އެއް ދަންފަޅިއަށް ބަދަލުކުރި 156 ސްކޫލްގެ ތެރެއިން ވަށައިޖެހޭގޮތަށް ކިޔަވައިދެވެނީ 44 ސްކޫލެއްގައި

އެއް ދަންފަޅިއަށް ބަދަލުކުރި 156 ސްކޫލްގެ ތެރެއިން ވަށައިޖެހޭގިތަށް މިހާރު ކިޔަވައިދެމުން ގެންދެވެނީ 44 ސްކޫލެއްގައި ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްވަމުން މިނިސްޓަރު ވިދާޅުވީ، އެއްދަންފަޅިއަށް ބަދަލުކުރުމާއެކު ވަށައިޖެހޭ ތައުލީމެއް ސްކޫލްތަކުން ދިނުން މުހިންމު ކަމަށެވެ.

" އެއް ދަންފަޅިއަށް ބަދަލުކުރަން ހަމައެކަނި ސެޝަން ބަދަލުކޮށްލުމެއް ނޫން މުހިންމީކީ"

މިނިސްޓަރު ވިދާޅުވީ، އެއް ދަންފަޅިއަށް ވަށައިޖެހޭ ގޮތަށް ކިޔަވައިދޭ ސްކޫލްތަކުގައި ސްކޫލަށް ދާނީ ހެނދުނު 6 ޖަހާއިރު ކަމަށާއި ސެޝަން ފެށުގެން ދަނީ ކަސްރަތުން ކަމަށެވެ. ހެނދުނުގެ ނާސްތާއަށްފަހު ދަރިވަރުން ކިޔެވުމުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށާއި އެ ދުވަހެއްގެ މާއްދާތައް ކިޔެވުމަށްފަހު، އެކިއެކި އިޖްތިމާއި ހަރަކާތްތަކާއި ހުނަރުތަކާއި ކުލަބު ހަރަކާތަކުގައި ދަރިވަރުން ބައިވެރިވާނެ ކަމަށެވެ.

" ދުވަހީ މަސައްކަތް ނިންމާލާފައި ގެއަށް ދާނީ އިތުރު މަސައްކަތްތަކެއް އެދުވަހަކު ނޯންނާނެ. ވީކެންޑްގައި ސްކޫލަށް އަންނާކަށް ނުޖެހޭނެ" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

" މި ކޮންސެޕްޓަށް ކިޔަވައިދިނުމުގައި އަޅުގަނޑުމެންނަށް އަދި އެބަހުރި ގޮންޖެހުންތަކެއް. ސިވިލްސާވިސް މުވައްޒަފެއް ވެއްޖިއްޔާ މިހާރު މި އޮންނަނީ ހަ ގަޑިއިރު މަސައްކަތް ކުރަން. އެއްދަންފަޅީގެ ސްކޫލެއްނަމަ އަށްގަޑިއިރު ހޭދަކުރަންޖެހޭ. އިތުރަށް ހޭދަވާ ވަގުތައް އޯވަރޓައިމް ދޭންޖެހޭ. އަދި އަޅުގަނޑުމެންގެ ނިޒާމް އޮތް ގޮތުން އެގޮތަކަށް އަޅުގަނޑުމެންނަށް ކޭޓަރ ކުރެވޭކަށް ނެތް."

މިނިސްޓަރު ވިދާޅުވީ،  ހުރިހާ ސްކޫލެއް އެއްދަންފަޅިއަށް އަދި ބަދަލެއް ނުކުރެވޭނެ ކަމަށެވެ.

" އެ ދިމާލަށް މިދަނީ. އަޅުގަނޑުމެން މަސައްކަތް ކުރަނީ ހުރިހާ ސްކޫލަކަށް މި ކޮންސެޕްޓް ތަޢާރަފުކުރަން"

މާލެ ހިމެނޭ ސަރަޙައްދުގައި އެއް ދަންފަޅިއަށް ކިޔަވައިދެނީ އިއްޒުއްދީން ސްކޫލާއި ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލްގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *