ދަރިވަރުންނާ ދިމާވާ ހުރިހާ އެންމެން ވެސް އެންމެ ބޮޑު ސަމާލުކަން ދޭންވީ ދަރިވަރުންގެ ރައްކާތެރިކަމަށް، އިސްކުރަންވީ ދަރިވަރުންގެ މަސްލަހަތު ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ވިދޅުވެއްޖެއެވެ.
ދިރާސީ އާ އަހަރު، ފެށުމުގެ މުނާސަބަތުގައި އެޑިޔުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ މިއަދު ދެއްވި ޙިޠާބުގައި ވަނީ، އެންމެހައި ދަރިވަރުންނަށާއި މުދައްރިސުންނަށް ސްކޫލްގެ ހިންގުންތެރިންނަށާއި ބެލެނިވެރިންނަށް ތައުލީމީ ދާއިރާގެ އެންމެހައި ޙިއްސާދާރުންނަށް ތަހުނިޔާ ދަންނަވާފައެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި، ތަޢުލީމުގެ ޤާނޫނުން ޙަވާލުކުރެވިފައިވާ އެންމެ މުހިންމު ކަމަކީ ދަރިވަރުންގެ ރައްކާތެރިކަމެވެ.
" ދަރިވަރުންނާ ދިމާވާ ހުރިހާ އެންމެންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ދަރިވަރުންގެ ރައްކާތެރިކަމަށް. އެންމެ ބޮޑަށް އިސްކުރަންވީ ދަރިވަރުންގެ މަސްލަހަތު. ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންނާ މުޢާމަލާތްކުރާ މީހުންނަކީ ކޮންބައެއްކަން ދެނެގަނެ އެއްވެސް މީހެއްގެ ފަރާތުން ދަރިވަރަކަށް ގެއްލުމެއް ވިޔަ ނުދިނުމަށް ސްކޫލްތަކުގެ އެންމެހާ މުވައްޒަފުންނާއި ބެލެނިވެރިން ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޓިއުޝަނަށް ދަރިވަރުން ފޮނުވުމުގައާއި ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރާއިރު އެ ފޮނުވޭ ތަނަކީ މިނިސްޓްރީން އާންމު ކުރެވިފައިވާ ޤަވާއިދުތަކާ އެއްގޮތަށް ހިންގާ ތަންތަންކަން ބެލެނިވެރިން ކަށަވަރުކުރުން މުހިންމު ކަމަށެވެ.
ދަރިވަރުންނާ މުހާޠަބު ކުރައްވައި، މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވީ، ކާމިޔާބީގެ ސިއްރަކީ ގަދައަޅާ މަސައްކަތްކުރުން ކަމަށާޢި، މި ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު ޢަޒުމްތައް ކަނޑައެޅުން މުހިންމު ކަމަށެވެ. ކޮންމެ ކުއްޖެއްވެސް އެކުއްޖެއްގެ ޢަޒުމްތައް ޙާޞިލްކުރަން، މަންޒިލަށް ވާސިލުވާން އެއްވާނެއްގައި މަސައްކަތްކުރަންވާނެ ކަމަށް ވެސް އެކަމަނާ ވަނީ ހުރިހާ ދަރިވަރުންނަށް ހަނދާންކޮށް ދެއްވާފައެވެ.
" ތިޔަކުދިންގެ ސަމާލުކަން ހުންނަންވާނީ ހަމައެކަނި ކިޔެވުމަކަށްނޫން. އެހެން މީހުން ތިމާއަށް ކުރާ ޤަދަރާއި އިޙްތިރާމް ބިނާވެފައި އޮންނަނީ، އޭނާގެ ފަރާތުން އޭނާ އުޅޭ ތަނަށް ކުރާ އަސަރަކަށް. އޭނާގެ ފަރާތުން މުޖުތަމަޢަށް ކުރާ ފައިދާއަކަށް"
އަދި ވިދާޅުވީ، އެހެން ކަމުން ކޮންމެ ކުއްޖެއް ވެސް އެކުއްޖެއް ދިރިއުޅޭ ރަށާއި އެކުއްޖެއްގެ އަވަށަށާއި އެކުއްޖެއްގެ އާއިލާއަށް ނޫނީ އެކުއްޖެއްގެ ވެއްޓަށް މަންފާކުރުވަނިވި، ކަމެއްގައި މަޝްޢޫލުވެ އުޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އިތުރުން ދިރިއުޅުމަށް ތައްޔާރުވުމަށްޓަކައި ކޮންމެ ކުއްޖަކު ވެސް މަދުވެގެން ޢަމަލީ ގޮތުން ދެ މަސައްކަތް ދަސްކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.
