ވޯލްޑް ސްކޮލާސްގެ ފުރަތަމަ ބުރު މާދަމާ ޣިޔާސުއްދީނުގައި ފަށާނެއެވެ. ފުރަތަމަ ރައުންޑަކީ ރީޖަނަލް ރައުންޑުގެ ގޮތުގައި ކުރިއަށް ގެންދާބައެވެ. ދެ ދުވަހުގެ މުއްދަތަށް ( އޮގަސްޓް 16ން 17އަށް) ކުރިއަށް ގެންދާ މި މިބާރާތުގައި ހަތަރު ސްކޫލަކުން ބައިވެރިވެއެވެ. އެއީ މި މުބާރާތް ރާއްޖޭގައި އިންތިޒާމްކުރާ، ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ އިތުރުން ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލާއި ބްރައިޓްވޭ ސްކޫލާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. މި ހަތަރު ސްކޫލުން 203 ދަރިވަރުން ބައިވެރިވެއެވެ.
މި މުބާރާތް ކުރިއަށް ދަނީ އިލްމީ ގިނަ ބައިތަކެއް ހިމަނައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮލެބްރޭޓިވް ރައިޓިންގ އާއި ޓީމް ޑިބޭޓާއި، ސްކޮލާސް ޗެލަންޖާއި ސްކޮލާސް ބޯލްއެވެ. މި މުބާރާތުގެ ބައެއް އިވެންޓްތަކުގައި ފަނޑިޔާރުކަން ކުރަނީ، ވޯލްޑް ސްކޮލާސްގެ ޓީމުގެ މެމްބަރުންނެވެ. ޓީމް ޑިބޭޓްގައި ފަނޑިޔާރުކަން ކުރަނީ މުބާރާތުގައި ބައިވަރިވާ ސްކޫލްތަކުގެ ޓީޗަރުންނެވެ.
މުބާރާތުގައި ބައިވާނީ ތިން ކުދިން ހިމެނޭ ޓީމްތަކުންނެވެ. ރީޖަނަލް ރައުންޑުން ކޮލިފައިވާ ދަރިވަރުން ދާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތައިލެންޑްގެ ބެންކޮކުގައި ބާއްވާ ގްލޯބަލް ރައުންޑަށެވެ. ގްލޯބަލް ރައުންޑުން ހޮވޭ ދަރިވަރުން ދާނީ އެމެރިކާގެ ޔޭލް ޔުނިވަރސިޓީގައި ބާއްވާ ފައިނަލް ރައުންޑަށެވެ. އަދަބީ ގިނަ ހަރަކާތްތައް އެކުލެވޭ ގޮތަށް ދަރިވަރުންގެ އިލްމީ ގާބިލުކަން އިތުރުކޮށްދޭ މި މިމުބާރާތް އިންތިޒާމް ކުރަނީ އެމެރިކާގެ ކުންފުންޏަކުންނެވެ. މި މުބާރާތް ތަޢާރަފުކުރީ 2006 ވަނަ އަހަރުއެވެ. މި މުބާރާތުގައި 65 ގައުމަކުން 15،000 ދަރިވަރުން ބައިވެރިވެއެވެ.
މި މުބާރާތުގައި ރާއްޖޭގެ ދަރިވަރުން ވަނީ ގްލޯބަލް ރައުންޑާއި ފައިނަލްރައުންޑްގައި ގިނަ ކާމިޔާބީތަކެއް ފާއިތުވި އަހަރުތަކުގައި ހޯދާފައެވެ.
advertisment
ހިޔާލު