ދެ ދަންފަޅިއަށް ބަހާލައިގެންނެވެ.
" އެންމެ ބޮޑު މައްސަލައަކަށް ދިމާވަނީ ކުދިން ކުޅެލާނެ އެކަށީގެންވާ ޖާގައެއް ނެތުން" ސަލްމާ ވިދާޅުވިއެވެ.
ފޭދޫގައި އިތުރު ސްކޫލެއް އިމާރާތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެ ކަމަށް ސަރުކާރުން އޮތީ ބުނެފައެވެ.
advertisment
ހިޔާލު