ފާއިތުވި އަހަރު، މަތީ ސާނަވީން އަހުމަދިއްޔާ ސްކޫލުން އެންމެ މޮޅު ދަރިވަރަކަށް ނަފުހާ މޫސާ ހޮވައިފިއެވެ. ނަފުޙާ ވަނީ މަތީ ސާނަވީގެ ގަދަ ދިހައެއްގެ ފަސް ވަނަ ހޯދާފައެވެ.
ރޭ އެ ސްކޫލްގައި ބޭއްވި، ފާއިތުވި އަހަރުގެ މަތީ ސާނަވީގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޑރ. އަބްދުﷲ ރަޝީދެވެ.

އަހުމަދިއްޔާ ސްކޫލުގެ 178 ދަރިވަރުން ފާއިތުވި އަހަރު މަތީ ސާނަވި އިމްތިޙާނުގައި ބައިވެރިވިއެވެ. އޭގެ ތެރެއިން 50 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. އަދި ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނުނު އަށް ދަރިވަރުން، ފަސް މާއްދާއިން 11 އެވޯޑް ހޯދިއެވެ.
އަހުމަދިއްޔާގެ ހަ ދަރިވަރަކު އެކައުންޓުން މުޅި ދުނިޔެއިން އެއްވަނަ ހޯދިއެވެ. ބިޒްނަސްއިން އެއް ދަރިވަރަކު އެއްވަނަ ހޯދިއިރު، އިތުރު ދަރިވަރަކު ފަސްވަނަ ހޯދިއެވެ. އަދި އެއް ދަރިވަރަކު ވަނީ ފިޒިކްސްއިން ދުނިޔެއިން ދެވަނަ، ކެމިސްޓްރީން ދުނިޔެއިން ހަވަނަ، ހިސާބުން ދުނިޔެއިން ހަތަރުވަނަ ހޯދާފައެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަހުމަދިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، މިދިޔަ އަހަރަކީ، އެ ސްކޫލްގެ "ޓްރެކް ރެކޯޑު" ދައްކާ ގޮތުން، އެންމެ ފަޚުރުވެރި ނަތީޖާ ހޯދި އަހަރު ކަމަށެވެ.
އަހުމަދިއްޔާ ސްކޫލުން ބުނީ، މަތީ ސާނަވީގައި ބައިވެރިވި ދަރިވަރުން ހޯދި ވަކިވަކި މާއްދާތަކުގެ ނަތީޖާއަށް ބަލާއިރި، ބިޒްނަސްއާއި އެކައުންޓުގެ އިތުރުން އިކޮނޮމިކްސްގައި ބައިވެރިވި ހުރިހާ ދަރިވަރުން ފާސްވެފައިވާ ކަށަވެ. އިސްލާމުން 95.9 އިންސައްތަ، ދިވެހިން 91.8 އިންސައްތައް، ހިސާބުން 87.1 އިންސައްތަ، ފިޒިކްސްއިން 71.3 އިންސައްތަ، ބައޮލޮޖީން97.9 އަދި ކެމިސްޓްރީން 96.6 އިންސައްތަ ދަރިވަރުން ފާސްވިކަމަށެވެ.
advertisment
ހިޔާލު