މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ފޮތް މައުރަޒު، އަންނަ އަންގާރަ ދުވަހު ފަށާއިރު، 22 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.
އެމްއެންޔޫއިން ބުނީ، ތަރުޙީބު ބޮޑުވުމުން، މައުރަޒު ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ. މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހަށް ކުރިއަށް ގެންދާ މި މައުރަޒު، ކޮންމެ ދުވަހެއްގެ ހެނދުނު 10ން ރޭގަނޑު 10އަށް ކުރިއަށް ދާނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ. ޤައުމީ ޔުނިވަރސިޓީން ދަނީ މިފަދަ ވަރަށް ގިނަ ހަރަކާތްތަކެއް ޤައުމު ބިނާ ކުރުމަށްޓަކައި އެކި އެކި ނަންނަމުގައި ބާއްވަމުންނެވެ.
އެމްއެންޔޫއިން ބުނީ މި މައުރަޒު ބޭއްވުމުގެ މަޤްޞަދަކީ، ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުމާއި، ޝާއިޢު ނުކުރެވި ހުރި އައު ފޮތް ފަދަ އާލާތްތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމާއި، ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝަޢުގު އުފެއްދުމުގެ އިތުރުން ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެފުރުސަތު ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމެވެ.
މި މައުރަޒުގައި ބައިވެރިވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. މައުރަޒު ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެންނެވެ.
advertisment
ހިޔާލު