ފޮތް ޝާއިއުކުރުމަށް، 14 ހުށަހެޅުމަކަށް އެއް މިލިއަން ރުފިޔާ އެމްއެންޔޫއިން ދޫކޮށްފި

ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓްސްގެ ދަށުން މިދިޔަ އަހަރު ހުށަހެޅި ހުށަހެޅުން ތަކުގެ ތެރެއިން ސާދަ ހުށަހެޅުމަކަށް މިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވާ ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބުނެފިއެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރ، ރިސަރޗް އެންޑް އެންޓަރޕްރައިޒް ޑރ. އައިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ، ބުކް ރައިޓިންގ ގްރާންޓްސްގެ ދަށުން ފޮތް ޝާއިއު ކުރުމަށް މިދިޔަ އަހަރު 23 ހުށަހެޅުމެއް ލިބުނު ކަމަށާއި، އެ ޔުނިވަރސިޓީގެ ބުކްރައިޓިން ގުރާންޓް ކޮމިޓީން މުރާޖަޢަ ކުރުމަށްފަހު، ސާދަ ހުށަހެޅުމަކަށް ހުއްދަ ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ ފޮތް މިއަދު ވަނީ ނެރެފައެވެ.

ޝެހެނާޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ޔުނިވަރސިޓީގެ ތެރޭގައާއި މުޖްތަމަޢުގައި ލިޔުންތެރިކަން ކުރިއެރުވުމަށް ފޮތް ލިޔުމަށް ހިތްވަރުދީ ފޮތްތެރިކަން ކުރިއެރުވުމުގެ ގޮތުން 2021 ވަނަ އަހަރު ތިން ކަމެއް ތަޢާރަފު ކުރެވުނު ކަމަށެވެ. އޭނާ ވިދާޅުވީ، ފުރަތަމަ ކަމަކީ އެމްއެންޔޫ ފޮތް މަޢުރަޒު ކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ހިލޭ ބައިވެރިވެވޭ، ހަމައެކަނި ދިވެހި ލިޔުންތެރިންގެ ފޮތްތަކަށް ޚާއްޞަ މައުރަޒެއް ކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ޝެހެނާޒު ފާހަގަ ކުރެއްވީ، ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓްސްއެވެ. މި ގުރާންޓަކީ ޤައުމީ ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި ފޮތްތެރިކަން އާލާކޮށް ތަރައްޤީ ކުރުމަށް އެކުލަވާލާފައިވާ ގުރާންޓެކެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި ޝެހެނާޒު ފާހަގަކުރެއްވީ، ފޮތް ޝާއިއު ކުރުމުގެ ސިޔާސަތެއް އެކުލަވާލެއްވުމެވެ. މި ސިޔާސަތުގެ ދަށުން މުޖްތަމައުގެ ކޮންމެ ފަރުދެއްގެ ފޮތެއް ވެސް ޝާއިއުކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.

" ފޮތެއް ލިޔެ ޝާއިއު ކުރެވޭނެ ގޮތެއް ނެތިގެން. ފޮތެއް އާންމު ނުކުރެވި ޢިލްމް ނުފެތުރި ތިއްބަވާކަށް ޖެހިވަޑައިނުގަންނަވާނެ" ޝެހެނާޒު ވިދާޅުވިއެވެ.

" ފޮތެއް ޝާއިއުކުރަން އެދިވަޑައިގެންފި ނަމަ އެ މުރާޖައާ ކުރާނެ. ޔުނިވަރސިޓީން ބަލާނީ އެއީ އިލްމީ ގޮތުންނާއި ފެންވަރުގެ ގޮތުން އެ ފޮތަކީ ރަނގަޅު ފޮތެއް ތޯ. އަދި އެއީ ވިކިދާނެ ފޮތެއްތޯ. އެފެންވަރުގެ ފޮތެއް ނަމަ ޔުނިވަރސިޓީން ޝާއިއު ކޮށްދޭނެ"  

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *