ކުޅުދުއްފުށީގައި ހިންގާ ސްމާޓް ވެލީ ލަރނިންގ އިންސްޓިޓިއުޓްގެ ފަރާތުން " ޔަންގް އިންޖިނިއަރސް" ޕްރޮގްރާމް މިއަދު ތަޢާރަފުކޮށްފިއެވެ.
މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ކުޅުދުއްފުށީ މޭޔަރު މުޙައްމަދު އާތިފެވެ.
ކުޅުދުއްފުށީގައި ތުއްތު ކުދިންނަށް ޕްރީ ޕްލޭ ސްކޫލަކާއި ޓިއުޝަން ސެންޓަރެއްގެ ޚިދުމަތް ދެމުން އަންނަ ސްމާޓް ވެލީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އިމްރާން ދަރިވަރު ނޫހަށް ވިދާޅުވީ، ޔަންގް އިންޖިނިއަރސް ޕްރޮގްރާމަކީ ދުނިޔޭގެ 50 އަށްވުރެ ގިނަ ޤައުމުގައި ހިންގަމުންދާ ކާމިޔާބު ޕްރޮގްރާމެއް ކަމަށެވެ.
ސައިންސަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ހަ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށެވެ. މި ޕްރޮގްރާމުގައި ކިޔަވައިދޭނީ ސައިންސާއި ޓެކްނޮލޮޖީއާއި އިންޖިނިއަރިންގެ އިތުރުން ހިސާބެވެ.
އިމްރާން ވިދާޅުވީ، މި ޕްރޮގްރާމުން ދަރިވަރުންނަށް ދަސްކޮށްދެނީ، ޕްރޮބްލަމް ސޯލްކުރުމާއި ޓައިމް މެނޭޖްމެންޓާއި ކޮމިއުނިކޭޝަން އަދި ޓީމް ވޯރކެވެ. މީގެ އިތުރުން ފައިން މޯޓޯ ސްކިލްސް ވެސް މި ޕްރޮގްރާމުގެ ތެރެއިން ދަސްކޮށްދޭނެއެވެ.
ބޭރުގެ ފްރެންޗައިސް ޕްރޮގްރާމެއްގެ ގޮތުގައި ރާއްޖޭގައި މި ޕްރޮގްރާމް ފަށާނީ މިމަހުގެ 21ގައެވެ.
އިމްރާން ވިދާޅުވީ، މި ޕްރޮގްރާމުގައި ކިޔަވައިދޭނީ، ހަފްތާއަކު އެއް ދުވަހު 90 މިނިޓަށެވެ.
އިމްރާން ވިދާޅުވީ، ކުޅުދުއްފުށީގެ އިތުރުން މާލެއާއި ހުޅުމާލޭގައި ވެސް ކުރިއަށް ދެ ހަފްތާގެ ތެރޭގައި ޔަންގް އިންޖިނިއަރސް ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ޔަންގް އިންޖިނިއާރސް ޕްރޮގުރާމް ކުރިއަށްގެންދާ މަޝްހޫރު ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި އިނގިރޭސި ވިލާތާއި ޖަރުމަނާއި އިޓަލީއާއި ޖަޕާނާއި ސިންގަޕޫރުގެ އިތުރުން މެލޭޝިއާ ހިމެނެއެވެ.
advertisment
ހިޔާލު