ހަ ކުލާސްރޫމާއެކު ނޮޅިވަރަމް ސްކޫލަށް ހަމަ ނޭވާއެއް

ޖާގައިގެ ދަތިކަމަކީ ބައިގަރުނުވީ ނޮޅިވަރަމް ސްކޫލަށް އަބަދު ވެސް ދިމާވެފައިވާ ދައްޗެކެވެ. އެ ދަތިކަމާއެކު، އުނަދަގުލުން ނަމަވެސް ހަމަ ނޭވާއެއް ލެވުނީ ދިރާސީ އާ އަހަރާއެކު އަލަށް ކިޔަވަން ފެށި ހަ ކުލާސްރޫމުގެ އިމާރާތާ އެކުގައެވެ.

އެ ސްކޫލަކީ ޖާގައާ އަޅާބަލާއިރު، ކުދިންގެ އާބާދީ އިތުރު ސްކޫލެކެވެ. ހދ. އަތޮޅުގައި އޮތް ކުޅުދުއްފުށި ފިޔަވައި ދެން އެންމެބޮޑު އާބާދީއަކަށް ކިޔަވައިދެނީ އެ ސްކޫލުގައެވެ. މިއަދާ ހަމަށް 635 ދަރިވަރުން، ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.

އަލަށް ކިޔަވައިދޭން ފެށި ހަ ކުލާސްރޫމާއެކު މިހާރު 18 ކުލާސްރޫމް އެ ސްކޫލްގައި އެބަހުއްޓެވެ. އެކަމަކު އެއީވެސް އާބާދީއާ އަޅާބަލާއިރު މަދުއަދެދެކެވެ.

" ހަމަ ނޭވާއެއް އަދި ކިރިޔާ މި ލެވުނީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހިލެވޭނީ އަދި 12 ކުލާސް ލިބި، އެއް ދަންފަޅިއަށް ސްކޫލް ބަދަލުކުރުމުން" ނޮޅިވަރަމް ސްކޫލްގެ ޕްރިންސިޕަލް އަދުނާން އަލީ ވިދާޅުވިއެވެ.

ނޮޅިވަރަމް ސްކޫލްގެ ދަރިވަރުން: ޖާގައިގެ ދަތިކަމާހުރެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދަން ދަތިވޭ- ފޮޓޯ: ނޮޅިވަރަމް ސްކޫލް

އަދުނާން ވިދާޅުވީ، އިމާރާތުގެ ދަތިކަން އިންތިހާއަށް އޮތުމުން އެ ސްކޫލް ހިންގަނީ ދެ ދަންފަޅިއަށެވެ. އޭގެ ސަބަބުން އިތުރު ހަރަކާތްތައް ހިންގަން ވަރަށް ދައްޗެވެ.

" ހޯލެއްގެ ގޮތުގައި ބޭނުންކުރާ ތަނުގައި ކުލާސްރޫމްތަކެއްގެ ގޮތުގައި ބޭނުންކުރާތީ، ކުލާސް އޮންނަ ވަގުތު ތަކުގައި ހޯލުގައި އެއްވެސް ހަރަކާތެއް ނުބޭއްވޭނެ. އެއީ ވަރަށް ބޮޑު ދައްޗެއް"

މަލްޓިޕާޕަސް ހޯލެއްގެ މަސައްކަތް ވެސް ޓެންޑަރ ހިސާބުގައި އޮތީ، އެ އިމާރާތް ލިބުނަސް އެއީ މި ވަގުތަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އަދުނާނު ވިދާޅުވިއެވެ.

ނޮޅިވަރަމް ސްކޫލްގެ ދަރިވަރުން، ދިރާސީ އާ އަހަރާއެކު ސްކޫލަށް ނުކުތީ އާ ޔުނީފޯމަކާވެސް އެކުގައެވެ. އެއީ ބެލެނިވެރިންގެ ވަރަށް ބޮޑު އިންތިޒާރެކެވެ. ދަރިވަރުން ސްކޫލަށް ދިޔައީ އާ އިމާރާތަކާއި އާ ޔުނީފޯމަކާއެކު ކުރިމަގަށް ކުރެވޭ އުއްމީދާއެކުގައެވެ. އެ އުއްމީދާއެކު ރަނގަޅު ނަތީޖާއެއް ނެރެން ކުރަންޖެހޭ މަސައްކަތް ބައިވަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *