ނާސާގެ ކުރީގެ އެސްޓްރޮނޯޓް ހެއިޑީމެރީގެ ޚާއްޞަ ލެކްޗަރއެއް އަންގާރަ ދުވަހު އެމްއެންޔޫގައި

ނާސާގެ ކުރީގެ އެސްޓްރޮނޯޓް ހެއިޑީމެރީ ސްޓެފަނީޝަން ޕައިޕާގެ ޚާއްޞަ ލެކްޗާއެއް އަންގާރަ ދުވަހު، ޤައުމީ ޔުނިވަރސިޓީގައި ބާއްވަން ނިންމައިފިއެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ލެކްޗާ އޮންނާނީ އަންގާރަ ދުވަހުގެ މެންދުރުފަހު 14:30ން 15:30 އަށެވެ. ލެކްޗާއަށްފަހު، ޕައިޕާ އާ އެކު ފޮޓޯ ނެގުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރުން ވެސް ވަނީ، ހެއިޑީމެރީގެ ޚާއްޞަ އިވެންޓެއް އަންނަ ހޮނިހިރު ދުވަހު ޤައުމީ ދާރުލްއާސާރުގައި ބާއްވަން ނިންމާފައެވެ. އެ އިވެންޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަންނޯޓް ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ނަންނޯޓް ކުރެވޭނީ ގޫގުލް ފޯމް މެދުވެރިކޮށް ކަމަށް އެ ސެންޓަރުން ކުރި ޓްވީޓްގައި ބުނެފައިވެއެވެ.

މިއީ، އެމެރިކާގެ ނޭވީގައި ވެސް މަސައްކަތްކޮށްފައިވާ ޕައިޕާ ރާއްޖެއަށް އަންނަ ފުރަތަމަ ފަހަރެވެ. އެސްޓްރޮނޯޓެއްގެ ގޮތުގައި ޕައިޕާ ނާސާގައި މަސައްކަތްކުރީ 1996 އިން 2008 ވަނަ އަހަރާ ހަމައަށެވެ. އޭނާ ވަނީ،  2006 ވަނަ އަހަރާއި 2008 ވަނަ އަހަރު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ދަތުރުކޮށްފައެވެ. އެސްޓްރޮނޯޓެއްގެ ގޮތުގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ 27 ދުވަހަށް ވުރެ ގިނަ ދުވަހު ސްޕޭސްގައި ވަގުތު ހޭދަކޮށްފައެވެ. ޕައިޕާ  ނާސާއިން ވަކިވީ 2009 ވަނަ އަހަރު އެވެ.

މިނެސޯޓާގެ ސެއިންޓް ޕޯލް އަށް އުފަން ޕައިޕަރ އަށް ބެޗްލަރ އޮފް ސައިންސް އެންޑް މާސްޓަރ އޮފް ސައިންސް ޑިގްރީ ޙާޞިލްކުރައްވާފައެވެ. ސްޕޭސްއަށް ޝަޢުޤު ހުންނަ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ސްޓެމް ދަރިވަރުންގެ ގްރޫޕްތަކަށް އޭނާ ދަނީ މައުލޫމާތުދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *