ދަރިވަރުންގެ ސަމާލުކަން ހޯދުމަށް މުދައްރިސުން ވާދަކުރަން ޖެހިފައިވަނީ ތަފާތުކުލަތައް އަރައިފައިބަމުންދާ އިސްކިރީންތަކަކަށް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މުދައްރިސުންގެ ދުވަހު، ހުރިހާ މުދައްރިސުންނަށް ތަހުނިޔާ ދަންނަވައި، މިނިސްޓަރު ދެއްވި ޙިޠާބުގައި ވިދާޅުވީ، ހަލުވި ދުވެއްޔެއްގައި ތަރައްޤީވަމުންދާ ދުނިޔެއަށް ހޭލުންތެރިވެފައިވާ ދަރިވަރުން ބިނާ ކުރުމަށްޓަކައި ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް މިވަނީ ބަދަލުތަކެއް ގެންނާންޖެހިފައި ކަމަށެވެ.
" އިހުގައި ޗޯކާއި ބޯޑުން ފުދުނުކަމުގައިވިޔަސް އަދުގެ ދަރިވަރުންނަށް ބޭނުންވަނީ ފަންނުވެރިކަމާއި ޓެކްނޮލޮޖީއާއި، އުފެއްދުންތެރިކަމުގެ ހުނަރު. އިހުގައި ކިލާހުގެ ހަތަރު ފާރުގެ ތެރެއިން ފިލާވަޅު ނަގައި ދެވުނު ކަމުގައިވިއަސް އަދުގެ ދަރިވަރުންނަށް އުޅެން ދިމާވެފައިވަނީ ޓެކޮނޮލޮޖީގެ ވެއްޓެއްގައި. ދަރިވަރުންގެ ސަމާލުކަން ހޯދުމަށް މުދައްރިސުން ވާދަކުރަން ޖެހިފައިވަނީ ތަފާތުކުލަތައް އަރައިފައިބަމުންދާ އިސްކިރީންތަކާ" މިނިސްޓަރު ވިދާޅުވިއެވެ.
ކުދިންގެ ފިކުރު ހޭލައްވާލައި، ފޮރުވިފައިވާ ފަންނުވެރިކަމާއި ޤާބިލްކަން ހާމަކޮށް ދެއްވި މުދައްރިސަކާ ނުވަތަ މުދައްރިސުންނާ ބައްދަލުވެފައިވާނެ ކަމަށާއި، އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރާތްތައް ކުރިއަރައި ދިޔަ ސަބަބަކީ، އެމީހުންނާ ދިމާވި މުދައްރިސުން ކަމަށް މިނިސްޓަރުގެ ޙިޠާބުގައި ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރަނގަޅު އެތައް މުދައްރިސުންގެ އަޅާލުންތެރިކަމުގެ ހިޔާދަށުގައި އަޅުގަނޑުމެންވީކަން. މުދައްރިސްކަމަކީ، އެކަމުގެ އަސަރު އެތައް ޒަމާނަކަށް ދެމިގެންދާ، މަތިވެރި، ޤަދަރުވެރި މަސައްކަތެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ތަޢުލީމީ ދާއިރާއަށް އަންނަ ކޮންމެ އިންޤިލާބީ ބަދަލެއްގެ ފަހަތުގައި ތިބެނީ ހަމަ ތިޔަ މުދައްރިސުން ކަމަށާއި، އެކަން ކަށަވަރު ކޮށްދެއްވައިފި ކަމަށެވެ. ކޮވިޑުގެ އަނދިރި ވިލާގަނޑުގެ ތެރެއިން އުނގެނުން ހުއްޓައިލާން ޖެހިދާނެކަމުގެ ބިރުވެރިކަން އަޅުގަނޑުމެންނާ ކުރިމަތިވީ ހިނދު ކިލާހުގެ ހަތަރުފާރުން ބޭރުވެ ބޭރުގެއަށް ފިލާވަޅުތައް ގެނެސްދިނުމުގައި މުދައްރިސުން އިސްނަންގަވައިގެން އެ ކޮށްދެއްވި ބުރަ މަސައްކަތް މިކަމުގެ ދަލީލަކަށް ފުދޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ތަޢުލީމުގެ ގޮތްތަކާއި ސިފަ ބަދަލުކުރަން ފަށަނީ މުދައްރިސުންނާ ހަމައިން ކަމަށް މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ހިޔާރުކުރީ ވެސް ކޮވިޑުގެ ދަތި ހާލަތުގައި މުދައްރިސުން ވީ ޤުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އަދި ދިރިއުޅުމާ ދަރިވަރުން ކުރިމަތިލުމަށް ބޭނުންވާނެ އުކުޅުތަކާއި ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް މުދައްރިސުންނަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުތައް ހޯދައިދިނުމަށް އެހީތެރިވުމުގެ ގޮތުންނެވެ. " އަޅުގަނޑުމެން ބޭނުންވަނީ މުދައްރިސުންނަކީ ޢިލްމު އުފައްދައި، ކިޔަވައިދެވޭ ތަކެއްޗާ މެދު ފިކުރުހިންގާ، ރިވެލިކޮށް، އަހަރުން އަހަރަށް ފިލާވަޅުތައް ކުރިއަރުވައި، ދަރިވަރުންނާގުޅޭ ސިޔާސަތުތައް ބައްޓަންކުރުމުގައި ބައިވެރިވެވޭ ފަދަ ޢިލްމާއި ހުނަރު ލިބިފައިވާ ބަޔަކަށްވުން"
" ތަޢުލީމީ ދާއިރާއަށް އަންނަ ކޮންމެ މާނަވީ ބަދަލެއް ތަންފީޒުކުރާ ފަރާތަކީ މުދައްރިސުން. ޤައުމު ގެންދާން ބޭނުންވާ މިސްރާބު، ޙަޤީޤަތުގައި އަމާޒުކުރާ ފަރާތަކީ މުދައްރިސުން. އަތޮޅުވެރީންނަށް ހިއްޕެވޭނީ ވަލުގައޭ، ބާރުލާނީ ރައްޔިތުންނޭ ބުނާ ބީދައިން. މި ފަދަ ބޮޑު ޒިންމާއެއް އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި ވީހިނދު އަޅުގަނޑުމެން މުދައްރިސުން ވިސްނާލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުރި. އެއީ ދަރިވަރުން އުނގެނޭ ތަކެތި ބިނާވަނީ ހަމައެކަނި މުދައްރިސުން ނަގައިދެއްވާ ފިލާވަޅުތަކަށް ނޫންކަން" މުދައްރިސުންގެ ސުލޫކާއި، ދަރިވަރުންނާއި މުޖުތަމަޢުއާއެކު މުދައްރިސުން އުފައްދާ ގުޅުންތަކާއި، މީހުންނާ މުޢާމަލާތްކުރާ ގޮތްތަކުންވެސް ދަރިވަރުން ނަމޫނާ ނަގާނެ. ދަރިވަރުންގެ ދިރިއުޅުމުގައި، އެކުދީންނަށް އެންމެ ނުފޫޒު ފޯރާ އުމުރުފުރާގައި، އެކުދިންނާ ބައްދަލުވާ މުދައްރިސުންނަކީ އެކުދިންގެ އުޅުންތަކާއި ގުޅުންތައް ބައްޓަންކުރާ ފަރާތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެކަމަނާ މުދައްރިސުންގެ އަރިއަހުން އެދިވަޑއިގަތީ، ދަރިވަރުންގެ ގައިގައި އަށަގަންނުވަން އަޅުގަނޑުމެން ބޭނުންވާ ރިވެތި ސިފަތަކުން ތިޔަ އެބޭފުޅުން ނަމޫނާ ދެއްކެވުމަށެވެ. ދީނާއި ޤައުމުދެކެ ލޯބިވާ ބަޔަކަށްވުމާއި އެކަކު އަނެކަކަށް އަޅާލުމާއި އިޙްތިރާމްކުރުމާއި އިޤްތިސާދު ކުރުންފަދަ މަކާރިމުލްއަޚްލާޤް ގެ އުޅުންތަކުން ފޭރާންލުމަށެވެ.
" މުދައްރިސުން ދެއްކި ނަމޫނާ ނޫން އެހެން އުޅުމެއް އެކުދީންގެ ފަރާތުން، ފަހަކުން ނުފެންނާނެ. އިންދި އޮށުގެ ބާވަތަކުން ނޫނީ ގޮވާމެއް ނުކެނޑޭނެ"
advertisment
ހިޔާލު