މުދައްރިސުންނަށް އަމާޒުކުރައްވައި މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވީ، މުސާރައަށް އައި ހެޔޮ ބަދަލުން ދައްކުވައިދޭންވީ ދަރިވަރުންނަށް ކިޔަވައި ދިނުމުގައި ބަހައްޓަވާ ފަރުވާތެރިކަމުގެ މައްޗަށެވެ.
ޤައުމު ބިނާކުރުމުގައި މުދައްރިސުން އަދާ ކުރައްވާ ދައުރު ސަރުކާރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށާއި، އެކަން ރަމްޒުކޮށްދޭ އެއްކަމަކީ މުސާރައަށް ގެނެސްދެއްވި ބޮޑު ކުރިއެރުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
" އަޅުގަނޑު އެދެނީ މުސާރައަށް އައި ހެޔޮ ބަދަލު، ދަރިވަރުންނަށް ކިޔަވައިދެއްވުމުގައި ބަހައްޓަވާ ފަރުވާތެރިކަމުން ފެނިގެން ދިއުން. ތިޔަ މުދައްރިސުން ކުރައްވާ މަސައްކަތަކީ މުޅީ ޤައުމަށް އަދި އެތަކެއް ޖީލުތަކަށް އޭގެ އަސަރު ފޯރާނެ މަސައްކަތެއް. ތިޔަބޭފުޅުންގެ ޒިންމާތަކަކީ އޭގެ އަސަރު ބޮޑު ޒިންމާތަކެއް. އެހެން ކަމުން ތިޔަބޭފުޅުން ވާންވާނީ ޢަމަލުތައް އިޚްލާސްތެރި، ހަރަކާތްތަކުން ނަމޫނާ ދައްކާ، ދަރިވަރުންގެ ޙައްޤުތައް ރައްކާތެރިކުރާ ބަޔަކަށް"
ބެލެނިވެރިންނާ މުހާޠަބުކުރައްވައި، މިނިސްޓަރު ވިދާޅުވީ، ދަރިވަރުންނަށް އުގައްނައިދިނުމުގައާއި ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.
" ދަރިވަރުންގެ އުނގެނުމަށް ވާގިދޭ ކަންތައްތަކަށް އެކުދީން ހުށަހަޅާ، މަދަރުސާއިންދޭ ތަރުބިއްޔަތު ނަފީކުރާ ހަރަކާތްތަކާއި މަންޒަރުތަކާއި އަޑުތައް އެކުދީން ރައްކާތެރިކުރަންޖެހޭ. ދަރިވަރެއްގެ ފުރިހަމަ ޤާބިލިއްޔަތުގައި ކުރިއަށް ދިއުމަށް އެހީތެރިވެދޭ ފައްސިޔަ ވަޔަކީ ބެލެނިވެރިންނާއި މުދައްރިސުން"
ޓީވީއާއި ރޭޑިޔޯ މެދުވެރިކޮށް، އެޑިޔުކޭޝަން މިނިސްޓަރުގެ ހިޔާބު ނިންމާލެއްވީ، ދިވެހި ދަރިވަރުންނަކީ، އަޅުގަނޑުމެން އެންމެންގެ އެހީތެރިކަމާއި އަޅާލުންތެރިކަން ބޭނުންވާ ބައެއްކަމަށެވެ. އެކުދީން ކިޔަވައި، ކުޅެ ބޮޑުވާނޭ ރައްކާތެރި، އުފާވެރި މާޙައުލެއް ހޯދާދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއްކަން ހަނދުމަފުޅުކޮށް އަރުވަމުންނެވެ. ތަޢުލީމީދާއިރާހެ ޙިއްސާދާރުންނަށް ކާމިޔާބު ފެހިފަހި ފާގަތި އަހަރަކަށް އެދެމުންނެވެ.
advertisment
ހިޔާލު