ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ މަހުގެ ހަތް ވަނަ ދުވަހު ފަށާއިރު، ޅ. ނައިފަރުގައި ހުންނަ މަދަރަސަތުލް އިފްތިތާހު ތައްޔާރު ކުރުމުގައި އެ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުން ބޮޑު ރޯލެއް ދަނީ އަދާކުރަމުންނެވެ.

ދިރާސީ އާ އަހަރަށް ސްކޫލް ހުޅުވާންވާއިރަށް، ކަރަންޓް ވައިރިންގެ މަސައްކަތްތަކާއި ކުލަލުމާއި، ޒީނަތްތެރި ކުރުމުގެ މަސައްކަތުގައި ބެލެނިވެރިންނާއި ޓީޗަރުންނާއި ދަރިވަރުންގެ އެހީތެރިކަން އެ ސްކޫލަށް އަންނަނީ ލިބެމުންނެވެ. ބައެއް ދަރިވަރުން ވަނީ ސްކޫލްގެ އިމާރާތްތަކުގައި ކުލަލުމުގައި އަމަލީ ގޮތުން ބައިވެފައެވެ. ކުލަލުމުގައި ބައިވެރިވި ދަރިވަރުންގެ ތެރޭގައި އެންހެން ދަރިވަރުން ވެސް ހިމެނެއެވެ.

ސްކޫލްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، މަސައްކަތް ކުރަމުން ދިޔަ ފަރާތްތަކަށް ވެސް ސައި ފޯރުކޮށް ދިނުމުގައި ބެލެނިވެރިންގެ އިތުރުން ސްކޫލްގެ މުދައްރިސުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ހާހެންހާ ދަރިވަރުން ކިޔަވަމުންދާ އެ ސްކޫލްގެ ކުލާސްތަކަށް ބޭނުންވާ ގޮނޑިތައް، އެރަށަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ހަދިޔާކުރައްވާފައެވެ.
އިފްތިތާހުގެ މަސައްކަތް ކުރިއަށް ދިޔައިރު، ޅ. އަތޮޅު ހޮސްޕިޓަލުން ވަނީ ސްކޫލް ޒީނަތްތެރި ކުރުމަށް ގަސް ހަދިޔާކޮށްފައެވެ.
އިފްތިތާހުގެ ޕްރިންސިޕަލް އައިޝަތު ފަރުހަތު ވިދާޅުވީ، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސްކްލްގެ މާހައުލު ދަރިވަރުންނަށް ފަހި މާހައުލަކަށް ހެދުމަށް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބެމުންދާ ކަމަށާއި، ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި ޕީޓީއޭގެ އެގެޒެކެޓިވް ބޯޑްގެ އެހީތެރިކަން އިންތިހާއަށް ލިބެމުން އަންނަ ކަމަށެވެ.
ފަރުހަތު ވިދާޅުވީ، ސްކޫލްގެ ގޯތިތެރޭގއި ފަސޭހައިން ފެންހެދޭތީ، ދޮޅު ފޫޓަށް ކޮނެފައި، ގާތައް ނަގާ އެތަން އެއްވަރުކުރުމުގެ މަސައްކަތް ކޮށްދީފައިވަނީ ރަށު ކައުންސިލުން ކަމަށެވެ.
"ފެންހެދިފައި އޮންނާތީ ކުދިންނަށް އެތަން ބޭނުންކުރަން އެހާމެ އުނދަގޫ. މިހާރު އެކަމަށް އެކަށީގެންވާ ހައްލެއް ރަށު ކައުންސިލުން ގެނެސް މި ދިނީ. މިހާރު ދަރިވަރުންނަށް ފަސޭހަ ކަމާއެކު ސްކޫލްގެ ތެރޭގައި ކުޅެވެސް ހަދާލެވޭނެ" ފަރުހަތު ވިދާޅުވިއެވެ.
ފަރުހަތު ވިދާޅުވީ، އަތޮޅު ކައުންސިލުން ވެސް އެ ސްކޫލަށް ބޮޑު އެހީތެރިކަމެއް ވެ ދެމުންއަނަ ކަމަށެވެ. ޚާއްޞަ ގޮތެއްގައި އަތޮޅު ކައުންސިލްގެ ރައީސް އަމިއްލަ ހަސިއްޔަތުން ކޮށްދެއްވާ ކަންތައްތައް އޭނާ ފާހަގަކުރެއްވިއެވެ.
advertisment
ހިޔާލު