އަތޮޅުތެރޭގެ ތަޢުލީމަށް ޚާއްޞަ މަޝްރޫއަކަށް ނުވަ މިލިއަން ޑޮލަރު ވޯލްޑް ބޭންކުން ދެނީ

މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް 9 މިލިއަން ޑޮލަރު ދޭން ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން މިއަދު ފާސްކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރިއަށް ގެންދާ މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއަށް، ވާލްޑް ބޭންކުން ދޭ ނުވަ މިލިއަން ޑޮލަރުގެ ތެރެއިން 4.5 މިލިއަން ޑޮލަރު ދެނީ ތަރައްގީވަމުން އަންނަ ޤައުމު ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ އެހީއެއްގެ ގޮތުގައެވެ. ބާކީ 4.5 މިލިއަން ޑޮލަރު ދެނީ ލޯނެއްގެ ގޮތުގައެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން އެއް މިލިއަން ޑޮލަރު ޚަރަދު ކުރާނެއެވެ.

ރާއްޖެއަށް ފޯރުކޮށްދޭން ނިންމި އެހީއާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ދިވެހިރާއްޖެއާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އާންމު ތަޢުލީމީ ނިޒާމަށް ވަރަށް ފުން އަސަރުތަކެއް ކޮށް، މުޅި ރާއްޖޭގައި ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތައް ބަންދުކޮށްފައި ހުރި މުއްދަތު އިތުރު ކުރަން މަޖުބޫރުވި ކަމަށެވެ. އެނާ ވިދާޅުވެފައި ވަނީ މި މަޝްރޫއުގެ ސަބަބުން ޒުވާނުންނަށް ތަޢުލީމީ ފުރުސަތުތައް ފުޅާވެ، ގައުމުގެ ހަމަހަމަ އިގްތިސާދީ އަދި އިންސާނީ ތަރައްގީ ކުރިއަށް ގެންދާނެ ކަމަށެވެ.

އިނގިރޭސި ބަހާއި، ހިސާބު، ސައިންސް، އަދި ސްކިލްސް އެޑިޔުކޭޝަން ފަދަ އިޤްތިޞާދީ ކުރިއެރުމަށް ސްޓްރެޓީޖިކް ގޮތުން މުހިންމު މާއްދާތަކުން ސާނަވީ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް މި މަޝްރޫއުގެ ތެރެއިން ސަރުކާރަށް އެހީތެރިވެދެވޭނެ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ސާނަވީ ލެވެލްގައި ރަނގަޅު ނަތީޖާ ތަކެއް ލިބުމުން އިތުރު ދަރިވަރުން މަތީ ސާނަވީއަށް ކޮލިފައިވުމަށް މަގުފަހިވެގެން ދާނެ ކަމަށާއި، އަތޮޅުތަކުގައި މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން އާންމު ތައުލީމުގެ ފެންވަރު ހަރުދަނާކޮށް، ދަރިވަރުންގެ އާބާދީ މަދު ރަށްރަށުގެ ސްކޫލްތަކުގެ ފެންވަރު ބެލުން މިހާރަށް ވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރައްވާފައި ވެއެވެ.

ވޯލްޑް ބޭންކުން ބުނީ، މި މަޝްރޫއުގެ ތެރެއިން، ތިމާވެއްޓާއި ރައްޓެހި ކަންތައްތައް ތަންފީޒު ކުރުމުގެ ގޮތުން ހަކަތަ އިގްތިސާދު ކުރުމާއި ކުނި މަދުކުރުން ފަދަ ކަންތައްތައް ތަންފީޒު ކުރުމަށް ސްކޫލްތަކުގެ ތެރެއިން ބާރުއެޅޭނެ ކަމަށެވެ. އަތޮޅު ސްކޫލްތަކަށް އައިސީޓީ ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދީ، އުނގަންނައި ދިނުމުގައި ދިމާވާ ގޮންޖެހުން ތަކުން ދަރިވަރުންނަށް ދިމާވާ ކަންތައްތައް ހައްލު ކުރުމަށް މުދައްރިސުންގެ ހުނަރާއި ޤާބިލިއްޔަތުކަން މިހާރަށްވުރެ އިތުރު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *