މާލޭގެ ސަރަހައްދުގައި ހުރި ސަރުކާރުގެ ސްކޫލްތަކުގެ ގުރޭޑް އެކެއްގައި 3000 އެންހާ ދަރިވަރުން ކިޔަވަމުން ދާނެ ކަމަށާއި މިހާތަނަށް 1990 ދަރިވަރުންނަށް ފުރުޞަތު ދީފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ އެޑިޔުކޭޝަން އޮފިސަރު، އަހުމަދު ނަސީމް ވިދާޅުވީ، ވިލިމާލެއާއި މާލޭގެ ސްކޫލްތަކުން 1790 ދަރިވަރުންނަށް ގުރޭޑް އެކަކުން ޖާގަ ދީފައިވާ ކަމަށެވެ. ގުރޭޑް އެކަކަށް ހުޅުމާލޭގެ ސްކޫލްތަކުން ޖާގަ ދީފައިވާ ކުދިންގެ އަދަދު 1200 އަރައެވެ. ހުޅުމާލޭގެ ސްކޫލްތަކުން ޖާގަ ހަމަޖައްސަ ދީފައިވާ ދަރިވަރުންގެ ތެރޭގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ހުޅުވާ ކާމިލު ދީދީ ޕްރައިމަރީ ސްކޫލުން ޖާގަ ދީފައިވާ ދަރިވަރު ހިމެނެއެވެ. އެ ސްކޫލް ހުޅުވަން ނިންމާފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
ނަސީމް ވިދާޅުވީ، ސްކޫލްތަކުން ޖާގަ ހޯދަން ވެގެން އެޕްލިކޭޝަންތައް މިހާރުވެސް ލިބެމުން އަންނަ ކަމަށާއި، ގުރޭޑް އެކަކުން ދިހައެއްގެ ކުލާސްތަކަށް ވަންނަން 5260 އެޕްލީކޭޝަން ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން މަދު އަދަދެއްގެ ފޯމްތަކެއް ނޫނީ އެހެން ހުރިހާ ފޯމްތައް ހުށަހެޅި ފަރާތްތަކަށް ޖަވާބުދީފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މާލޭގެ ސްކޫލްތަކުން ޖާގަ ދިން ދަރިވަރުންގެ ތެރޭގައި، އަތޮޅުތެރޭގެ ސްކޫލްތަކުގައި ކިޔަވަމުން ދިޔަ 1500 އެންހާ ދަރިވަރުން ހިމެނޭކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓަރުގެ ނާއިބް އަހުމަދު މުޖާހިދު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކާމިލު ދީދީ ސްކޫލް ޕްރައިމަރީ ސްކޫލެއްގެ ގޮތުގައި މިހާރު ހުޅުވި ނަމަވެސް އެ ސްކޫލަކީ ޕްރީ ސްކޫލެއް ކަމަށެވެ. އޭނާ ވިދާޅުވީ، ދެވަނަ ފިޔަވަހީގައި ސްކޫލްތަކުގެ ޚިދުމަތް ނުދެވޭތީވެ، އެ ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ޕްރީ ސްކޫލާއެކު ޕްރައިމަރީ ގުރޭޑްތަކަށް ކާމިލު ދީދީ ސްކޫލުން ކިޔަވައިދޭނެ ކަމަށެވެ. އެ ސްކޫލްގައި ކިޔަވައިދޭނީ ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 6 އާ ހަމައަށެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ވެސ ޕްރީ ސްކޫލެއް ސަރުކާރުން ހިންގައެވެ. މުޙައްމަދު ޤާސިމް ޕްރީ ސްކޫލްގައި މި އަހަރު 800 އެންހާ ދަރިވަރުން ކިޔަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
advertisment
ހިޔާލު