ޕްރީ ސްކޫލާއި ޓިއުޝަން ކުލާސްތައް ރަޖިސްޓްރީ ކުރުމުގައި ބަލާނެ މިންގަނޑަށް ބަދަލުތަކެއް ގެނެސްފި

ގަލޮޅު ސްކޫލްގެ ދަރިވަރުން- ބޭބީ ނާސަރީއާއި ޕްރީ ސްކޫލްތަކުގައިވާ ކިޔަވާ ދަރިވަރުންގެ ސަލާމަތާ ގުޅޭ ގިނަ ކަންތައްތަކަށް، އެފަދަ ތަންތަން ހިންގާއިރު ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ-
  • ޕްރީ ސްކޫލްތަކުގައި އިދާރީ އޮފީސް ވަކިކޮށް، 60 އިންސައްތައް ދަރިވަރުންނަށް އެއްފަހަރާ އެއްވެވޭނެ އެކަށީގެންވާ ޖާގައޮންނަންޖެހޭ

ޕްރީ ސްކޫލްތަކާއި ޓިއުޝަން ކުލާސްތައް ހިންގަން ހުއްދަދޭއިރު ބަލާނެ މިނިމަމް ސްޓޭންޑަރޑް ފެސިލިޓީސް ޗެކްލިސްޓަށް ބަދަލުތަކެއް ގެނެސްފިއެވެ.

ސްކޫލް ފިޔަވައި އިޔަވައިދޭ އެނޫން ތަންތަން ރަޖިސްޓްރީ ކުރުމާއި ހިންގުމުގެ ޤަވާއިދުގެ ޖަދުވަލު ތިނެއްގެ ދަށުން ކިޔަވައިދޭ ތަންތަން ރަޖިސްޓްރީ ކުރުމުގައި މިހާތަނަށް އަމަލުކުރަމުން އައީ އެއް މިންގަނޑަށެވެ. ނަމަވެސް 20 ސެޕްޓެމްބަރުން ފެށިގެން އަމަލު ކުރުމަށް، ގަވާއިދަށް ގެނައި އިސްލާހާއެކު ބޭބީ ނާސަރީއާއި ޕްރީ ސްކޫލްތައް ރަޖިސްޓްރީ ކުރުމުގައި އިމާރާތުގައި ފުރިހަމަ ކޮށްފައި ހުންނަންޖެހޭ ކަންތައްތަކަށް ވަނީ ބަދަލު ގެނެސްފައެވެ. މި ބަދަލާއެކު ޓިއުޝަންދޭ ސެންޓަރުތަކާއި ޤުރުއާން ކިޔަވައިދޭ ތަންތަނާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދީންނަށް ތަޢުލީމާއި ތަމްރީނުދޭ ތަންތަން ރަޖިސްޓްރީ ކުރުމުގައި ގެންގުޅޭނީ ވަކި މިންގަނޑެކެވެ. އެފަދަ ތަންތަން ރަޖިސްޓްރީ ކުރުމުގައި ބަލާނެ ކަންތައްތަކަށް ލުއިތަކެއް ލިބިގެންދާނެއެވެ.

ނާސަރީ ސްކޫލް ރަޖިސްޓްރީ ކުރުމަށް ގެނައި އެންމެ މުހިންމު އެއް ބަދަލުގެ ގޮތުގައި ހިމަނާފައި ވަނީ ކުދިންގެ ނިސްބަތުން އެއްފަހަރާ އެއްވޭނެ ހުސްޖާގަ އޮންނަން ޖެހޭ ކަމަށް ކަނޑައަޅާފައިވުމެވެ. މިހާރު ގެނެސްފައިވާ ބަދަލުގައި ބުނެފައިވަނީ ދަރިވަރުންނާއި ޓީޗަރުންގެ އާބާދީގެ މަދުވެގެން 60 އިންސައްތަ އެއްފަހަރާ ޖަމާވެވޭވަރުގެ ހުސްޖާގަ (ކޮމްޕައުންޑް) އޮންނަންޖެހޭނެ ކަމަށެވެ. އަދި އިދާރީ އޮފީސް ވަކިން ހުރުމާއި، އެންޓްރެންސް ލޮބީއާއި ސްޓޫޑެންޓް ސަރވިސްއާއި ރިސެޕްޝަން އޭރިޔާއެއް ހުންނަންޖެހެއެވެ. ހެލްތްރޫމާއި، ފެނާއި ވެއްޔާ ކުޅޭނެ ތަނަކާއި، ކުޅިވަރު ކުޅެން ހުސްބިމެއްވެސް އޮންނަންޖެހެއެވެ.

ބޭބީ ނާސަރީއާއި ނާސަރި އަދި ޕްރީ ސްކޫލެއް އިމާރާތުގެ ފަސްވަނަ ފަންގިފިލާއިން މަތީ ފްލޯއެއްގައި ނުހިންގޭއިރު، ހަތަރު ފަންގިފިލައަށް ވުރެ މަތި ނަމަ ، ލިފްޓު ހަރުކޮށް, ބެލްކަނީގައި ރެއިލިން ޖަހާފައި ހުންނަންޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *