ވ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުދައްރިސުންނަށް ސަތޭކަ ފޮތް ހަދިޔާކޮށް، "ފޮތް ކިޔުމުގެ މުބާރާތެއް" އެ ސްކޫލްގެ ޕީޓީއޭއިން ފަށައިފިއެވެ.
މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ޕީޓީއެއް ދިނީ، ދުނިޔޭގެ މަޝްހޫރު ލިޔުންތެރިންގެ ފޮތްތައް ހިމެނޭ ސަތޭކަ ފޮތުގެ ފޮތް ހަރުގަނޑެކެވެ. މިހަރުގައި ހުރި ފޮތްތަކުގެ ތެރޭގައި އެންޓަރޕްރެނިއަރޝިޕާއި ކިޔަވައިދިނުމާއި ދީނީ އަދި އަމިއްލަ ނަފުސުގެ ކުރިއެރުމާ ގުޅޭ ފޮތްތައް ހިމެނެއެވެ.
މި ފޮތް ހަރުގަނޑު އެ ސްކޫލްގެ މުދައްރިސުންނަށް ހަދިޔާ ކުރުމަށްފަހު، މުދައްރިސުން ފޮތަށް އަހުލުވެރިކޮށް، ކިޔުމަށް ބާރުއެޅުމުގެ ގޮތުން އެއް އަހަރު ދުވަހަށް ދިގުދެމިގެންދާ "ފޮތް ކިޔުމުގެ މުބާރާތެއް" ވަނީ ފަށާފައެވެ. ޕީޓީއޭއިން ހަދިޔާކުރި ސަތޭކަ ފޮތުގެ ތެރެއިން އެންމެ ގިނަ ފޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ކިޔާ ޓީޗަރަކަށް އިނާމެއްގެ ގޮތުގައި ދޭން ނިންމާފައި ވަނީ ދެ ދުވަހުގެ ރިސޯޓް ޗުއްޓީ ދަތުރެކެވެ.
ފޮތް ކިއުމަށްފަހު ކޮންމެ މުދައްރިސަކުވެސް ފޯމެއް ފުރިހަމަ ކުރަންޖެހެވެ. ފޮތް ކީ ކަމަށް ބަލަނީ އެ ފޯމް ފުރިހަމަކޮށް، އޭގައި ހުރި ހުރިހާ ކަންތައްތަކެއް ފުރިހަމަކުރުމުން، ދޭ ޕޮއިންޓްތަކަށް ބަލައިގެންނެވެ.
ވ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހުމަދު މުޖުތަބާ ދަރިވަރު ނޫހަށް ވިދާޅުވީ، މުދައްރިސުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ފޮތް ކިޔުމުގެ މުބާރާތުގެ ސަބަބުން މުދައްރިސުންގެ އިތުރުން ދަރިވަރުންނަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ. ފޮތް ހަދިޔާ ކުރުމާއި މުބާރާތެއް ކުރިއަށް ގެންދަން ނިންމުމުން، އޭނާ ވަނީ އެ ސްކޫލްގެ ޕީޓީއޭއަށް ޝުކުރުއަދާކުރައްވާފައެވެ.
އެ ސްކޫލްގައި ސެތާކައަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދޭން 29 މުވައްޒަފުން މަސައްކަތް ކުރައްވަމުން ގެންދަވައެވެ.
advertisment
ހިޔާލު