އިޖްތިމާއީ ޒިންމާގެ ދަށުން ކުރިނބީ ސްކޫލްގެ ދަރިވަރުން ނުކުމެ އެރަށުގައި ފެންހެދިފައި ހުރި މަގުތަކަށް ފަސްއެޅުމަށް ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވެއްޖެއެވެ.
މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ހަރަކާތުގައި އެ ސްކޫލްގެ ގުރޭޑް 9އާއި10ގެ 17 ދަރިވަރުން ބައިވެރިވިއެވެ.
ވިއްސާރައިގެ ސަބަބުން ގިނަ ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވުމަކީ އާންމުކަމެކެވެ. އެހެންވެ އެރަށުގެ ކައުންސިލުން ކުރިއަށް ގެންދިޔަ މަސައްކަތުގައި އެ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުން ބައިވެރިވީ އިޖްތިމާއީ ޒިންމާގެ ދަށުން، ރަށުގެ ރައްޔިޔުން ކުރަމުން ދިޔަ މަސައްކަތުގައި ބައިވެރިވުމަށެވެ.

ކުރިނބީ ސްކޫލްގެ ލީޑިންގ ޓީޗަރު، މުޙައްމަދު ލަތީފު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލްގެ "ކޮމިއުނިޓީ ކުލަބު"ގެ ފަރާތުން އިޖްތިމާއީ އެފަދަ މަސައްކަތްތަކުގައި އަބަދުވެސް ބައިވެރިވާ ކަމަށެވެ. ކުލަބުގެ ހަރަކާތްތައް މި އަހަރު ފަށައިގަނެ، ގުރޭޑް 9އާއި ދިހައެއްގެ ދަރިވަރުން ބައިވެރިވީ މަގުތައް އެއްވަރުކޮށް ފަސްއެޅުމުގައެވެ. މި މަސައްކަތުގައި ދެ ޖިންސްގެ ދަރިވަރުން ބައިވެރިވިއެވެ.
" ފިރިހެން ދަރިވަރުން ވެލިގެނެސް މަގުތަކަށް އޮއްސާލީމާ، ފަތުރާލާ އެއްވަރު ކުރުމުގެ މަސައްކަތުގައި އަންހެން ދަރިވަރުން ބައިވެރިވީ" ލަތީފު ވިދާޅުވިއެވެ.
ކުރިނބީގެ އެންމެ ބޮޑު މަގުގެ 70 އިންސައްތައަށްވުރެ ބޮޑުބައެއްގައި ހެދިފައި އޮތް ފެންގަނޑު، ފަސްއަޅައިގެން މިހާރު ވަނީ ހިންދާލާފައެވެ.

ލަތީފު ވިދާޅުވީ ކުރިނބީ ސްކޫލްގެ ގުރޭޑް 4ން ފެށިގެން 10ގެ ދަރިވަރުން ބައިވެރިވާ "ކޮމިއުނިޓީ ކުލަބުން ރަށުގެ އެކި ތަންތަން ސާފުކުރުމުގެ މަސައްކަތް ފާއިތުވި އަހަރުވެސް ކޮށްފައިވާކަމަށެވެ. އެލަބުގެ ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރަނީ އުމުރުތަކަށް ބަލައިގެންނެވެ.
" މިފަދަ މަސައްކަތް ކުރާއިރު، ކުލަބުގައި ބައިވެރިވެވެނީ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީއަކާއެކު. ކުއްޖާގެ ހާލަތަށް ބަލާ، އެންމެ އެކަށީގެންވާ ހަރަކާތްތަކުގައި ބައިވެރިކުރުވަނީ" ލަތީފު ވިދާޅުވިއެވެ.
ލަތީފު ވިދާޅުވީ، ގުރޭޑް 7 ނިންމާއިރު، އިޖްތިމާއީ ޒިންމާގެ ދަށުން އެ ދަރިވަރަކު ކުރި މަސައްކަތް ފާހަގަކޮށް ހަނދާނީ ލިޔުމެއް ސްކޫލުން ދޭ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ކުލަބުގެ ހަރަކާތްތަކަށް ދަރިވަރުން ޝަޢުޤުހުންނަ ކަމަށެވެ.
ކުރިނބީ ސްކޫލްގައި މި ވަގުތު 150 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު