ކުރިނބީ ސްކޫލްގެ ޤުރުއާން މުދައްރިސް މުޙައްމަދު ރަފީޤު އާލަމް (ޤާރީ ސަރ) އަށް ހާޓް އެޓޭކެއްޖެހި އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް ހުސައިން ނާޒިމް ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ކުއްލިއަކަށް މެއަށް ތަދެއް އަރައިގެން ދިއުމުން އެރަށު ހެލްތް ސެންޓަރުން ދެވޭނެ ފަރުވާއެއް ނެތިގެން އިމަޖެންސީގައި ގެންދިޔައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކަމަށެވެ.
" ހާޓްއެޓޭކެއް ކަމަށް ޔަގީންކޮށްދިނީ ކުޅުދުއްފުށީ ހޮސްޕިޓަލުން، އެތަނުން ވެސް ދެވޭނެ ފަރުވާއެއް ނެތުމުން އިމަޖެންސީގައި މާލެގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފެށީ" ހުސައިން ވިދާޅުވިއެވެ. " އައިޖީއެމްއެޗުން ދިން އަވަސް ފަރުވާއާއެކު މިހާރު ހާލުރަނގަޅު، ވޯޑަށް ވެސް ނެރެފި، ވާހަކަވެސް ދެއްކޭ"
ހުސައިން ވިދާޅުވީ، ޤާރީ ސަރއަކީ ކުޅިވަރާއި ކަސްރަތުގެ ތެރޭގައިވެސް އުޅުއްވި މުދައްރިސެއް ކަމަށާއި، ސިއްޙީ މައްސަލައެއް ހުރިކަމުގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާކަމަށެވެ.
ހުސައިން ވިދާޅުވީ، ޤުރުއާން ޓީޗަރެއްގެ ގޮތުގައި ފާއިތުވި 15 އަހަރު މަސައްކަތް ކުރެއްވީ އެ ސްކޫލްގައި ކަމަށާއި، އިންޑިޔާގެ ރައްޔިތެއް ނަމަވެސް އިހުސާސް ކުރެވެނީ އެރަށު މީހެއް ކަމަށެވެ.
" އަޚުލާގު ރަނގަޅު މަސައްކަތައް ފަރުވާތެރި، ދިވެހި ބަހުން ވާހަކަ ދައްކާ ލިޔެހަދާ، ރަށުގައި ނުދަންނަ މީހަކު ނެތް. ބޭރުމީހެއްގެ އިހުސާސެއް ނުވޭ، އާއިލީ ގާތް ރައްޓެއްސެއްގެ ގޮތުގައި އިހުސާސް ކުރެވެނީ" ޤާރީ ސަރއާ ބެހޭގޮތުން ހުސައިން ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ، ޤާރީ ސަރގެ ސިއްޙީ ފަރުވާއަށް ބޮޑު ޚަރަދެއް ދާނެކަމަށް ބެލެވޭ ކަމަށާއި، އިންސުއަރެންސްއިން ކަވަރ ކޮށްދެނީ 100،000 ރުފިޔާކަމަށެވެ. އެހެންވެ އިތުރަށް ބޭނުންވާ ފައިސާ ހޯދަން ފަންޑްރެއިޒިން އިވެންޓްތަކެއް އެ ސްކޫލުން ރާވާފައިވާ ކަމަށް ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފަންޑްރެއިޒިން އިވެންޓްތައް ހަތަރު ގޮތަކަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެއީ މާދަމާ ފަށާ، ބެލެނިވެރިންގެ ކާބޯތަކެތީގެ މައުރަޒާއި މުވައްޒަފުންގެ ފަންޑްރެއިޒިން އިވެންޓަކާއި ދަރިވަރުންގެ ފަންޑްރެއިޒިންގެ އިވެންޓެއްގެ އިތުރުން ސޯޝަލްމީޑިއާގައި ކުރިއަށް ގެންދާ ފަންޑްރެއިޒިންގެ ހަރަކާތެކެވެ.
" ސަރއަށް މިފަދަ ބޮޑުކަމެއް ދިމާވީމާ އަޅުގަނޑުމެންނަށް ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށް ދިނުމަކީ މުހިންމު ކަމެއް. މިފަދަ ބޮޑު ޚަރަދެއް އަމިއްލައަށް ނުކުރެވޭނެ. ފަންޑްރެއިޒިން ހަރަކާތައް އަޅުގަނޑުމެން ގެންދާނީ ދެފުށް ފެންނަ ގޮތަށް. ލިބޭ ހުރިހާ ފައިސާއެއް ހަވާލުކުރާނީ ޤާރީ ސަރ އާ"
އަންބަކާއި ދެ ދަރިންތިބި، ޤާރީސަރ ވަނީ މީގެ ކުރިން ވައިކަރަދޫ ސުލައިމާނިއްޔާ ސްކޫލާއި ކުޅުދުއްފުށީގައި ހިންގި ޤުރުއާން ކިޔަވައިދޭ ކުލާހެއްގައި ވެސް ޤުރުއާން މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
ޤާރީސަރ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި ފައިސާ ޖަމާކުރަނީ 7770000088507 އެކައުންޓަށެވެ. ޑޮލަރުން އެހީތެރިކަން ފޯރުކޮށްދޭނަމަ ފައިސާ ޖަމާކުރާނީ 7730000413113 އެކައުންޓަށެވެ. މި އެކައުންޓްގެ ވެރިފަރާތަކީ އަހުމަދު ވަޖީހެވެ. އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު، 9643496 ނަމްބަރަށް ވައިބަރ ކޮށްދިނުމަށް ކުރިނބީ ސްކޫލުން އެދެއެވެ.
advertisment
ހިޔާލު