މުދައްރިސުންގެ ދުވަހު، އއ. މާޅޮހު ސްކޫލުގެ މުދައްރިސުން ނުކުތީ އިޖްތިމާއީ މަސައްކަތަށެވެ. އެ ސްކޫލުގައި މަސައްކަތް ކުރާ 30 މުވައްޒަފުން އިއްޔެ ހަވީރު ނުކުމެ، ކުޑަކުދިންގެ ޕާކާއި ރަށުގެ ބަނދަރުމަތީގައި ހުރި ހަޓާއި އެތަނުގެ ވަށައިގެން ހިމެނޭ ސަރަހައްދު ކުނިކަހައި ސާފުކުރިއެވެ.

މާޅޮހު ސްކޫލްގެ ޕްރިންސިޕަލް ފާތިމަތު ޝިމާނާ ވިދާޅުވީ، މުދައްރިސުން އިޖްތިމާއީ މަސައްކަތަށް ނުކުންނެވީ މުޖުތަމަޢުގެ ހުރިހާ މެންބަރުންގެ ފަރާތުން މުދައްރިސުންނަށް ލިބުނު ލޯތްބާއި އިޙްތިރާމްގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

ޝިމާނާ ވިދާޅުވިގޮތުގައި، އިޖްތިމާއީ ގޮތުން މަދުވެގެން ދިހަ މަސައްކަތެއްގައި ބައިވެރުވުން ދަރިވަރުންނަށް ލާޒިމް ކޮށްފައި ވާއިރު، އިސްވެ އެ ނަމޫނާ ދައްކަން ޖެހޭނީ މުދައްރިސުން ކަމަށެވެ.
" މުދައްރިސުންގެ ދުވަހު ހުރިހާ ރައްޔިތުންގެ ފަރާތުން ލިބުނީ ލޯތްބާއި އެހީތެރިކަމާއި މަސައްކަތުގެ އަގުވަޒަން ކުރުން. އެކަމުގެ ބަދަލެއްގެ ގޮތުން މުދައްރިސުން ބޭނުންވީ ދަރިވަރުންނާއި ރަށުގެ ރައްޔިތުންނަށް އިޖްތިމާއީ މަސައްކަތުގެ ތެރެއިން އެ ނަމޫނާ ދައްކަން" ޝިމާނާ ވިދާޅުވިއެވެ.

މާޅޮހު ސްކޫލްގައި ސަތޭކައެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު