ދަރިވަރުންގެ މެދުގައި އޮންނަ ހަމަހަމަކަން ގެއްލޭތީ މުދައްރިސުންގެ ދުވަހު ހަދިޔާ ނުދޭން ބައެއް ސްކޫލްތަކުން ބެލެނިވެރިންނަށް އަންގައިފިއެވެ.
ހދ. އަތޮޅު ތަޢުލީމީ މަރުކަޒުން އެ ސްކޫލްގެ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިންގެ ސަމާލުކަމަށްޓަކައި މިއަދު ނެރުނު ދެންނެވުމުގައި ބުނެފައި ވަނީ، މުދައްރިސުންގެ ދުވަހާ ގުޅިގެން ދަރިވަރުން މުދައްރިސުންނަށް ހަދިޔާ ދިނުމަކީ ދަރިވަރުންގެ މެދުގައި އޮންނަ ހަމަހަމަކަން ގެއްލޭ ކަމެއްކަމަށް ފެންނާތީ، މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެއްވެސް ދަރިވަރަކު މުދައްރިސުންނަށް ހަދިޔާ ދިނުމާއި ކޭކުފެޅުމަކީ އެ ސްކޫލުން އެދޭ ކަމެއް ނޫން ކަމަށެވެ.
އެ ދެންނެވުމުގައި އިތުރަށް ބުނެފައި ވަނީ، ނަމަވެސް މުދައްރިސުންގެ ދުވަސް ފާހަކުރަން ބޭނުންވާ ދަރިވަރުން އެ ދަރިވަރަކު އަމިއްލައަށް ތައްޔާރުކުރާ ކާޑެއްގެ އެހީގައި އެ ދަރިވަރެއްގެ ޝުޢޫރު ފާޅުކުރެވިދާނެ ކަމަށެވެ.

ފޯކައިދޫ ސްކޫލްގެ ޕްރިންސިލް ސޮއިކުރައްވައި އެ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މިއަދު ނެރުނު ދެންނެވުމުގައި ވެސް ވަނީ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ދަރިވަރުންގެ ފަރާތުން ހަދިޔާ ދިނުމާއި ކޭކު ފެޅުމަކީ އެ ސްކޫލުން އެދޭ ކަމެއް ނޫން ކަމަށެވެ.
ދުވަސްތައް ފާހަގަކުރާއިރު، ބެލެނިވެރިންލައްވައި ބޮޑެތި ޚަރަދުތައް ނުކުރަން ސްކޫލްތަކަށް، އެޑިޔުކޭޝަން މިނިސްޓަރު ވެސް ވަނީ އަންގަވާފައެވެ. މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ހިންގެވުމާ ހަވާލުވެ ތިއްބެވި އިސްވެރިންނަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ، އިސްކޫލުތަކުން އެކިއެކި މުނާސަބާތަކާ ގުޅުވައިގެން ފާހަގަކުރާ އެކިއެކި ދުވަސްތައް ފާހަގަކުރުމަށް ބޮޑެތި ހޭދަތައް ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. މިގޮތުން ކުރާ ހޭދަތަކަށް ބޭނުންވާ ފައިސާ އިސްކޫލުތަކުގެ ޕީޓީއޭ މެދުވެރިކޮށް، އަދި އެކި ފަރާތްތަކުން ހިލޭ އެހީ ސޮޕޮންސަރގެ ގޮތުގައި ހޯދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިފަދަ ކަންކަމަށް ހޭދަކުރުމަށް ބެލެނިވެރިން މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާ ހޯދުމާއި، ބެލެނިވެރިންލައްވައި ބޮޑެތި ހޭދަތައް ކުރުމަކީ އެ މިނިސްޓްރީން އެއްވެސް ވަރަކަށް ތަރުޙީބުދޭ ކަމެއް ނޫންކަމަށް އެ ސިޓީގައި މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.
ބެލެނިވެރިންލައްވައި ބޮޑެތި ހޭދަތައް ކުރަމުންދާ ކަމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުން އެ މިނިސްޓްރީއަށް ލިބެމުންދާކަން ފާހަގަކުރައްވައި ވިދާޅުވެފައި ވަނީ، އިސްކޫލުތަކުގައި ރާވާ ހިންގާ ކޮންމެ ހަރަކާތަކީ އެކަމުގެ ސީދާ މަންފާ ދަރިވަރުންނަށް ކުރާގޮތަށް ހިންގާ ޙަރަކާތަކަށް ހެދުމާއި، ބެލެނިވެރިން ދަރިވަރުންނަށްޓަކައި ކުރާ ކޮންމެ ހޭދައަކީ އެކަމުގެ ސީދާ އަސަރު ދަރިވަރުންނަށް ކުރާކަމަކަށް ހެދުމަށް އެ މިނިސްޓްރީން އަބަދު ވެސް ބާރުއަޅަމުން ގެންދާ ކަމަށެވެ.

" ހޭދަތައް ކުރުމުގައި އިޤްތިޞާދު ކުރުމަށް ދަރިވަރުން އަދި ބެލެނިވެރިންނަށް ބާރުއަޅައި ހިތްވަރުދޭން ޖެހެއެވެ. އެހެނީ، މުޅި ދުނިޔެ އިޤްތިޞާދީ ބަނަ ވިލާގަނޑެއްގެ ތެރޭގައި އޮތް މިފަދަ ދުވަސްވަރެއްގައި ޚަރަދު ކުޑަކުރުމާއި އިސްރާފުކުރުން މަދުކުރުމަށް ދަރިވަރުންނަށް ދަސްކޮށްދީ އެކަމަށް އެންމެހާ ފަރާތްތަކަށް ހިތްވަރު ދިނުމުގައި ތަޢުލީމީ ނިޒާމުގެ ތެރެއިން ނަމޫނާ ދެއްކިދާނެއެވެ. އެހެންކަމުން ދުވަސްތައް ފާހަގަކުރުމަށް އަގުބޮޑު ހަދިޔާތައް ބަދަލުކުރުމުމާއި، އެކިއެކި ޙަފްލާތައް ބޭއްވުމަށް ބޮޑެތި ހޭދަތައް ނުކުރުމަކީ މި މިނިސްޓްރީގެ އިލްތިމާސެކެވެ." މިނިސްޓަރު ވިދާޅުވެފައިވެއެވެ.

"އެހެނީ މިގޮތަށް ކުރެވޭ ކަންކަމުގެ ސަބަބުން އެއް ކުލާހެއްގައި ކިޔަވާ ދަރިވަރުންގެ މެދުގައި އަޅާކިޔުމާއި، ދޭދޭ އިސްކޫލުތަކުން ރާވާ މިފަދަ ކަންކަމުގެ ސަބަބުން އިސްކޫލުތައް އަޅާކިޔުމަށް މަގުފަހިވެ އިސްކޫލު ތެރޭގައި ދަރިވަރުން ދަރަޖަކުރެވި ލޭބަލްވުމަށް މަގުފަހި ވުމާއި، މުޖްތަމަޢުގެ ތެރޭގައި ތަޢުލީމީ ނިޒާމާ ދޭތެރޭ ދެކޭގޮތް ބަދަލުވެ ނުރަނގަޅު ތަޞައްވުރެއް އުފެދުމަށް މަގުފަހިވެގެންދެއެވެ."
އެކި މުބާސަބަތުތައް ފާހަގަކުރުމަށް ބާއްވާ ދުވަސްތައް އިންތިޒާމް ކުރުމުގައި މިކަންކަމަށް ހުރިހާ ސްކޫލްތަކުން ސަމާލުކަންދީ އިޤްތިޞާދު ކުރުމުގެ އާދަ ސްކޫލްތަކުގެ ތެރޭގައި އަށަގެންނެވުމަށް މަސައްކަތް ކޮށްދެއްވުން މިނިސްޓަރު ވަނީ އެ ސިޓީގައި އެދިވަޑައިގެންފައެވެ.
advertisment
ހިޔާލު