ކަޅާހުދުން ބެލެނިވެރިޔާ ކުރަހާ ދަރިފުޅުގެ މުސްތަގުބަލުގައި، ކުލަޖައްސަނީ ސްކޫލްގެ ހަތަރުފާރުގެ ތެރެއިން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އިމާދުއްދީން ސްކޫލްގައި ހުޅުވި ފަންނުވެށި މައުކަޒު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ޤައުމީ މަންހަޖުގެ ތަޞައްވަރަކީ ދިރިއުޅުމަށް ތައްޔާރުވެގައިވާ ދަރިވަރަކަށް ހެދުން ކަމަށާއި، ފަންނުވެށި ވެގެންދާނީ އެ އަމާޒަށް ވާޞިލްވުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އެއް ޙަރަކާތަށް ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެ ދަރިވަރުންގެ މުސްތަޤުބަލް އުޖާލާކޮށްލަދޭނެ އަލިގަދަ ދަންމަރެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފަންނުވެށި ޕްރޮގްރާމުން ދަރިވަރުންނަށް ދިރިއުޅުމަށް ބޭނުންވާ ތަފާތު ފަންނުތަކުގެ ހުނަރުތައް ދަސްކޮށްދޭނެ ކަމަށެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ގުރޭޑް ދިހައެއް ފުރިހަމަކުރާއިރު، ފަންނުވެށި މެދުވެރިކޮށް އެކުއްޖަކު ބޭނުން ދާއިރާއަކުން ލެވެލް ތިނެއްގެ ސެޓްފިކެޓެއް ޙާޞިލްކުރަން ފުރުޞަތު ލިބޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ސްކޫލް ނިންމާއިރު، ދިރިއުޅުމަށް ބޭނުންވާނެ ހުނަރާއި ވަޒީފާގެ ފަހި ފުރުޞަތު ތަނަވަސްވެގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިއަދު ލިބޭ އުފަލަކީ އދ. ތަޢުލީމީ ލަނޑުދަނޑީގެ ތެރެއިން ސަސްޓެއިނަބަލް ޑިވެލޮޕަންޓް ގޯލް 4 ގައި ހިމެނޭ ލަނޑުދަނޑިތައް ދިވެހިރާއްޖެއަށް ޙާޞިލްކުރެވެމުން އަންނަ ކަމުގެ އިހުސާސް ކުރެވުން ކަމަށެވެ.
" ކޮންމެ ބެލެނިވެރިއަކުވެސް އެ ބެލެނިވެރިއެއްގެ ދަރިފުޅު ސްކޫލާ ހަމައަށް ދޫކޮށްލައްވަނީ އެ ދަރިފުޅުގެ މުސްތަޤުބަލް ކަޅާއި ހުދުން ކުރެހުމަށްފަހު. އެ ކުރެހުމުގައި ކުލަ ޖައްސުވައިދެނީ ސްކޫލްގެ ހަތަރު ފާރުގެ ތެރެއިން. އެ ދަރިފުޅުގެ ކުރިމަގު ބިނާކޮށް، އެ ދަރިފުޅުގެ ކިބައިގައި ހުރި ކުޅަދާނަކަން ފާހަގަކޮށް، އެ ކުޅަދާނަކަމާއި ހުނަރުވެރިކަން ނެރެދެނީ ސްކޫލްތަކުގެ މުދައްރިސުން" އެޑިޔުކޭޝަން މިނިސްޓަރު ރޭ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ، ފަންނުވެށިން އެތައް ހުނަރަކާއި ދިރިއުޅުމަށް ބޭނުންވާ އެތައް ފަންނުވެރި މަސައްކަތްތަކެއް ދަރިވަރުންނަން ދަސްކޮށްދެވޭނެ ކަމަށެވެ.
" އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ އެ ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުން މާދަމާ ދިވެހި ފަސްގަނޑުގައި ކާމިޔާބު ފަންނުވެރިންގެ ގޮތުގައި ތަފާތު ދާއިރާތަކުން ފެނިގެން ދިއުން"
އިމާދުއްދީނުގައި ހުޅުވި ފަންނުވެށީގައި ކުރިއަށް ގެންދަނީ ހަތަރު ޕްރޮގްރާމެވެ. އެއީ ކެއްކުމަށް ޚާއްޞަ ކޮށްފައިވާ "ކައްކާވަތި" ބިއުޓީ ތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ޤާއިމްކޮށްފައިވާ "ނަލަވަތި" ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްޞަ ކޮށްފައިވާ "ޓެކްވަތި" އާއި ފެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްޞަކޮށްފައިވާ " ފަހާވަތި" އެވެ.
advertisment
ހިޔާލު