އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އާ އިމާރާތާއި ޖަމާލުއްދީން ސްކުލަށް އިތުރުކުރާ ބައިގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފިއެވެ.
މި ސައިކުރި ކޮންޓްރެކްޓްގެ ދަށުން މި ދެ ސްކޫލް ޑިޒަންކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ކުރާނީ އަމީން ކޮންސްޓްރަކުޝަނުންނެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު އަލީއެވެ. އަމީން ކޮންސްޓްރަކްޝަން ޕްރިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ކޮމްޕެނީ ސެކްރެޓަރީ އިބްރާހިމް ނިހާދެވެ.
މި ދެ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް 420 ދުވަހުގެ ތެރޭގައި ނިންމަން އަމީންއިން ހުށަހަޅާފައި ވަނީ 168.6 މިލިއަން ރުފިޔާއަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، އުއްމީދުކުރަނީ 2023 ޑިސެމްބަރ މަހުގެ ފަހުކޮޅު ޢިމާރާތުގެ މަސައްކަތް މުޅިން ނިމި 2024 ވަނަ އަހަރުގެ ދެވަނަ ޓަރމް ކިޔެވުން ފެށޭއިރު މިޢިމާރާތުގެ ބޭނުންކުރަން ފެށޭނެކަމަށެވެ. މި އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ބައު ޖަމާލުއްދީން ސްކޫލް ތަޅާ ސާފު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އަންނަ އޮކްޓޯބަރ މަހުގެ 14 އަށް އެ މަސައްކަތް ނިމޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
އަރަބިއްޔާގެ އާ ސްކޫލް އިމާރާތުގައި 40 ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލް، 04 ލިފްޓްއާއި އަދި ފުރާ ފުރިހަމަ ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތައް ހުންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތުގައި 34 ކުލާސްރޫމާއި ދެ ލިފްޓް ހިމެނެއެވެ. މި 2 ސްކޫލްގެ މުވައްޒަފުންގެ ފާރކް ކުރުމަށް ފާކިންގް އޭރިއާއަކާއި، މިސަރައްދުގެ ޓްރެކްފިކް ހައްލުކުރުމަށް މަދޮށިގޯޅިން ޖަމާލުއްދީން ހިނގުމަށް ސްކޫލުގެ ބޭނުމަށް އާ މަގެއް ވެސް ޑިޒައިން ކުރާއިރު ހިމަނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
މި އިމާރާތް ނިމުމުން އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ދަރިވަރުންގެ ކިޔެވުމަށް ދާއިމީ ހައްލެއްގެނެވި، ޖަމާލުއްދީން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ ސްކޫލްގައި ކިޔަވާދެވޭ ކުދިން އެއް ދަންފަޅިއަށް ކިޔަވައިދޭ ފުރާ ފުރިހަމަ ސްކޫލެއްގެ ގޮތުގައި ބަދަލު ކުރެވޭނެ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ، 2023 ޑިސެމްބަރ މަހުގެ ފަހުކޮޅު ޢިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ދެވަނަ ޓަރމް ކިޔެވުން އެ އިމާރާތުގައި ކުރިއަށް ދާނެ ކަމަށެވެ.
advertisment
ހިޔާލު