މުދައްރިސްކަމުގެ ލައިސަންސް ދޫކުރަން ފަށާނީ ދެ އަހަރު ފަހުން ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތް މިއަހަރުތެރޭގައި ކުރިއަށް ގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތަޢުލީމުގެ ޤާނޫނުން ބާރުއަޅަނީ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށް ދިނުމަށެވެ. ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށް ދިނުމަށް އެންމެ މުހިންމު އެއް ކަމަކީ ލައިސަންސެއްގެ ދަށުން މުދައްރިސުންނަށް ކިޔަވައިދެވޭ ގޮތް ހަމަޖެއްސުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ލައިސަންސް ދޫކުރުމަށް ހަދަންޖެހޭ ޤަވާއިދުތަކާއި ދޫކުރާނެ ބައިތައް ކަނޑައަޅާ މިހާރު ނިމިފައިވާ ކަމަށެވެ. ލައިސަންސް ދޫކުރުމުގެ ކުރިއަށް، ތަންފީޒު ކުރަންޖެހޭ ކަމަކީ މުދައްރިސްކަމުގެ ތަމްރީނު ހަދާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ކަނޑައެޅުން ކަމަށާއި އެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
" ލައިސަންސް ދޫކުރުމުގެ ކުރިއަށް ތަންފީޒު ކުރަންޖެހޭ ކަމަކީ މުދައްރިސްކަމުގެ ތަމްރީނު ހަދާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ކަނޑައެޅުން. އެ ސިފަތައް މިހާރު ވަނީ ކަނޑައެޅިފައި. އެއާއެކު އޭގެ މައްޗަށް ބިނާކޮށް މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ބައްޓަން ކުރަން މިޖެހެނީ. އެ ޕްރޮގްރާމުގެ ތެރެއިން ކިޔަވައިގެން އަންނަ ބޭފުޅުންނަށް އަޅުގަނޑުމެން ލައިސަންސް ދުކުރާނީ" މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
" މުދައްރިސްކަމަށް އަންނަ ބޭފުޅެއް ވެއްޖިއްޔާ ފޭސް ޓު ފޭސް ހަތަރު އަހަރުގެ ޑިގްރީ ކޯހެއް އެއީ ކޮންމެހެން ހަދަންޖެހޭ އެއްޗެއް ގޮތަށް މެންޑޭޓް ކޮށްފައި އޮތީ"
މިނިސްޓަރު ވިދާޅުވީ، މިހާރު ކޯސް ހައްދަވާފައިވާ ބޭފުޅުންނަށާއި ޚިދުމަތުގައި ތިބި މުދައްރިސުންނަށް ވެސް ލައިސަންސް ދޫކުރާނެ ކަމަށާއި، ލައްސަންސް ދޫކުރާނީ ކެޓަގަރީތަކަށް ބަހާލައިގެން ކަމަށެވެ. މިހާރު ތިއްބެވި ބޭފުޅުން ލައިސަންސް ހޯދުމަށްޓަކައި ވަކި ވައްތަރެއްގެ ތަމްރީނެއް ހަދާކަށް ނުޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
" ލައިސަންސް ދޫކުރާނީ އަޅުގަނޑުމެން ކަނޑައަޅާ މިންގަނޑަށް ފަރުމާކުރާ ކޯސްތައް ހަދާ ބޭފުޅުންނަށް. މިހާރު ތިއްބެވި ބޭފުޅުންނަށް ވެސް އަޕްގުރޭޑް ވުމުގެ ފުރުޞަތު އަޅުގަނޑުމެން ދޭނަން" މިނިސްޓަރު ވިދާޅުވިއެވެ.
ތައުލީމުގެ ޤާނޫނަށް އަމަލުކުރަން ފެށިތާ އެއް އަހަރު މާދަމާ ފުރޭއިރު، އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް މިހާރު ހަދާ ނިންމާފަވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެންމެ މުހިންމު ޤަވާއިދަކީ ކިޔަވައިދިނުމުގެ އާންމު ގަވާއިދު ކަމަށާއި، އެ ޤަވާއިދަށް އޭޖީ އޮފީހުގެ ލަފާ ލިބިފައިވާ ކަމަށާއި ވަރަށް އަވަހަށް ގެޒެޓް ކުރައްވާނެ ކަމަށް މިނިިސްޓަރު ވިދާޅުވިއެވެ.
advertisment
ހިޔާލު