ދވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ދަރިވަރުންގެ ސްކޮލަރޝިޕް ސްކީމްގެ ދަށުން 2022 ވަނަ އަހަރުގެ ދެވަނަ ޓަރމަށް ހުޅުވާލި ސްކޮލަރޝިޕް ފުރުޞަތުތަކަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން އެންމެ މަތީ ނަތީޖާ ހޯދި 9 ދަރިވަރުންނަށް ސްކޮލަރޝިޕް އެވޯރޑްކޮށްފިއެވެ.
މި ދަރިވަރުންނަށް ސްކޮލަރޝިޕް އެވޯރޑްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި އެމް.އެން.ޔޫގެ ޗާންސެލަރ ޑރ. ހަސަން ހަމީދެވެ.
ޔުނިވަރސިޓީގެ ދަރިވަރުންގެ ސްކޮލަރޝިޕަކީ ޔުނިވަރސިޓީ ކައުންސިލުން ތަޢާރުފުކޮށްފައިވާ، ތަޢުލީމު އިޙްތިފާލު ކުރުމާއި ތޫނުފިލިކަން ހުރެ މަތީ ފެންވަރަށް ކިޔެވުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދެވޭ ސްކޮލަރޝިޕެކެވެ.
ޔުނިވަރސިޓީ ސްކޮލަރޝިޕް ސްކީމް އަކީ ޔުނިވަރސިޓީ ކައުންސިލުން ތަޢާރުފުކުރާ ސްކީމެކެވެ. މި ސްކޮލަރޝިޕް ސްކީމްގެ ޚަރަދު ހަމަޖައްސަނީ ޔުނިވަރސިޓީ އަށް ލިބޭ އާމްދަނީ އިންނެވެ.
ޝަހީދު އެވޯރޑަކީ 3 ނޮވެމްބަރ 1988،ގައި ޝަހީދުވި ޝަހީދުންގެ ޛިކުރާ އާކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1999 ން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ 4 ފެކަލްޓީގައި ހިންގާ އެންމެ މަތީ ފެންވަރުގެ ކޯހުގެ ތެރެއިން ފުރަތަމަ ސެމެސްޓަރގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ.
ސްކޮލަރޝިޕް ސްކީމްގައިވަނީ ތިންބާވަތެއްގެ ސްކޮލަރޝިޕްއެކެވެ. އެއީ ޓިއުޝަން ފީ ހިލޭ ކުރުމާއި (އަންޑަރގްރޭޖުއޭޓް އަދި ޕޯސްޓް ގްރޭޖުއޭޓް)، އަންޑަރގްރޭޖުއޭޓް ފުލް ޝްކޮލަރޝިޕް އާއި ޕޯސްޓް ގްރޭޖުއޭޓް ފުލް ސްކޮލަރޝިޕް އެވެ. މީގެ އިތުރުން ޝަހީދު އެވޯޑް 4 ފެކަލްޓީ (ސީ.އެމް.އެސް، އެފް.އީ.އެސް.ޓީ، އެފް.އެޗް.ޓީ.އެސް އަދި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް) އަށް ދެވެ. ޓިއުޝަން ފީ ހިލޭ ކުރުމަކީ، ޔުނިވަރސިޓީއަށް ދަރިވަރުން ދައްކަންޖެހޭ ފީ އިސްތިސްނާ ކުރުމެވެ. އަންޑަރގްރޭޖުއޭޓް ފުލް ޝްކޮލަރޝިޕް އާއި ޕޯސްޓްގްރޭޖުއޭޓް ފުލް ސްކޮލަރޝިޕްގައި ހިމެނެނީ ދަރިވަރުން ހަދަމުންދާ ކޯހުގެ ފުރިހަމަ މުއްދަތު ނިމެންދެން ފައިސާގެ އެލަވަންސް އެއް ދިނުމެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ދަރިވަރުންގެ ސްކޮލަރޝިޕް ސްކީމްގެ ދަށުން 2022 ވަނަ އަހަރުގެ ދެވަނަ ޓާރމްގައި އަލަށް ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް 3 ގިންތިއަކުން 24 ސްކޮލަރޝިޕް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ސްކީމްގައި ހިމެނެނީ ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕް، އަންޑަރގްރެޖުއޭޓް ސްކޮލަރޝިޕް އަދި ޕޯސްޓް ގްރެޖުއޭޓް ސްކޮލަރޝިޕްއެވެ. ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕް ސްކީމްގެ ދަށުން ހުޅުވާލި 20 ފުރުޞަތަށް އެދި 75 ދަރިވަރަކު ވަނީ ހުށަހަޅާފައެވެ. އަންޑަރގްރެޖުއޭޓް ފުލް ސްކޮލަރޝިޕް ސްކީމްގެ ދަށުން ހުޅުވާލި 2 ފުރުޞަތަށް އެދި 41 ދަރިވަރުން ވަނީ ހުށަހަޅާފައެވެ. އަދި ޕޯސްޓް ގްރެޖުއޭޓް ފުލް ސްކޮލަރޝިޕް ސްކީމްގެ ދަށުން ހުޅުވާލި 2 ފުރުޞަތަށް އެދި 33 ދަރިވަރުން ވަނީ ހުށަހަޅާފައެވެ. ޝަހީދު އެވޯޑްގެ ދަށުން ހުޅުވާލި 4 ފުރުޞަތަށް އެދި 6 ދަރިވަރަކު ވަނީ ހުށަހަޅާފައެވެ.
އެމްއެންޔޫ ދަރިވަރުންގެ ސްކޮލަރޝިޕްގެ 3 ކެޓަގަރީއާއި ޝަހީދު އެވޯރޑުގެ ދަށުން 50 ދަރިވަރުން ކިޔަވަމުން އެބަގެންދެއެވެ.
advertisment
ހިޔާލު