ރާއްޖޭގެ ޒުވާން އާބާދީގެ ބޭނުން ފުރިހަމަގޮތުގައި ހިފަންޖެހޭ: ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު

‎އިތުރު ވަމުންދާ ރާއްޖޭގެ ޒުވާން އާބާދީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙިމް ހަސަން ގޮވާލައްވައިފިއެވެ.
‎ޔުނެސްކޯއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ޔުނެސްކޯސް އިންޓަޖެނެރޭޝަނަލް ޕޮލިސީ ޑައިލޮގް: ޔުނެސްކޯސް ޔޫތު އޭޒް ރިސާޗާސް އިފްތިތާހު ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ 45 އިންސައްތައަކީ ޒުވާނުންކަމަށާއި އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ޝާމިލުވުމުގެ ފުރުސަތު ޒުވާނުންނަށް ލިބޭނެ ގޮތްތަކެއް އިސްނެގުމާއި އެކު ހޯދުމަކީ އެމަނިކުފާނު އެދިލައްވާ ކަމެއް ކަމަށެވެ. އަދި ރިސާޗުގެ ސަބަބުން ޒުވާނުން ކަންކަމުގައި އިސްނަގައި ޝާމިލުވުމުގެ ގޮތްތަކެއް ހޯދޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
‎ޒުވާނުންނަށް ސިޔާސަތުތަކާއި ޑިމޮކްރަސީއާއި ބެހޭގޮތުން ދަސްކުރެވޭނެ އެންމެ މުހިއްމު ކަމަކީ އަޑުއުފުލުމަށް ހިތްވަރު ދިނުމާއި ނިންމުންތައް ނިންމުމުމަށް ފުރުސަތު ލިބުމާއި އަދި ނުފޫޒު ފޯރުވުމަށް ފުރުސަތު ލިބުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޒުވާން ދިރާސާވެރިންނަށް ވުމަކީ އެމަނިކުފާނު ގަބޫލުކުރައްވާގޮތުގައި އެކަމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
‎2020 ވަނަ އަހަރު ޝާއިއުކުރި އައިއެލްއޯގެ “ޔޫތު އެންޑް ކޯވިޑް-19: އިމްޕެކްޓްސް އޮން ޖޮބްސް، އެޑިއުކޭޝަން، ރައިޓްސް އެންޑް މެންޓަލް ވެލްބީން” ރިޕޯޓުން އެތަކެއް ފިލާވަޅެއް ލިބިގެން ދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ރިޕޯޓަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވީ ކޯވިޑް-19 ގައި އެކަހެރި ވެގެންދިޔަ ޒުވާނުންނަށް ނަފްސާނީ އަސަރުކުރުވި ކަން އެ ރިޕޯޓުން ފާހަގަވި ކަމަށާއި އެހެންކަމުން ކޯވިޑް-19ގެ ދުވަސްވަރު އެމީހުންނަށް ކުރިމަތިވި މައްސަލަތައް އަޑުއުފުލުމުގެ އިތުރުން ބަލިމަޑުކަމަށްފަހު ކުރިމަތިވި ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު މި ރިސާޗުން ލިބިގެންދާނެ ކަމަށެވެ.

‎"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމަކީ، އެކަހެރިވެގެން ދިޔަ ޒުވާނުންނަށް، ނުވަތަ ސްކޫލް ބަންދުކޮށް، މޮބިލިޓީއާއި ވަޒީފާ ގެއްލިގެން ދާން ޖެހުނު ޒުވާނުންނަށް ކުރިމަތިވާ ނަފްސާނީ އަސަރުތައް. އަޅުގަނޑުމެން އެބޭފުޅުންނާ މަޝްވަރާކުރަންޖެހޭ، އަޅުގަނޑުމެންނަށް ރަނގަޅަށް ބިލްޑް ބެކް ކުރުމަށް ކުރާ މަސައްކަތުގައި. ޒުވާނުންގެ ޚިޔާލު ފާޅުކޮށްގެން ހުރިހާ ފެންވަރެއްގައި ނިންމުންތައް ނިންމުމުގައި އެމީހުންނަށް ކުރިމަތިވި މައްސަލަތައް އަޑުއުފުލުމުގެ އިތުރުން ބަލިމަޑުކަމަށްފަހު ކުރިމަތިވި ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ" މިނިސްޓަރު ވިދާޅުވި އެވެ.
‎މިނިސްޓަރ ވިދާޅުވީ ޒުވާނުންނަކީ ކެތްތެރި، ދަތިތަކާއި ކުރިމަތިލާންކެރޭ އަދި ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގައި ގާބިލުކަން ބޭނުންކުރަން ދަންނަ ބަޔަކަށް ވާންޖެހޭ ކަމަށް އެ ރިޕޯޓުން ފާހަގަވި ކަމަށެވެ. އެހެންކަމުން ސިޔާސަތުތައް އެކުލަވާލާ، ތަންފީޒުކުރާ ގޮތާއި ޒުވާނުންނަށް އަސަރުކުރާނެ ސިޔާސަތުތަކުގައި އަޑު އުފުލުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް އެމަނކިކުފާނު ވިދާޅުވިއެވެ.
‎އިޖުތިމާޢީ ދިރާސާތަކާއި ސިޔާސަތުގެ މަޝްވަރާތަކުގެ ތެރެއިން އަމިއްލަ މުސްތަޤްބަލް އަލުން ފަރުމާކުރުމުގައި ބައިވެރިވުމަކީ ހަމައެކަނި ޤައުމަށް ފައިދާހުރި ކަމެއް ނޫން ކަމަށާއި، ފަރުދުންނާއި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ކުރިއަރައި ދިއުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
‎މިނިސްޓަރ ވިދާޅުވީ މުޖުތަމަޢުގައި ކުރިމަތިވާ މައްސަލަތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދެކެވި ޒުވާން ދިރާސާވެރިންގެ ވިސްނުންތަކުގެ ސަބަބުން ހެޔޮ އަދި މާނަހުރި ބަދަލެއް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.
‎ނިންމުންތައް ނިންމުމުގައި ޒުވާން ދިރާސާވެރިން ބައިވެރި ކުރުމުގެ ސަބަބުން ޒުވާނުންނަށް ފައިދާ ކުރާނެ ކަމަށާއި އެކަމަށްޓަކައި ޔުނެސްކޯއާއި ޕީއާރުއައިއޭއަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *