ދަރިވަރުން ސްކޫލަށް ދާޢިރު ނަމާދުކޮށްގެން ދިއުމަށް ބާރުއެޅުމުގެ ގޮތުން ޚާއްޞަ ބޯޑެއް މިދިޔަ ހޯމަ ދުވަހު، ހުރާ ސްކޫލުން ތަޢާރަފުކޮށްފިއެވެ.
އެ ސްކޫލަށް ވަންނަ ދޮރުގެ އެއް ފަރާތުގައި ވަނީ ދެ ބޯޑެއް ބަހައްޓާފައެވެ. އެއް ބޯޑަކީ ފެހިކުލައިގެ ބޯޑެކެވެ. ދެން ހުރީ ރަތް ކުލައިގެ ބޯޑެކެވެ. މި ދެ ބޯޑުގެ މެދުގައި އަތް ތިލައެއް ކުރަހާފައިވެއެވެ. ކޮންމެ ކުއްޖަކުވެސް ސްކޫލަށް ވަންނަނީ މިއިން ބޯޑެއްގައި ކުރަހާފައިވާ އަތް ތިލާފައި އަތް ޖައްސާފައެވެ. ފެހި ކުލައިގެ ބޯޑުގައި ލިޔެފައި ވަނީ " މިއަދު އަޅުގަނޑު ސްކޫލަށް އައީ ނަމާދުކޮށްގެން" ނެވެ. ދެން ހުރި ބޯޑްގައި ލިޔެފައި ވަނީ ނަމާދު ނުކޮށެވެ. ނަމާދު ނުކޮށް އަންނަ ދަރިވަރުންނަށް ސްކޫލުގައި ނަމާދު ކުރެވޭނެ އިންތިޒާމު އެ ސްކޫލުން ވަނީ ހަމަޖައްސާފައެވެ.

ހުރާ ސްކޫލުން މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ، ނަމާދު ޕްރޮގްރާމުގެ ތެރެއިން ފެށި މި މަސައްކަތް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ދަރިވަރުންނަށް ނަމާދުކުރަން ބާރުއެޅުމާއި އެކަން ކުރަން ހަނދާން ކޮށްދެވޭ ކަމަށެވެ.
" ފުރަތަމަ ދުވަހުވެސް ދެތިން ކުދިން ނަމާދު ނުކޮށް އައީ. އެކުދިން ވެސް ސެޝަން ފެށުމުގެ ކުރިން ސްކޫލްގައި ނަމާދު ކުރި" އޭނާ ވިދާޅުވިއެވެ.

ހުރާ ސްކޫލުން ބުނީ، ސްކޫލުން ފެށި ޕްރޮގްރާމަށް ބެލެނިވެރިންގެ އެއްބާރުލުމެއް ލިބެމުންދާ ކަމަށާއި، ބޭނުންވަނީ ދާއިމި ގޮތެއްގައި ނަމާދު ކުރުމުގެ ރޫޙް ކުދިންގެ ހިތްތަކުގައި ހަރުލެއްވުން ކަމަށެވެ.

އެއް ދަންފަޅިއަށް ކިޔަވައިދޭ ހުރާ ސްކޫލްގައި 300އާ ކައިރިކުރާ އަދަދެއްގެ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު